ހިޔާ ފްލެޓްތައް ބަލާލުމުގެ ފުރުޞަތު ހުޅުވާލައިފި

ހިޔާ ފްލެޓްތައް ބަލާލުމުގެ ފުރުޞަތު ހުޅުވާލައިފި

Author
މުޙައްމަދު ޖިމީ
24 ޖޫން 2021 02:44
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީން ޢިމާރާތްކުރެއްވި "ހިޔާ"ފްލެޓްތައް ލިބުނު މީހުންނަށްއެ ފްލެޓްތައް ދައްކާލުމަށް ނިންމައިފިއެވެ. ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދައްކާލުމަށް ނިންމެވީ، އެކަމަށް ގިނަ ބަޔަކު އެދެމުންދާތީކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓްތަކުގެ 6720 ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމަޔަށް ފްލެޓްތައް ބަލައިލުމުގެ ފުރުޞަތު ދޭނެކަމަށް އެޗްޑީސީން ބުންޏެވެ. މިގޮތުން ފްލެޓްތައް ދައްކާލުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް 4 ދަންފަޅިއަކަށް ބަހާލައިގެންކަމަށާއި، މިގޮތުން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 16:00 އާ ދެމެދު ފްލެޓްތައް ދައްކާލުމަށް ވަނީ ނިންމާފައިކަމަށް އެޗްޑީސީން ބުންޏެވެ.

ކޮންމެ ފްލެޓެއްވެސް ބަލާލުމުގެ ފުރުޞަތު ދެވޭނީ 2 މީހަކަށްކަމަށާއި ފްލެޓް ބަލަން އަންނައިރު އައިޑީކާޑުގެ އަސްލު ގެދަންޖެހޭނެކަމަށާއި، ފްލެޓް ބަލަން ވެރިފަރާތެއް ހާޒިރު ނުވެވޭނަމަ ބަދަލުގައި ހާޒިރުވާ ފަރާތުން ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ފޮޓޯއެއް ގެނައުމަށާއި ފްލެޓް ބަލަން އަންނަ ފަރާތްތަކުގެ "ހާޒިރީ"ގައި ނަންނޯޓުކޮށް ސޮއިކުރަން ޖެހޭތީ އަމިއްލަ ގަލަން ގެނައުމަށްވެެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޑީސީން ބުނީ،މި މުއްދަތުގެ ތެރޭގައި ފްލެޓް ބަލަން ނާދެވޭ ފަރާތްތަކަށް ދެން ފްލެޓް ދެއްކޭނީ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރާ ދުވަހުކަމަށެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް އެތަން ދެއްކުމަށް ނިންމާފައިވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ފަރާތްތަކަށް ލިބިފައިވާ ފުލެޓް ބަލައި، ފްލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އަންދާޒާއެއް ހެދުމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސަކީ މެދުނުކެނޑި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރައްމުންދާ ތަނެއްކަން ފާހަގަކޮށް އެޗްޑީސީން ވަނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 16 ޓަވަރު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަސައްކަތްތަކާއި އެ ޓަވަރުތަކުގެ ބައެއް ނުނިމި ހުރި މަސައްކަތްތައްވެސް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

ކޯވިޑްގެ ހާލަތުގައިވެސް ކަމާބެހޭ އިދާރާތުކުގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ބެލުމުގެ ފުރުޞަތު ހަމަޖައްސާފައި ވަނީ މިކަމަކީ ގިނަ އަދަދެއްގެ ރައްޔިތުންނާއި ގުޅުން ހުރި ކަމަކަށްވެފައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފްލެޓް ބަލައިލުމުގެ ފުރުޞަތު ދިނުމަށް އެދި ގިނަ ބަޔަކު ހުށައެޅުމުންނެވެ. އަދި 4 ދަންފަޅިއަކަށް ބަހާލައިގެން އެ މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާއަތްކޮށް ގިނަ އަދަދެއްގެ މީހުން އެއްވަގުތެއްގައި ނުގެން ދިއުމަށްކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި އަންނަ މަހުގެ 14ގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.