ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން މެދުވެރިކޮށް ކޯޓުގައި ޕީޖީ އޮފީހުން އަނެއްކާ ވެސް އެދިއްޖެއެވެ.
މީގެ ކުރިން ވެސް އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ނިންމައިފަ އެވެ. އެއީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް އޭނާ ފުރާވަޑައިގަންނަވަން އުޅުއްވުމުން ހަތަރު މަހަށެވެ. ފުރަތަމަ އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ފެބްރުއަރީ ނުވަ ވަނަ ދުވަހުއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއުވިދާޅުވީ ފުލުހުން މެދުވެރިކޮށް އަލީގެ ފާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެ އަމުރު ހޯދުމަށް ކޯޓުގައި އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރުވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަމަށް ވިދާޅުވެފައެވެ. ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.
ކޮމެންޓު ފޮނުވާ