އިންޑިއާ ހައި ކޮމިޝަންއިން ފޮރިންގ މިނިސްޓްރީއަށް ފޮނުވި ސިޓީގައިވަނީ، މުވައްޒިފުންގެ ސަލާމަތަށް ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފަ

ހައި ކޮމިޝަންގެ ޝަކުވާގެ ސިޓީ! މިނިވަން މީޑިއާގެ ދައުރަކީ ކޮބާ؟

ހައި ކޮމިޝަންގެ ޝަކުވާގެ ސިޓީ! މިނިވަން މީޑިއާގެ ދައުރަކީ ކޮބާ؟

ނޫސް މީޑިއާތަކަކީ ޑިމޮކްރަސީގެ 4ވަނަ ބާރު ކަމުގައި ބުނެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ގާނޫނު އަސާސީގައި، ޑިމޮކްރަސީގެ 4 ވަނަ ބާރަކީ މީޑިއާކަމުގައި ސާފުބަހުން ލިޔެ ބަޔާން ކޮށްފައި ނުވި ނަމަވެސް، މީޑިއާގެ މިނިވަންކަމާއި މީޑިއާށް ލިބިދީފައިވާ އިޚްތިޔާރުތަކާއި ބާރުތައް އެގާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ސާފުކޮށް ބަޔާން ކޮށްދީފައި އޮތުމުން، ގާނޫނު އަސާސީން އެކަށައެޅި ޑިމޮކްރަޓިކް ނިޒާމުގައި މިނިވަން ނޫސްވެރިކަމާއި މީޑިއާގެ ދައުރު ކިތަންމެހާވެސް ރަގަޅަކަށް ސާފުވާން އެބައޮތެވެ.

އަދި ހަމަ އެފަދައިން، ފުރިހަމަ އަދި ޕްރޮފެޝަނަލް މީޑިއާއަކާ ނުލާ، މިނިވަން ޑިމޮކްރަސީއަކަށް އެއްވެސް ގައުމެއްގައި ދެމި ނުއޮވެވޭނެކަން މިއީ މިއަދު ދުނިޔޭގެ އެކިއެކި ގައުމުތަކުން ފެންނާން އޮތް ދިރިހުރި މިސާލެއްވެސްމެއެވެ. މީޑިއާއަކީ ޑިމޮކްރަސީގެ 4 ވަނަ ބާރަށް ވެގެން ދަނީވެސް މިސަބަބައްޓަކައެވެ.

ޚުދުމުޚްތާރު ވެރިކަންތައް އަދުގެ ދުނިޔޭގައި ހިގަމުން އަންނަ ގައުމުތައް ކަމުގައިވާ، އުތުރު ކޮރެއާއާއި، ރަޝިއާ އަދި ވެނެޒުއޭލާފަދަ ގައުމުތަކަށް ނަޒަރެއް ހިންގާލުމުން މިހަގީގަތް ވަރަށް ރަގަޅަށް ސިފަކުރެވިގެން ދާނެެވެ. މި ގައުމުތަކުގައި ވެރީން ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލައިގެން އުޅެނީ، މީޑިއާތަކުގެ މިނިވަންކަން ނިގުޅައިގަނެ، ގޮޑިކޮއްކޮ މީޑިއާތަށް އެގައުމުތަކުގައި ގާއިމް ކޮށްގެންނެވެ.

އަދި ހަމަ އެފަދައިން ޑިމޮކްރަސީ ނެތް، އަރަބި ދުނިޔޭގެ ގައުމުތަކަށް ނަޒަރެއް ހިންގާލުމުންވެސް، ދައުލަތުގެ ބާރުތައް އެކެއްގެ މުށުތެރެއަށް ޖަމާވެ، ދައުލަތާއި ވެރިން ޒިންމާދާރު ކުރުވާނެ ފަރާތެއްނެތި، އެކަންކަމުގެ މަތިން ރައްޔިތުން ހަދާންނެތި، މުޅި ދައުލަތުގެ ބައިތުލްމާލާ މުދަލާ ވަސީލަތްތަކަކީ ވަކި ބައެއްގެ އެކަނި މިލްކެއްކަމުގައި ހަދާފައިވަނީވެސް ހަމަ މިއުސޫލުގެ މަތިންނެވެ.

