ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރަން ދިވެހި ރާއްޖޭގެ ފޮރިން ސާވިސްގެ ނަމުގައި ހުށަހެޅި ބިލުގެ ނަން މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ނިސްބަތްކޮށް އޭނާގެ ނަން ހިމަނަން ހުށަހަޅުއްވައިފިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ހުށަހެޅުއްވި ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި އެ ބިލު ޝާހިދަށް ނިސްބަތްކޮށް އޭނާގެ ނަން ހިމަނަން ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ބިލަށް ވާހަކަ ދައްކަވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ މިބިލަކީ ދިވެހި ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރާ ފަރާތްތަކަށް ހާއްސަ ކުރެވިގެންދާ ބިލެއްކަމަށެވެ.
ދިވެހި ޤައުމުގެ ދިފާއުގައި ދިވެހި ސިފައިން މަސައްކަތް ކުރައްވާފަދައިން، ޤައުމުން ބޭރުގައި ތިއްބަވައިގެން ރާއްޖެއަށް އެކި އެހީތައް ހޯއްދެވުމުގައާއި، އެނޫންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންނަކީ ރާޢްޖޭގެ ފޮރިން ދާއިރާގެ ބޭފުޅުންކަމަށް ރިޔާޒު ވިދާޅުވިއެވެ.
ދިވެހި ސިފައިން ޤައުމު ދިފާކުރާ ފަދައިން، ޚާރިޖިއްޔާގައި ހަރަކާތްތެރިވާ ބޭފުޅުން އެމަސައްކަތް ކުރަނީ. މިފަދަ ބިލެއް އައުމުގައި މާބޮޑަށްވެސް ލަސްވެއްޖެ.
– ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ކޯވިޑްގެ މިނުރައްކާތެރި ބަލިމަޑު ކަމުގެ ތެރޭގައިވެސް އެންމެ ބުރަ އަދި އެންމެ ބޭނުންތެރި މަސައްކަތް ޤައުމަށް ކޮށްދެއްވި އެއްބަޔަކީ ފޮރިން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންކަމަށެވެ. އެބޭފުޅުންގެ ޚިދުމަތަކީ މިއަދުވެސް މިގައުމަށް ނުހަނު ބޭނުންތެރި ހިދުމަތަކަށްވާއިރު އެމަސައްކަތުގައި އިސްކޮށް ހުންނެވި މިނިސްޓަރ ޝާހިދަކީ މިކަމަށް އަރާ ހުންނެވި ގާބިލް ބޭފުޅެއްކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި މިފަދަ ބިލެއް ފަރުމާ ކުރެވިގެންދާއިރު، މިނިސްޓަރ ޝާހިދަށް ބިލް ހާއްސަ ކުރުމަކީ މުހިންމު ކަމެއްކަމަށް ރިޔާޒު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް މިފެނިގެންދަނީ ބިލްތައްވެސް އަދި އެނޫން ކަންކަންވެސް މީހަކަށް ހާއްސަ ކުރެވޭނަމަ، އެކަން ކުރެވިގެންދާތަން މިފެންނަނީ އެމީހަކު ދުނިޔެ ދޫކޮށް ދިއުމުން. މިސާލަކަށް ފޮރިން މިނިސްޓްރީގެ ނަން ފަތުހުﷲ ޖަމީލިގެ ނަމަށް ބަދަލުވެގެން މިދިޔައީވެސް ހަމަ އެހެން. އަޅުގަނޑު ހުށަހަޅަން މިބިލްގެ ކޮމިޓީ މަރުހަލާގައިވެސް މަސައްކަތް ކުރެވޭއިރު، އެތައް ދުވަހަކު ޚާރިޖީ ދާއިރަގައި މަސައްކަތްކޮށް، މިނިސްޓަރ ޝާހިދުގެ ނަމަށް މިބިލް ހާއްސަ ކުރުމަށް.
– ރިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފޮރިން ސާވިސް ބިލު ހުށަހެޅި މި ދަނޑަވަޅަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެ ވަޑައިގެންނެވި ދަނޑިވަޅަށްވެފައި އަދި މިއީ ރާއްޖެއަށް ލިބުނު ވަރަށް ޝަރަފެއްކަމަށްވާތީ ބިލުގައި ޝާހިދުގެ ނަން ހިމަނަން އެދޭ ކަމަށެވެ. މިބިލްގައި މިނިސްޓަރަށް އޮތް ބާރާއި ގުޅޭގޮތުން ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ ކޮންމެ ރައީސަކު ހުންނެވިކަމުގައި ވީނަމަވެސް ވަޒީރަކަށް އައްޔަން ވެގެންދާނީ ރައީސް އައްޔަން ކުރައްވާ ބޭފުޅަކުކަމަށެވެ. އެހެން ކަމުން ރައީސަކަށް ހުންނަވާ ބޭފުޅަކު ޤައުމަށް ގެއްލުންވާނޭ ގޮތަކަށް ކަންކަން ކުރާއްވާ ބޭފުޅަކަށް އެފަދަ މުހިންމު މަޤާމެއް ނުދެއްވާނެކަމީ ޔަގީން ކުރާ ކަމެއްކަމަށް ރިޔާޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