އެމްޑީޕީގެ ހަޔާތުން 16 އަހަރު ފާހަގަކުރަމުންދާއިރު ޕާޓީގެ މާޒީ ހަނދާނެތި އެ މަޤްސަދަކަށްޓަކައި ޕާޓީއުފެއްދި މަޤްސަދާ ދުރަށްދާތަން ފެނުމަކީ ހިތާމަހުރި ކަމެއްކަމަށް އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ އެމްޑީޕީގެ 16ވަނަ އަހަރީ ދުވަހާއި ގުޅިގެން، މޫސަ ވިދާޅުވީ ޕާޓީ އުފެއްދި މަޤްސަދާ ދުރަށްގޮސް ފިތުނަޔާ ޚުދުމުޚްތާރުކަން ކުރިޔަށްނެރެ އާއިލީ ތަޅާފޮޅުމަކަށްވެ ވެރިކަމާ ބައްދާ ބައިބައިވާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ. އަދި މިއީ ހިތާމަހުރި ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަވަނީ ޕާޓީގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުވާފައެވެ. މޫސަ ވިދާޅުވީ 7 އަހަރު ދުވަހު މަގުމަތީގަ އާއި ވާރެއާއި އަވީގައި އެމްޑީޕީ ގޮވައިގެން، ހަތުރުންނާއި މިތުރުން އެއްތަންކޮށްގެން އެމްޑީޕީ ދެވަނަ ފަހަރަށް ވެރިކަމަށް ގެނެސްދިނީ ރައީސް ޞާލިޙް ކަމަށެވެ.
7އަހަރުދުވަހު މަގުމަތީގަޔާ ވާރެއާއަވީގައި MDP ގޮވައިގެން ހަތުރުންނާ މިތުރުން އެއްތަންކޮށްގެން އެމް ޑީ ޕީ ދެވަނަފަހަރަށް ވެރިކަމަށްގެނެސްދެއްވި ރައީސް @ibusolih އަށް ޕާޓީގެ16ވަނަ އަހަރީދުވަހުގެ ތަޙްނިޔާ ، pic.twitter.com/tYREk4O012
— Moosa Maniku (Reeko) (@ReekoMoosa) June 26, 2021
ރާއްޖޭގެ އެންމެ ގިނަދުވަސްވީ ޕާޓީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު، ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ހަމައެކަނި ރައީސް ޞާލިޙަށް ފޮނުއްވާފައި ވާއިރު، ޕާޓީގެ އަހަރީދުވަހުގެ ތަހުނިޔާ ޕާޓީގެ ލީޑަރޝިޕުން މިއަހަރު ފޮނުވާފައި ވަނީ ވަރަށް ފަނޑުކޮށްކަން ގިނަބަޔަކު ފާހަގަކުރެއެވެ. އެގޮތުން ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފޮނުއްވި ތަހުނިޔާގެ މެސެޖާއި ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް ޞާލިޙްގެ މެސެޖުގައި ވެސް ޕާޓިގެ ހުރިހާ މެމްބަރުންނަށް ތަހުނިޔާ ވަނީ ފޮނުއްވާފަ އެވެ.
އަހަރީ ދުވަހާ ގުޅިގެން އެމްޑީޕީން ބުނީ އެ ޕާޓީ އަބަދުވެސް ދެމި އޮންނާނީ އެޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި، ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށްކަމަށެވެ. އެމްޑީޕީ އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ އާއިލީ ވެރިކަން ނިމުމަކަށް ގެނައުމާއި ރާއްޖޭގައި ޑިމޮކްސަރީގެ އުސޫލުން ވެރިކަން ހިންގުމަށް ފުރުސަތު ހޯދައި ދިނުމާއި އިންސާނީ ހައްޤުތައް ކަށަވަރު ކޮށްދިނުމެވެ.
މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެއަށްފަހު ދެވަނަ ރަޖިސްޓްރީކުރީ އޭރުގެ ރަޢީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)އެވެ. އެހެންނަމަވެސް އެޕާޓީ ދެބައިވެ ފަހުންވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުފެދިފައެވެ.
ކޮމެންޓު ފޮނުވާ