އެހެންކަމުން، މިނިވަން މީޑިއާ ނެތިކޮށްލުމުން ޖާގަ ލިބިގެންދަނީ، އަނެއް 3 ބާރު މަސްހުނިވެ، ތިން ބާރުވެސް އެގެއްކެ އަތްމައްޗަށް ޖަމާކޮށްލުމުގެ ފުރުސަތެވެ.

ނަތީޖާއެއްގެ ގޮތުން، ޚުދުމުޚްތާރު ވެރިން ހުރިހާ ޒަމާނެއްގައިވެސް އެންމެ ޖެހިލުންވާ އެންމެ މުހިންމު އެއް ވަސީލަތަކީ މިނިވަން މީޑިއާއެވެ. ސައުދީ އަރަބިއާގެ ރައްޔިތެއްކަމުގައިވާ، ނޫސްވެރިޔާ ޖަމާލް ޚަޝޯގީ، ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ހާދިސާއަކީ، މި ހަގީގަތުގެ ދިރިހުރި މިސާލެކެވެ.

ޖަމާ ޚަޝޯގީއަކީ، ސައުދީ ޝާހީ އާއިލާއާއި ބެހޭގިތުން ބޭރުގެ މީޑިއާތަކުގައި ލިޔުއްވަމުން ގެންދެވި ނޫސްވެރިއެވެ

އެހެންކަމުން، ބަސްވިކޭ، މިނިވަން މިޑިއާއެއް ގާއިމްވެފައި އޮތުމަކީ، ޑިމޮކްރަސީއެއް ކުރިފަޅާ، ފައްކާވުމަށް އޮތް ރުކުނެކެވެ. މިރުކުން ފުރާ ފުރިހަމަ ވާންއޮތީ ޒިންމާދާރު ކަމާއެކު މީޑިއާތައް ހިގައިގެންނެވެ. ޒިންމާދާރު މިޑީއާތަކެއް ވުޖޫދުގައި އޮވެގެންނެވެ. ނުވަތަ، މީޑިއާތައްވެސް ޒިންމާދާރު ކުރެވޭނެ ފުރިހަމަ އުސޫލުތަކެއް ގާއިމްކުރެވި، އެއުސޫލުތަކުގެ ދަށުން މިޑިއާތައް ޒިންމާދާރު ކުރެވިގެންނެވެ.

ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ، މީޑިއާކީ ޑިމޮކްރަސީގެ 4 ވަނަ ބާރުގެ ގޮތުގައި އޮތް ކަމުގައިވި ނަމަވެސް، މީޑިއާވެސް ހަރަކާތްތެރިވާން ޖެހޭ އުސޫލުތަކެއް ހުރިކަމެވެ. ރެގިއުލޭޓް ކުރަންވެސް ޖެހޭކަމެވެ. ގާނޫނު އަސާސީން މީޑިއާތަކަށް ލިބިދީފައި އޮތް މިނިވަންކަމުގެ ބޭނުން ކުރުމާއި، ދައުލަތް ޒިންމާދާރު ކުރުވުމުގައި މީޑިއާތަކަށް ދަތުރު ކުރެވޭނީ ކިހާ ދުރުމިކަނަކަށްތޯ މިއީ ހަގީގަތުގައިވެސް މިއަދު ކޮށްލަން ޖެހިފައިވާ ސުވާލެވެ.

