ނަޝީދު ޞާލިޙަށް: ގައުމު ސަލާމަތްކުރަން ފަހަތުފަޔަށް ބުރަނުވެ ނުކުންނަވާ

ނަޝީދު ޞާލިޙަށް: ގައުމު ސަލާމަތްކުރަން ފަހަތުފަޔަށް ބުރަނުވެ ނުކުންނަވާ

Author
ޢަލީ އާދަމް
27 ޖޫން 2021 12:41
0

ޓެރަރިޒަމުގެ ބިރުވެރިކަމުން ގައުމު ސަލާމަތްކުރުމަށް ސަރުކާރު ފަހަތު ފަޔަށް ބުރަ ނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މިރެއަކީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ސަޕޯޓަރުންނާ އެމަނިކުފާނު މުޙާތަބްކުރެއްވި ރެއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން "ކްލަބް ހައުސް"ގައި އެ ޕާޓީގެ ހަރުގެއެއް ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި ޖަރުމަނު ވިލާތުގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އެ ހާލަތުން ރާއްޖެ ސަލާމަތް ކުރުމަށް ރައީސް ސޯލިހް ނުކުންނަވަން ޖެހޭ ކަމަށެވެ. އަދި މިއީ ސަރުކާރުން އެއްވެސް ގޮތަކަށް ފަހަތުފަޔަށް ބުރަވެފައި އޮންނަން ޖެހޭ ވަގުތެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަރިހު ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަން ބޭނުން އަވަހަށް ފަހަތު ފަޔަށް ބުރަވެ ވަޑައިނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތް ކުރައްވަން މަނިކުފާން މިހާރު ނުކުންނަވާން ޖެހޭނެ"

– ނަޝީދު

ނަޝީދު ވިދާޅުވީ ގައުމުތަކުގެ ހަޔާތަށް ބަލާއިރު ސަލާމަތް ގެއްލޭ ގޮތާއި ގެއްލޭ މިންވަރު ބަޔާން ކުރާ ނިޝާންތައް ފެންނަ ކަމަށެވެ. އަދި މިޒަމާނުގައި ދެވޭ ޓެރެރިސްޓް ހަމަލާތަކުގެ ފަހަތުގައި ތިބެނީ ޓެކްނޮލޮޖީގެ ގޮތުން ވެސް ކުރި ހޯދާފައި ތިބި ބައެއް ކަމަށާއި ދެން ފެންނަނީ ވަރަށް އަނދިރި މަންޒަރެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ކުރިއާލާ ނުހުއްޓުވައިފިނަމަ ޖާނުންފިދާވުމުގެ ހަމަލާތައް ދޭން ފަށާފާތަންވެސް ރާއްޖެއިން ފެނިދާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެކަން ވެސް އަޅުގަނޑުމެންގެ ތެރެއަށް އަންނާނެ، އަޅުގަނޑުމެންނަށް މިކަމަށް ވަރަށް ބާރު އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ"

– ނަޝީދު

ޓެރަރިޒަމްގެ ކުއްތައް ފަދަ ނުރައްކާތެރި ކުއްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން މުޖުތަމަޢުއަށް ދޫވާ މައްސަލާގައި ވެސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިހާރު މި ހިނގާ ޓެރަރިޒަމްގެ ކަންކަމަކީ 15 ދުވަހުގެ މުއްދަތެއް ޖަހާފައި ދޫކޮށްލައިގެން ތިބެވޭ ފަދަ ކަންކަމެއް ނޫން ކަން ފަނޑިޔާރުންނަށް އެނގެން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ ތަރައްގީއަށްޓަކައި ބްރިޖު އެޅުމާއި ބޯހިޔާވެހިކަން ފޯރުކޮށްދިނުމާއި ދަރިންނަށް ކިޔަވައި ދިނުމާއި މަތީ ތައުލީމް ހާސިލް ކޮށްދިނުން ވަރަށް މުހިންމު ކަމަށާއި ނަމަވެސް ދިރިހުރުމާއި ސަލާމަތުން ހުރުމުގެ ހައްގު އެއަށް ވުރެ މާ ބޮޑުކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދުވަހަކު ވެސް ހިތަކަށް ނާރަން އަޅުގަނޑަށް ވަކާލާތު ކުރަން ޖެހިފައި އޮވެދާނެ ކަމެއް ކަމަކަށް މީހުން ހިފާ ހައްޔަރުކުރަން ޖެހިއްޖެއޭ ބުނުން. ނަަމަވެސް އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރާން ޖެހޭ ކަމެއް ކުރަން ޖެހޭނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްގެން ނަމަވެސް، ރާއްޖެއަށް މިހާރު ދިމާވާން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.