އިޔާޒު، މޮސްޓާއަށް: ރައްޔިތުންގެ އިތުބާރު ގެއްލުމުން، މެމްބަރުކަމުން ވަކިކުރެވޭ ބިލެއް ހުށައަޅަންފެނޭ

އިޔާޒު، މޮސްޓާއަށް: ރައްޔިތުންގެ އިތުބާރު ގެއްލުމުން، މެމްބަރުކަމުން ވަކިކުރެވޭ ބިލެއް ހުށައަޅަންފެނޭ

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2021 01:13
0

އެދާއިރާއެއްގެ ރައްޔިތުންގެ އިތުބާރު އިންތިޚާބު ކުރެވޭ މެމްބަރަކާއިމެދު ގެއްލިއްޖެ ހިދެއްގައި އެމެމްބަރެއްގެ އިތުބާރު ނެތްކަމަށް ނެގޭނެ ގޮތަށް ބިލެއް މަޖިލީހަށް ހުށަހަޅަން ފެންނަ ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބައެއް މެމްބަރުންގެ އަމަލުފުޅުތައް ހުންނަ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން މެމްބަރުންނަށް އަމާޒުވެފައިވާ މިދަނޑިވަޅުގައި، އިޔާޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ޓެގް ކުރައްވައި ދާއިރާގެ ރައްޔިތުންގެ އިތުބާރު އެމެމްބަރަކަށް ގެއްލިއްޖެ ހިނދެއްގައި މެމްބަރުކަމުން ވަކިކުރެވޭ ގޮތަށް ބިލެއް ހުށަހަޅަން ފެންނަކަމަށް ފަންނަވާފައެވެ.

ދާއިރާގެ ރަޢްޔިތުންގެ އިތުބާރު ނެތިއްޖެ ހިނދެއްގައި މަޖްލިސް މެމްބަރ ގެ އިތުބާރުނެތް ކަމަށް ނިންމާ ގޮނޑި ގެއްލޭނެ ފަދަ ބިލެއް ހުށަހަޅަން ފެނޭ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

މިހާރު ގަވާއިދު އޮންނަ ގޮތުން ކޮންމެ ދާއިރާއަކަށްވެސް އިންތިޚާބު ކުރެވޭ މެމްބަރުންގެ ދައުރަކީ ފަސްއަހަރުގެ ދައުރެކެވެ. މެމްބަރަކު މަޤާމުން ވަކިކުރެވޭނެ އެއްވެސް ގޮތެއް ފަސްއަހަރުގެ ދައުރުގެ ތެރޭގައި ރައްޔިތުންނަކަށް ނޯވެއެވެ. ނަމަވެސް މެމްބަރަކު ޤާނޫނާއި ޚިލާފް ކަމެއްކޮށްގެން ޤާނޫނުގައި ބުނާ މުއްދަތުގެ ހުކުމެއް އައިސްފިނަމަ، ނުވަތަ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިނަމަ ނޫނީ މަޤާމުން ވަކިކުރެވޭނެ ހާލަތެއް ނެތެވެ.

ޑރ.އިޔާޒުގެ ވާހަތަކަށް ތާއީދު ކުރައްވައި މޮސްޓާ ވިދާޅުވީ ރައްޔިތުންގެ އިތުބާރު ނެތް ހާލަތެއްގައި އެދާއިރާއެއްގެ ރައްޔިޔުން އިންތިޚާބުކުރާ މެމްބަރަކު ވަކިކުރާ ފަދައިން ރައްޔިތުން އިންތިޚާބު ކުރާ ރައީސުލްޖުމްހޫރިއްޔާވެސް ވަކިކުރެވޭނެ ގޮތެއް ހޯދަން ޖެހޭކަމަށެވެ. އެކަން ކުރުމަކީ މިހާރު ރާއްޖޭގެ ހާލަތު ހުރިގޮތުން ކޮންމެހެން ކުރަންވެއްޖެ ކަމެއްކަމަށް މޮސްޓާ ވިދާޅުވިއެވެ.

ތީ ހަމަ ރަނގަޅު ކަމެއް ހަމަ އެފަދައިން ރައީސުލްޖުމްހޫރިއްޔާގެ ވެސް ނެގެން މިހާރަށް ވުރެ ފަސޭހަގޮތެއް އޮއްނަން އެބަޖެހޭ.

– މޮސްޓާ ވިދާޅުވިއެވެ.

ޤާނޫނުގައި މިހާރު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުން އެވޯޓު ނަގާއިރު ޤާނޫނުގައި ބުނެފައިވާފަދަ މައްސަލައެއްގައި ނޫނީ ރައީސްގެ ނޯކޮންފިޑެންސް ނެގުމުގެ ބާރު މަޖިލީހަށްވެސް ލިބިގެން ނުވެއެވެ. ޤާނޫނު އޮންނަ ގޮތުން ރައްޔިތުންގެ އިތުބާރު ރައީސަށް ގެއްލިގެން ރައްޔިތުންގެ ވޯޓަކަށް ދިއުމުގެ ފުރުސަތެއް ނޯވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.