އިންކުއަރީއަށް، ނަޝީދަށް ފަރުވާދިން އޭޑީކޭ ޑޮކްޓަރުންގެ ޓީމު ޙާޒިރުކޮށްފި

އިންކުއަރީއަށް، ނަޝީދަށް ފަރުވާދިން އޭޑީކޭ ޑޮކްޓަރުންގެ ޓީމު ޙާޒިރުކޮށްފި

Author
މުޙައްމަދު ޖިމީ
26 ޖޫން 2021 03:35
0

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމްތަކައި ބެހޭ (241) ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމް ޙާޒިރުކޮށްފިއެވެ.

މަޖިލީހުން ހަދަމުންދާ އިންކުއަރީއަށް ސަލާމަތީ ޚިދުމަތްތަކުގެ ވެރިން މީގެ ކުރިން ވަނީ ޙާޒިރުކޮށްފައެވެ. އަދި މިއަދު ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެންމެ ފުރަތަމަ ފަރުވާދިން އެޑީކޭގެ ޑޮކްޓަރުންގެ ޓީމު ކޮމިޓީއަށް ޙާޒިރުކޮށް އެކަމާއި ގުޅޭ މަޢޫލޫމާތު އޮޅުންފޮލުއްވާފައެވެ.

މެއި 6 ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން، އެންމެ ފުރަތަމަ ފަރުވާއަށް ގެންދިޔައީ އޭޑީކޭއަށެވެ. އޭޑީކޭ އިން ވަނީ މަލްޓި ސްޕެޗަރލިޓީ ޓީމަކުން ރައީސް ނަޝީދަށް ފަރުވާ ދެއްވާފައެވެ.

ޑޮކްޓަރުންގެ ޓީމުން ވަނީ، ރައީސް ނަޝީދަށް ދިން މިނުރައްކާތެރި ހަމަލާގައި އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ވަރަށް ނާޒުކު ގޮތަކަށްކަމަށެވެ. ޙަމަލާދިނުމުގައި ބޭނުންކުރި އައިއީޑީގައިވާ ދަގަނޑު ކޮޅުތަކާއި ރޭޒާ ފުއްތަކުގެ ތެރެއިން ފުކެއް ރައިީސް ނަޝީދުގެ ހިތަށް ސީދާނުވެދިޔައީ ހަމަ ކިރިޔާކަމަށާއި، އެއީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިނެއްކަމަށް އޭޑީކޭ ޑޮކްޓަރުންގެ ޓީމުން ވިދާޅުވެފައިވެއެވެ.

އެ އެތިކޮޅު ހިތަށް ނުވަދެ މަތަވީ އެމަނިކުފާނުގެ މޭކަށިގަނޑުގެ ރިބެއްގައި ޖެހިގެންކަމާއި، އެރިބް ވަނީ ފުނޑުފުނޑުވެފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ. މިގޮތަށް ދިމާވުމުގެ ސަބަބުން ފުނޑުފުނޑުވެގެންދިޔަ ކަށިގަނޑުގެ އެތިކޮޅުކޮޅުތައް ރައީސް ނަޝީދުގެ ފުއްޕާމެއަށް ހެރިފައިވާކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ހަމަލާގައި ހަށިގަނޑަށް ވަދެގެންދިޔަ އެތިކޮޅެއް ފުއްޕާމޭގެ އެއްފަޅި ފޫއަޅުވާލައި ނިކުމެފައިވާކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ.

މިޙަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަން ދަގަނޑު 3 އެތިކޮޅެއް ބަނޑުގެ ތިން ގުނަވަނެއް ފޫއަޅުވާލާފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން ފަލަގޮހޮރުގައި ދެތަނަކުން އަދި މައިދާގެ އިތުރުން ފުރަމޭވެސް ފޫއަޅުވާލައި އެތިކޮޅުތައް ނިކުމެފައިހުރިކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ރައީސ ްނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަންކޮށްފައިވެއެވެ. އަދި އިތުރު ފަރުވާ ހޯދާފައިވަނީ ޖަރުމަންވިލާތުގެ އަސްކަރީ ހޮސްޕިޓަލެއްގައެވެ.

ރައީސް ނަޝީދު ވަނީ ލިބިވަޑައިގެންނެވި ޒަޚަމްތައް ފަސޭހަވަމުން އަންނަކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ޙަމަލާ ދިނުމުގައި ޙަރަކާތްތެރިވި 5 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.