އެމްޑީޕީގެ 16ވަނަ އަހަރީ ދުވަހާއި ގުޅިގެން، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އެޕާޓީގެ މެންބަރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ، ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި، ޤައުމެއް ބިނާކޮށް، ރައްޔިތުންގެ ޢާންމު ހާލަތު ރަނގަޅުވުމުގެ އެންމެ މުހިންމު ތަރަހައަކީ އިންތިޒާމްވެގެން ހިނގާ ސުލްޙަވެރި ސިޔާސީ ހަރަކާތްކަމަށެވެ. މި ނިޒާމްގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އަހަރީދުވަހުގެ ތަހުނިޔާ ދަންނަވަފައެވެ.
އެމްޑީީގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓިގެ ރައީސް ނަޝީދު ފޮނުއްވާފައިވާއިރު، އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. އަދި ރައީސް ނަޝީދާއި، އެމަނިކުފާނަށް ތާޢީދުކުރާ އެޕާތީގެ އިސްވެރިންނާއި، މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ސަރުކާރަށާއި، ރައީސް ޞާލިޙަށްވެސް ފާޑުވިދާޅުވަމުންނެވެ.
Qaumeh binaakoh, rahyatheh ge aanmu haalathu ragalhu vumuge enme muhinmu tharaha akee inthizaam vegen hingaa sulhaveri siyaasee harakaaiy. Mi nizaam ge Dhivehi muahsasaa akee MDP. Party enme membarunah ufaaveri aharee dhuvaheh pic.twitter.com/B9gBGLJtEv
— Mohamed Nasheed (@MohamedNasheed) June 26, 2021
ރައީސް ނަޝީދު އެމްޑީޕީގެ މެންބަރުންނަށް ތަހުނިޔާ ދަންނަވާފައިވާއިރު، އެޕާޓިގެ ފަރާތުން ރައީސް ކަމުގައިހުންނެވި އަދި އެޕާޓިގެ އަސާސީ ޤަވައިދު ބުނާގޮތުން ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް ޞާލިހާއި، އެޕާޓީގެ އެހެންވެސް އިސް ފަރާތްތަކުގެ ވަހަކަ ހިމަނުއްވާފައެއް ނުވެއެވެ. ރައީސް ޞާލިޙްވެސް މިއަދު ވަނީ އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު، އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވި މެސެޖުގައި އެމްޑީޕީގެ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެ ޕާޓީގެ ހުރިހާ މެންބަރުންނަށް ވަނީ އަރިސްކުރައްވާފައެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް މުޅި ރާއްޖޭގައި މަހެއްހާއި ދުވަހަށް ހިންގުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ނިންމާފައެވެ. އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި އަހަރީ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތްތައް އަންނަ މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާކަމަށްވެސް ޗެއަރޕާސަން ވިދާޅުވިއެވެ.
މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެއަށްފަހު ދެވަނަ ރަޖިސްޓްރީކުރީ އޭރުގެ ރަޢީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)އެވެ. އެހެންނަމަވެސް އެޕާޓީ ދެބައިވެ ފަހުންވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުފެދިފައެވެ. އަދި ފީޕީއެމްގެ ތެރެއިން އިތުރު ޕާޓިއެއް އުފެއްދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ނަމުގައި ރަޖިސްޓްރީކޮށް އަންނަނީ ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