އަންހެން ކުދިން ޚިތާން ކުރުމުގެ ނަމުގައި ހިންގާ ކަންކަމަކީ ލާއިސްލާމީ ޢަމަލެއް: މައުމޫން

އަންހެން ކުދިން ޚިތާން ކުރުމުގެ ނަމުގައި ހިންގާ ކަންކަމަކީ ލާއިސްލާމީ ޢަމަލެއް: މައުމޫން

Author
ޢަލީ އާދަމް
25 ޖޫން 2021 06:11
0

އަންހެންކުދިން ޚިތާނު ކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫންކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އަންހެން ކުދިން ޚިތާނުކުރުމުގެ ސަގާފާތް އަލުން ރާއްޖޭގައި އާލާވަމުން އަންނަކަން ދިރާސާތަކުން ދައްކާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ދާދިފަހުން ވަނީ ބުނެފަ އެވެ. އަދި އަންހެނުން ޚިތާނު ކުރުމަކީ ދީނީކަމެއް ކަމުގައި ބައެއް މީހުން ދެކޭ ކަމަށާއި ބައެއް ދީނީ އިލްމުވެރިންވެސް އެކަމަށް ބާރުލިބޭގޮތަށް ވާހަކަ ދައްކަމުން ގެންދާކަމަސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި މަޢުލޫގައި ރައީސް މައުމޫން ކުރެއވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނުގައި ޚިތާން ކުރުން ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށެވެ. އަދި އަންހެންކުދިން ޚިތާން ކުރުން ނޯންނަ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ޚިތާން ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއް."

– މައުމޫން

ރައީސް މައުމޫން ވިދާޅުވީ މިއީ އެމަނިކުފާނުގެ އަމިއްލަ ރައުޔެއްނޫން ކަމަށެވެ. އަދި މިސުރުގެ ފަތުވާއިދާރާއިން އިއްޔެ ނެރުނުބަޔާނެއްގައި ބުނެފައިވަނީ އަންހެނުން ޚިތާންކުރުމަކީ ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައި ކަމެއްކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

އަންހެނުން ހިތާނުކުރުމަށް ހިތްވަރުދޭގޮތަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ކުރެއްވި ޓުވީޓަކާއި ގުޅިގެން އެމައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަޙްމަދު ނަސީމް ދާދިފަހުން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް މިއީ އިލްމީ ދިރާސާތަކަށް އިހުތިރާމު ކުރަން ނޭގުމުން، ހުށަހެޅުއްވި މައްސަލައެއް ކަމުގައި ޑރ. އިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.