 

އިންޑިއާ ހައިކޮމިޝަނުން މީޑިއާތަކަށް ފިވަޅު އެޅުމަށް އެދުން

ދިވެހިރާއްޖޭގެ ލޯކަލް މީޑިއާއި އަދި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން، ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންއާއި، ހައިކޮމިޝަނަރ އަދި ހައިކޮމިޝަންގައި މަސައްކަތްކުރާ ޑިޕްލޮމެޓިކް ސްޓާފުންނާމެދު ނަފްރަތު އުފައްދާ އެފަރާތަތްކުގެ އަބުރަށް އަރައިގަންނަމުން ދާތީ، އެފަދަ ފަރާތްތަކާ ދެކޮޅަށް، ވިއެނާ ކޮންވެންޝަން (1961)ގައި ވާގޮތުގެމަތިން ފިޔަވަޅު އަޅައި ދިނުމަށް އިންޑިއާ ސަރުކާރުން މިވަނީ ފޮރިންގ މިނިސްޓްރީގައި އެދިފައެވެ.

އަދި މީގެ އިތުރުންވެސް، މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންއިން ފޮރިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ޝަކުވާގެ ސިޓީގައި އެދިފައިވަނީ، ވިއެނާ ކޮންވެންޝަން (1961)ގެ، ހާލަތާ ގުޅުން ހުރި އެންމެހާ މާއްދާތަކުން، ގައުމުން ބޭރުގެ މިޝަންތަކުގައި ތިބޭ އެންމެހާ މުވައްޒަފުންނަށް ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއެކު، ހައިކޮމިޝަގެ އިމާރާތާއި، ހައިކޮމިޝަނަރ ހުންނަވާ ގެކޮޅާއި، އަދި ހައިކޮމިޝަންގައި މަސައްކަތްކުރާ އެންމެހާ މުވައްޒިފުންނާއި، މުވައްޒިފުން ދިރިއުޅުއްވާ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ. އަދި މިއިން އެއްވެސް ފަރާތަކަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް އަމާޒުވެ ނުދިއުން ކަށަވަރު ކޮށްދިނުމުގެ އިތުރުން އެމީހުންގެ މިނިވަންކަމާއި ކަރާމާތައް އެއްވެސް ފަރާތަކަށް އަރައިނުގަނެވޭނެކަން ކަށަވަރު ކޮށްދިނުމާއި، އަދި މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ މަސައްކަތްތަކަށް ބުރޫ ނާރާނޭކަން، ވިއެނާ ކޮންވެންޝަންގައި ވާގޮތުގެމަތިން ކަށަވަރު ކަށަވަރު ކޮށްދިނުންމަށްވެސް ހައިކޮމިޝަންއިން ފޮރިންގ މިނިސްޓްރީއަށް ފޮނުވި މިސިޓިގައި އެދިފައި ވެއެވެ.

މިއީ މިފަދަ ގޮތަކަށް، ބޭރުގެ މިޝަންއަކުން، ރައްޖޭގެ ނޫސް މީޑިއާތަކުން ލިޔަމުން އަންނަ އާރޓިކަލްތަކަށް ރަސްމީ ސިފައެއްގައި ހިންހަމަ ނުޖެހުން ފާޅުކޮށް، އަދި ފިޔަވަޅު އަޅައި ދިނުމަށް ސީދާ ގޮތެއްގައި އެދުނު ފުރުތަމަ ފަހަރަުވެސް މެއެވެ.

އިންޑިއާ ސަރުކާރުން ފޮރިންގ މިނިސްޓްރީއަށް ފޮނުވި ސިޓީގައި، ފިޔަވަޅު އެޅުމަށް މައިގަޑު ގޮތެއްގައި އެދިފައިވަނީ، ވިއެއްނާ ކޮންވެންޝަންގައި، ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބިދީފައި އޮތް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ރިއާޔަތް ކުރަމުންނެވެ.

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި ޝަކުވާގެ މިސިޓީއަކީ، ގަބޫލުކުރެވޭ ގޮތުގައި، ރައްޖޭގެ ބައެއް ނޫސް މީޑިއާތަކުގައި އިންޑިއާގެ އެންބަސީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ޒާތަށް އަމާޒުކޮށް ލިޔެފައިވާ އާރޓިކަލްތަކަކަށް ނިސްބަތްކޮށް ފޮނުވާފައިވާ ޝަކުވާގެ ސިޓީއެވެ.

