އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެމްޑީޕީގެ މެމްބަރުންނަށް ރައީސް ޞާލިހު ފޮނުއްވައިފިއެވެ.
އެމްޑީޕީން މިއަދު ފާހަގަކުރަމުންދާ އެޕާޓީގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ޞާލިހު ފޮނުވާފައިވަނީ ޕާޓީގެ އާންމު ހުރިހާ މެމްބަރުން ހިމެނޭހެން ކުރެއްވި ކުރު ޓްވީޓެއްގައެވެ. މީގެ ކުރިން އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވާއިރު، ރައީސް ޞާލިހު ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ދުވަހުގެ ތަހުނިޔާ ފޮނުއްވައެވެ. ނަމަވެސް މިފަހަރު އެމަނިކުފާނު ތަހުނިޔާ ވިދާޅުވެފައިވަނީ ވަރަށް ފަނޑު ގޮތަކަށެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކުރަން.#MDP16Years @MDPSecretariat
— Ibrahim Mohamed Solih (@ibusolih) June 26, 2021
އެމްޑީޕީގެ އަހަރީ ދުވަސް ފާހަހަގަ ކުރުމަށް މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެފައި ނުވެއެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ވަޒީރަކުވެސް އަދި އާންމު މެމްބަރުންވެސް ބައިވެރިވެފައި ނުވެއެވެ. މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރ އަދި ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުއާއި ޗެއާޕަރސަން ހަސަން ލަތީފުއާއި، ޕީޖީ ލީޑަރު އަލީ އާޒިމްގެ އިތުރުން ޕާޓީގެ އިސް ބޭފުޅުންނާއި ބައެއް އާއްމު މެމްބަރުން ބައިވެރިވިއެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް މުޅި ރާއްޖޭގައި މަހެއްހާއި ދުވަހަށް ހިންގުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި އެންމެ ފުަރަތަމަ އުފެއްދި ސިޔާސީ ޕާޓީކަމަށްވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް 16 އަހަރު ފުރުން ފާހަގަކުރުމަށް ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. މަލްޓީ ޕާޓީ ސިސްޓަމް ރާއްޖެއަށް ތާއާރަފުވެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފަންވެފައިވަނީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހުއެވެ.
މިއަދު ހެނދުނު ބޭއްވި ވަކި ވަކި ރަސްމިއްޔާތުތަކެއްގައި މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެ އާއި އެމްޑީޕީގެ އޮފީހުގައި ވަނީ ދިދަ ނަގާފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުން ވެސް ވަރޗުއަލްކޮށް ރަސްމިއްޔާތުގައި ބައިވެރިވެ އަހަރީ ދުވަސް ފާހަގަކޮށް ދިދަ ނަގާފައިވެއެވެ.
ކޮމެންޓު ފޮނުވާ