އެމްޑީޕީއަށް އިންސާފު ހޯދަން އިންތިޤާލީ އިންސާފު އޮފީހަށް ދާންޖެހޭ: ޝިފާޒު

އެމްޑީޕީއަށް އިންސާފު ހޯދަން އިންތިޤާލީ އިންސާފު އޮފީހަށް ދާންޖެހޭ: ޝިފާޒު

Author
މުޙައްމަދު ޝަޒައިމް
25 ޖޫން 2021 09:58
0

މާޒީގައި އެމްޑީޕީއަށް ލިބިފައިވާ އެކި ގެއްލުންތަކަށް ބަދަލު ހޯދުމަށް އިންތިޤާލީ އިންސާފު އޮފީހަށް ދާންޖެހޭ ކަމުގައި އެމްޑީޕީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ، އިންތިގާލީ އިންސާފުގެ ބިލަކީ ރައްޔިތުންގެ މަޖިލީހުން ވަރަށް މަސައްކަތް ކޮށްގެން ފާސްކުރި ބިލެއް ކަމަށެވެ. އެމްޑީޕީ އުފެދުނީއްސުރެ ދައްކަމުން އަންނަނީ އިންސާފު ހޯދުމުގެ ވާހަކަ ކަމަށާއި، މިއަދާ ހަމައަށްވެސް ހުއްޓުމެއްނެތި އެވާހަކަ ދެކެވެނީ، ރައްޔިތުން ބޭނުންވާ އިންސާފު އަދިވެސް ނުލިބޭތީ ކަމަށެވެ.

އެމްޑީޕީއަކީ މާޒީގައި އިންސާފުން ބޭރުން އެތައްކަމެއް އެކި ސަރުކާރުތަކުން ކޮށްފައިވާ، ނުހަނު ބޮޑު ގެއްލުންދީފައިވާ ޕާޓީއަކަށްވާއިރު، އެމްޑީޕީގެ އެތައްހާސް މެމްބަރުންގެ ގެއްލިފައިވާ ހައްގުތައް ހޯދައި އެކަންކަން އިޔާދަކުރުމަކީ މިއަދު ކުރަންޖެހޭ ކަމެއްކަމަށް ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީއަށް މާޒީގައި ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން ވަކިވަކި ކަންކަމަށް އަލި އަޅުވާލަމުން ޝިފާޒު ވިދާޅުވީ، 2012 ވަނަ އަހަރުގެ ވެރިކަން ވައްޓާލުމާއި، އެމްޑީޕީގެ އާންމު މެމްބަރުންނަށާއި، އަތޮޅުތެރޭގެ ރަށްތަކުގައި ހިންގި އެކި އަނިޔާވެރި އަމަލުތަކަކީ އިންސާފު ލިބެންޖެހޭ މައްސަލަތަކެއްކަމަށެވެ. މިކަން ކުރުމަށްޓަކައި ޕާޓީން ކުރަންޖެހޭ އެންމެގައި މަސައްކަތްކޮށް އިންތިޤާލީ އިންސާފު އޮފީހަށް މައްސަލަ ހުށަހަޅަންޖެހޭކަމަށް ޝިފާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ އޮފީހަށް ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޙީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.

އިންތިޤާލީ އިންސާފު އޮފީހުގެ އޮމްބަޑްސްޕަރސަން ޖިހާދާ އަނީސް ވިދާޅުވެފައިވަނީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ އެކި މައްސަލަތަކަށް އިންސާފު ހޯދުމުގައި އެ އޮފީހުން އެންމެ ބޮޑު އިސްކަމެއްދެއްވާނީ ވާހަކަ ދައްކައިގެން މަޝްވަރާގެ އުސޫލުން ކަންކަން ހައްލުކުރުމަށްކަމަށެވެ. އަދި އިންތިޤާލީ އިންސާފުގެ ޤާނޫނުންވެސް ބާރުއަޅަނީ އެގޮތަށް ކަމަށާއި، ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ހާލަތެއްގައި ތަހުގީގްކޮށް ދައުވާކުރަންޖެހޭ ހާލަތަށް ދާންޖެހިއްޖެނަމަ އިންސާފު ހޯދައިދިނުމަށްޓަކައި އެމަސައްކަތްވެސް ކުރާނެކަމަށް އެއޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.