އަދި ޚާއްސަކޮށް އިދިކޮޅު ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމުގައިވާ ދިޔަރެސް ނޫހުގައި، މާލޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ ޒާތީ ބައެއް މައުލޫމާތުތައް ހިމަނައިގެން ޚާއްސަ އާރޓިކަލްއެއް ފާއިތުވެދިޔަ ހަފްތާގައި ލިޔެފައިވާކަންވެސް މިފުސަތުގައި ފާހަގަ ކޮށްލަންޖެހެއެވެ.

ހަގީގަތުގައިވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، މީޑިއާތަކުގައި ވަކިވަކި ފަރުދުންގެ ޒާތީ މައުލުމާތުތައް ހިމަނައިގެން ލިޔާ ލިޔުންތަކުގެ ނަތީޖާއެއްގެ ގޮތުގައި، އެފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފަދަ ހާލަތްތައް ވަރަށް ގިނަފަހަރަށް މެދުވެރިވެފައި ހުރިކަމެވެ. އަދި އަބުރުވެސް ގެއްލިގެން ދާކަމެވެ. އެފަދަ ހާލަތްތަކުގައި، ވަކިވަކި ފަރުންގެވެސް އަދި އެފަރުދުން ނިސްބަތްވާ މުވައްސަސާތަކުގެވެސް ކަންބޮޑުވުން ހުންނާނެއެވެ.

އެއީ އިންޑިއާގެ އެމްބަސީ ކަމުގައިވިޔަސް، ދިވެހި ރައްޔިތަކު ކަމުގައި ވިނަމަވެސް، މިހަގީގަތް މިގޮތުގައި ދެމި އޮންނާނެއެެވެ.

ބަގޫލުކުރެވޭ ގޮތުގައި، އިންޑިއާއެމްބަސީގެ ކަންބޮޑުވުމަކީ، ސިޔާސީ ގޮތުން ނުހަނު ހަލަބޮލިކަން އޮތް ގައުމެއްގައި، މިފަދައިން ލިޔާ ލިޔުންތަކުން، އެމްބަސީގެ މުވައްޒަފުންގެ ސަލާމަތަށް އަތުވެދާނެ ނުރައްކަލެކެވެ. އަދި މިފަދަ ހާލަތެއްގައި، މީގެ އަސަަރު އިންތިހާއަށް ދެގައުމުގެ ގުޅުމަށްވެސް ނުކޮށް ނުދާނޭކަންވެސް އެއީ ކަށަވަރުވެ ޔަގީން ވާކަމެކެވެ. އިންޑިއާ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުއްވި ސިޓީން މި މަންޒަރު ވަރަށް ރަގަޅަށް ސާފުވާން އެބައޮތެވެ.

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކުރިމަތީގައި ސިފައިންގެ މީހަކު ފޯރި މަރަނީ

އެހެންކަމުން، މި މައްސަލައަކީ، އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމަކާ ބެހުމުގެ ގޮޅީގެ ތެރެއަށް އެކަނި ފައްތައިގެން ދެކޮޅު ޖެއްސެން އޮތްކަމެއް ކަމުގައި ނުބެލެވެއެވެ. ސަބަބަކީ، އިންޑިއާ ކަމުގައި ވިނަމަވެސް، ދިވެހިރާއްޖެ ކަމުގައިވިނަމަވެސް، އަމުދުން، ގައުމެއްގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާ ހިސާބުން ކޮންމެގައުމަކުންވެސް ރޮގު ދަމާނެކަމަށް ގަބޫލުކުރަން ޖެހޭ ޖެހުމެވެ.

