އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (FDA)އިން، މޮޑާނާ އަދި ފައިޒަރ ކޯވިޑް ވެކްސިންގެ އިންޒާރުގެ ލިސްޓުގައި (ފެކްޓް ޝީޓުގައި)، ހިތް ދުވަވުމުގެ ރިސްކޮ އޮތްކަމުގައި ހިމަނައިފިއެވެ.
މި ހަފްތާގެ ހުކުރުދުވަހު، އާންމުކުރި މި އިންޒާރުގައި ވާގޮތުން، މި ވެކްސިންތައް ބޭނުން ކުރުމަށްފަހު، އަދި ވަކީން ޚާއްސަކޮށް ވެކްސިންގެ 2 ވަނަ ޑޯޒަށްފަހު ރިޕޯޓު ކޮށްފައިވާ، ވެކްސިންގެ ސަބަބުން ކުރިމަތިވި އުދަގޫތަކަށް ބަލާއިރު، ހިތުގެ މަސްތައް ދުޅަވުމުގެ ރިސްކް (myocarditis) އަދި ހިތުގެ ވަށައިގެންވާ ޓިޝޫތައް ދުޅަވުމުގެ (pericarditis) ރިސްކު ބޮޑު ކަމުގައި ފާހަގަ ކޮށްފައި ވެއެވެ.
މި ދެ ވެކްސިނާއި ގުޅޭގޮތުން ދޭންޖެހޭ އިންޒާރުތައް އަލުން މުރާޖައާ ކޮށްފައި މިވަނީ ލިބިފައި ހުރި މައުލޫމާތުތައް، އެމެރިކާގެ ސެންޓަރ ފޯރ ޑީސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (CDC)ގެ އެޑްވައިޒަރީ ކޮމިޓީން އޮން އިމުނިޒޭޝަން ޕްރެކްޓިސެސްގެ ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށް FDA އިން ހާމަ ކޮށްފައި ވެއެވެ.
މިހިގާ ޖޫންމަހުގެ ދެވަނަ ހަފްތާ ތެރޭގައި މިވެކްސިންތައް ޖެހި ފަރާތްތަކުގެ ތެރެއިން 1200 ފަރާތަކުން، އެމެރިކާގެ ވެކްސިން އެޑްވާސް އިވެންޓް ރިޕޯރޓިން ސިސްޓަމަށް، ހިތް ދުޅަވުމުގެ މައްސަލަ ކުރިމަތިވެގެން ރިޕޯޓު ކޮށްފައި ވެއެވެ.
މޮޑާނާ އަދި ފައިޒަރގެ ވެކްސިންގެ އިންޒާރުގެ ނޯޓިސް އަލުން މުރާޖައާ ކުރުމާގުޅޭގޮތުން މޮޑާނާ އަދި ފައިޒާއިން އެއްވެސް ކޮމެންޓެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ.