މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައިވަނިކޮށް، މާލޭގެ ބައެއް މިސްކިތްތަކުގައި ޖަމާޢަތުގައި ހުކުރު ނަމާދުކޮށްފިއެވެ. މިއަދު ހުކުރު ނަމާދު ޖަމާޢަތުގައި ކޮށްފައިވާ ބައެއް މިސްކިތްތަކުގެ ތެރޭގައި ފުރުގާން މިސްކިތާއި ހުޅުމާލޭގެ މަސްޖިދުލް އަލް އުމަރު ބިން އަލް ހައްޠާބު ހިމެނެއެވެ.
މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ފުލުހުން ކުރިން ހުއްޓުވިނަމަވެސް، މިއަދު ޖަމާޢަތުގައި ކުރި ހުކުރު ނަމާދު ފުލުހުން ހުއްޓުވާފައެއްވެސް ނުވެއެވެ. ހުކުރު ނަމާދުކޮށްފައިވަނީ މެންދުރު ނަމާދަށްފަހު ހުކުރު ޚުޠުބާވެސް ކިޔުމަށްފަހުއެވެ. މިއަދު ޖަމާޢަތުގައި ހުކުރު ނަމާދު ކުރިނަމަވެސް، ފުލުހުންވެސް އަދި އިސްލާމިކް މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިއަދު ޖަމާޢަތުގައި ކުރި ހުކުރު ނަމާދުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ. ކޯވިޑް-19އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް އެކަނިކުރާ ނަމާދުތަކަށް މިސްކިތްތައް ވަނީ ހުޅުވާލާފައެވެ.
ކޯވިޑްގެ ހާލަތު ގޯސްވެ މިދިޔަ މަހަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި މަހެވެ. ނަމަވެސް މިހާރު މަޑުމަޑުން ކޯވިޑްގެ ކޭސްތައް ދަށްވެ، ކޯވިޑްގެ ނުރައްކާތެރިކަން މާލެ ސަރަހައްދުގައި ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ. މިހާލަތުގައި ޖަމާއަތުގައި އަލުން ނަމާދު ކުރުމުގެ ފުރުސަތު ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