އެހެންކަމުން، މިއީ އާދައިގެ މައްސަލައެއްގެ ގޮތުގައި ބަލައިގެން ތިބުމަކީ އެންމެ ޒިންމާދާރު ގޮތްކަމުގައި ނުވެދާނެއެވެ. މިނިވަން ނޫސްވެރިކަމާއި، މިނިވަން މީޑިއާއަކީ، ފަހަރެއްގައިވެސް، ދޭދޭ ގައުމުތަކުގެ ސަލާމަތާއި، އޮންނަ ބައިލެޓްރަލް ގުޅުންތަކުގެ ތެރެއަށް ވަނުމުގެ ޖާގަ އޮތް ބަޔަކަށް ވެގެން ނުވާނެއެވެ. އެފަދަ ހާލަތްތަކުގައި މީޑިއާތައް ރެގިއުލޭޓް ކުރާ ފަރާތްތަކުން، އެފަރާތްތަކުގެ ދައުރު ފުރިހަމަ ގޮތުގައި އަދާ ކުރަންވެސް ޖެހޭނެއެވެ.

 

ރާއްޖޭގައި މީޑިއާ ޒިންމާދާރު ކުރުން

ގާނޫނު އަސާސީގެ 28ވަނަ މާއްދާގައި މީޑިއާގެ މިނިވަންކަން ބަޔާން ކުރަނީ ތިރީގައި މިވާ ފަދައިންނެވެ.

ނޫސްވެރިކަން ކުރުމާއި، މުވާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ. މީގެ ތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މުޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެއެވެ.

ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން އެކަށަ އަޅާދީފަ އޮތީ ރާއްޖެ ބަލައިގެންފަ އޮތް ޑިމޮކްރަޓިކް ނިޒާމުގައި، ނޫންވެރިކަމުގެ އަސާސީ މިންގަޑުތަކެވެ. މި މިންގަޑަކީ ދުނިޔޭގެ މިނިވަން މީޑިއާތައް ހަރަކާތްތެރި ވުމުގައިވެސް އެކަށައެޅިފައި އޮތް މިނިވަންކަމުގެ މިންގަޑެވެ.

މާނައަކީ، އިސްލާމްދީނުގެ އަސްލަކާ ފުށުނާރާނޭ ގޮތުގެމަތިން ދުލާއި ގަލަމުގެ ބޭނުން ކުރުމުގެ މިނިވަންކަން އެބައޮތެވެ. ބޭނުން ވާހަކައެއް ލިޔެވެއެވެ. ބޭނުން ޚިޔާލެއް ފާޅު ކުރެވެއެވެ. އަދި ލިޔުމާއި ޚިޔާލު ފާޅު ކުރުމުގައި، މައުލޫލާތު ފޯރު ކޮށްދޭ ފަރާތް ސިއްރުކުރުމުގެ ހައްގުވެސް މީޑިއާތަކަށް ފޯރުކޮށް ދީފައި އެބައެތެވެ.

އެހެންނަމަވެސް، ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ގާނޫނު އަސާސީން ލިބިދީފައި އޮތް މި މިނިވަންކަމާއި، ހިމާޔަތާއި ރައްކާތެރިކަމަކީ، "މިނިވަން މީޑިއާތައް" ވުޖޫދުކޮށް، ނުފޫޒެއްނެތި ހިނގަމުންދާ މީޑިއާތަކުން އަދާ ކުރަންޖެހޭ ދައުރު ފުރިހަމަޔަށް ބަޔާން ކޮށްދީ، އެއްވެސް ފަރާތަކަށް ނުޖެހި ހަރަކާތްތެރިވާ މީޑިއާތަކަށް ދައުލަތް ޒިންމާދާރު ކުރުމުގެ ފުރުސަތު ލިބި ދިނުމުގެ ގޮތުން ލިބިދީފައި އޮތް ހިމާޔަތާއި ރައްކާތެރިކަމެއް ކަމެވެ.

އަދި އެނޫން ހާލަތްތަކުގައި، ވަކިއަތަކަށް ބުރަވެ، ވަކި ބައެއްގެ އެޖެންޑާއެއް ކުރިޔަށް ނެރެ، އަނެކުންގެ އަބުރަށް އަރައިގަނެ، މީޑިއާތަކުން މިއުސޫލުން މަސައްކަތް ކުރާ ހާލަތްތަކުގައި، ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމުގެ މަހުފޫމުގެ ތެރެއަށް މިދެންނެވި މީޑިއާތައް ފެއްތޭނޭ އެއްވެސް ހަމައެއް ނެތެވެ. ގާނޫނު އަސާސީން މި ލިބިދީފައި އޮތް ހިމާޔަތާއި ރައްކާތެރިކަމުގެ ދުލީގެ އެތެރޭގައި އޮންނަނަމަ، އެ މީޑިއާއެއް ވާންޖެހެނީ "މިނިވަން" މީީޑިއާއަކަށެވެ. ގާނޫނު އަސާސީން ލިބިދާިފައި އޮތް މިނިވަން މީޑިއާގެ ހަގިގީ މަހުފޫމަކީވެސް މިއީއެވެ.

އެހެންނަމަވެސް، މިފަދަ ހާލަތްތަކުގައިވެސް އުފެއްދޭނޭ ސުވާލުތައް އެބަހުއްޓެވެ. މިނިވަން ނޫން މީޑިއާތަކަކީ ކޮބައިތޯއެވެ؟ ވަކިފަރާތަކަށް ޖެހިގެން، ވަކި ބައެއްގެ އެޖެންޑާއެއް ކުރިޔަށް ނެރެގެން މަސައްކަތް ކުރަނީ ކޮން މީޑިއާއަކުން ތޯއެވެ؟

ތެދު ފުޅެކެވެ. މިސުވާލުތަކަށް ހަގީގަތުގައިވެސް ޖަވާބު ލިބިގެން މެނުވީ މީޑިއާތައް ރެގިއުލޭޓެއް ނުކުރެވޭނެއެވެ. އަދި މީޑިއާތަކަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން މިނިވަން ކަމާއި ބާރުތައް ލިބިދިނުމާއެކު، މީޑިއާތައް ރެގިއުޅޭޓް ކުރާނޭ މުވައްސަސާތައްވެސް ވުޖޫދު ކޮށްފައިވަނީ ހަގީގަތުގައިވެސް މި ސަބަބަށްޓަކައެވެ.

މިގޮތުން މި ޒިންމާ މިއަދު އެންމެ ބޮޑަށް އުފުލަންޖެހޭ އެންމެ މުހިންމު މުވައްސަސާތަކަކީ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލެވެ. ވަކީން ޚާއްސަކޮށް މީޑިއާ ކައުންސިލެވެ. ސަބަބަކީ، މިއަދު ހިންގަމުންދާ ނޫސް މަޖައްލާތައް ގިނައިން ހިންގަމުންދަނީ، ނުހަނު ފުޅާދާއިރާއެއްގައި، ސޯޝަލް މީޑިއާފަދަ، މީޑިއާގެ އެތަކެއް ވަސީލަތްތަކެއްގެ ބޭނުން ކޮށްގެން ކަމަށްވާތީއެވެ.

މީޑިއާ ކައުންސިލަށް މެމްބަރުން އައްޔަން ކުރުމުގެ އިންތިޚާބުގެ ތެރެއިން

 

މީޑިއާ ކައުންސިލް ކޮބާ؟

މީޑިއާކައުންސިލަކީ، މިއަދު ރާއްޖޭގައި، ޕްރިންޓް ކޮށްގެން ނުވަތަ އޮންލައިންކޮށް ނެރެމުންދާ މީޑިއާތައް ރެގިއުލޭޓް ކުރަންޖެހޭ ފަރާތެވެ.

ފުޅާވަމުންދާ، އޮންލައިން ނޫސްވެރިކަމުގެ މިޒަމާނުގައި، މީޑިއާކައުންސިލް ޒިންމާދާރު ގޮތުގައި ހަރަކާތްތެރި ވެގެން މެނުވީ، ރާއްޖޭގައި ނޫސް މީޑިއާތައް ރެގިއުލޭޓް ކުރުމަކީ ކުރެވޭނެ ކަމަކަށް ނުވާނެެއެވެ.

އަދި ހަމަ އެއާއެކު، މީޑިއާތައް ޒިންމާ ދާރުކުރުގެ މުހިންމު މަސްއޫލިއްޔަތު އުފުލާ ދެމުވައްސަސާގެ ތެރެއިން، ޚާއްސަކޮށް އޮންލައިން މީޑިއާތައް ނުވަތަ ނޫސް މީޑިއާތައް ރެގިއުލޭޓް ކުރުމުގެ މައިގަޑު ޒިންމާ އުފުލާ މުވައްސަސާއަކީ މީޑިއާ ކައުންސިލް ކަމަށް ވެފައި، މި މުވައްސަސާ އެކުލެވިފައި އޮންނަ ގޮތުން، ރައްޔިތުންގެ މަޖިލިސްފަދަ މުވައްސަސާތަކުގެ ނުފޫޒް މި މުވައްސަސާގެ މައްޗަށް ފޯރުމުގެ ފުރުސަތު އިންތިހާއަށް ކުޑަކޮށް އޮތުމަކީ މިމުވައްސަސާއަށް އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރި ވެވެންޖެހޭ އެންމެ މައިގަޑު އެއް ސަބަބެވެ.

ބްރޯޑްކާސްޓީން ކޮމިޝަނާ ޚިލާފަށް، މީޑީއާ ކައުންސިލް ބައްޓަންވެފައި އޮންނަނީ، މީޑިއާތަކުން ތަމްސީލުކުރާ މެމްބަރުންވެސް އެކައުންސިލްގައި ހިމެނޭގޮތުން، ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ސިފަތައްވެސް މިކައުންސިލްގައި ކޮންމެވެސް ވަރަކަށް އެކުލެވިގެން ކަމަށް ވާތީއެވެ.

އެހެންނަމަވެސް، މިއަދު ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ އޮންލައިން ނޫސްތައް އިންތިހާއަށް ގިނައެވެ. އެފަދަ ނޫހެއް ހިންގާ ފަރާތަކީ ކޮބައިކަމެއް ނޭގުނަސް، އޮންލައިން ނޫހެއް ހިންގައިގެން ތިމާ ނަފްރަތު ކުރާ މީހާގެ އަބުރު ކަތިލަންވީއެވެ.

އަދި ރަޖިސްޓްރީ ކޮށްގެން ހިންގިޔަސްވެސް، ދުވާލަކަށް ޚަބަރެއް ޝާޢިއު ކޮށްގެންވެސް، މީޑިއާއެއްގެ ބޯޑު އަޅުވައިގެން ނޫހެއް ހިންގަންވީއެވެ. ބޭނުންވާ މީހެއްގެ އަބުރު ކަތިލަންވީއެވެ. ނަފްރަތު އުފައްދަން ވީއެވެ. ގާނޫނު އަސާސީން ލިބިދީފައޮތް މަސްދަރު ރައްކާތެރި ކުރުމުގެ ހައްގު ހުއްޖަތަކަށް ދައްކާ ބޭނުން ވާހަކައެއް ލިޔެލަންވެސް ވީއެވެ. ޝާޢިއު ކުރި ޚަބަރަކީ ދެތެއްކަން ނުވަތަ ދޮގެއްކަން ސާބިތު ކޮށްދޭން ޖެހޭ ޕްލެޓްފޯމެއް، އުސޫލެއް ހަމައެއް އޮތް ކަމަކަށް ނުބެލެވެ.

ސިޔާސީ އެކްޓިވިސްޓަކަށް ވެހުރެވެސް، ސިޔާސީ މީހުންގެ އެޖެންޑާ ކުރިޔަށް ނެރެ ވިއްކަންވެސް ވީއެވެ. އެކަންވެސް ރެގިއުލޭޓް ކުރެވޭނެ ގޮތެއް އުސޫލެއް ހަމައެއް އަދި އޮތްކަމަކަށް ބެލެވޭކަށް ނެތެވެ.

އެހެންކަމަށްވާނަ، އޮންލައިން ނޫސްތައް ރެގިއުލޭޓް ކުރުމަށް ކުރެވެން އޮތް ކަމެއް ކޮބައިތޯއެވެ؟ މިސުވާލުގެ ޖަވާބުވެސް ވަރަށް ސާފެވެ.

މީޑިއާ ކައުންސިލުން މީޑިއާ ޒިންމާދާރު ކުރުމުގެ މުހިންމަ މަސްއޫލިއްޔަތު އުފުލަން ޖެހޭ

އެންމެ ފުރަތަމަ ކަމަކަށް، ރަޖިސްޓްރީ ނުކޮށް އޮންލައިން ނޫސްތައް ހިންގުމުގެ ފުރުސަތު ރައްޖޭގައި ބަންދު ކުރެވެން އެބަޖެހެއެވެ. އަދި އޮންލައިންކޮށް ހިންގި ކަމުގައިވި ނަމަވެސް، ނޫސް މީޑިއާއެއްގެ މިންގަޑަށް މީޑިއާއެއް ފެއްތޭނެ ހަމަތަކެއްވެސް ގާއިމް ކުރެވެން އެބަ ޖެހެއެވެ. ހަމަ އެކަނި ޑޮމެއިންއެއް ގަނެލެވޭ ހިސާބުން މީޑިއާއެއް ހިންގާ ލެވުނީކަމުގައި ބެލެވޭގޮތަށް އޮތް އުސޫލު ބަދަލު ކުރެވެން އެބަޖެހެއެވެ. މީޑިއާއެއް ކަމަށްވާނަމަ، ފުރިހަމަ ވާންޖެހޭ ޝަރުތުތަކެއް އެކަށައެޅެން އެބަޖެހެއެވެ. ކޮންޓެންޓް ހުންނަން ޖެހޭ މިންގަޑެއް، ނިސްބަތެއް، ސާފުވެފައި އޮންނަން އެބަ ޖެހެއެވެ. އެހެން މީޑިއާއަކުން ލްފަޒުން ލަފުޒަށް ނަކަލް ކޮށްގެން ޚަބަރުތައް ގެނެސް ދިނުން ހުއްޓުވުމަށްޓަކާ، ކޮންޓެންޓް ރެގިއުލޭޓް ކުރެވެން އެބަ ޖެހެއެވެ.

މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންގެ އެތިކަލް (ސުލުކީ) މިންގަޑެއް އޮންނަން ޖެހޭނެއެވެ. ސިޔާސީ ގޮތުން އިންތިހާއަށް ދެކޮޅުވެރިކަން އޮތް މުޖުތަމަޢެއްގައި، ސިޔާސީ އެކްޓިވިސްޓަކަށް ވެހުރެ، މީޑިއާއެއް ހިންގާލުމުގެ ފުރުސަތު، މި އެތިކަލް މިންގަޑުގެ ތެރެއިން ބަންދުވާންވެސް އެބަ ޖެހެއެވެ.

ދެގައުމެއްގެ ދެމުދުގައި އުފެދޭ ބޮޑެތި މައްސަލަތަކުގެ އަސްލަކަށް މީޑިއާ ވެގެންދާނަމަ، އަދި އަމުދުން، މީޑިއާގައި ޝާޢިއުކުރާ ލިޔުންތަކުން، ބައެއްގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމުގައި ވާނަމަ، އެކުރެވޭ ޝަކުވާގެ އަޑު އަހަންޖެހޭނެއެވެ. ކަމުގެ ހަގީގަތް މީޑިއާކައުންސިލުން ބަލަންވެސް އެބަޖެހެއެވެ.

މީޑިއާތައް ފުރިހަމަ ގޮތުގައި ރެގިއުލޭޓް ކޮށްގެން މެނުވީ، ޑިމޮކްރަސީގެ 4 ވަނަ ބާރުގެ ގޮތުގައި މިނިވަން މީޑިއާއަކަށް ދެމިއެއް ނޯވެވޭނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..!

  2. ދިވެހިރާއްޖޭގެ ދާޚިލީ ކަންތަކާ އިންޑިއާއިން ބެހޭނަމަ މިހާރުން މިހާރަށްވެސް އިންޑިއާ އައުޓް ގޮވަންޖެހޭނެ ވަރަށްސާފް އިނގޭތޯ

Leave a Reply

Your email address will not be published. Required fields are marked *