މިދިޔަ މަހު ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ޒަހަމްވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޔަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފިޔަވައި އެހެން ހުރިހާ ޒަހަމްތަކެއް ފަސޭހަ ވެފައިވާ ކަަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.
ނަޝީދުގެ ބޭބޭފުޅު ޑރ.މުހައްމަދު ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ފަޔަށް ލިބުނު ޒަހަމް ފިޔަވައި އެހެން ޒަހަމްތައް މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. މިއަދު ހަދަން ހަމަޖެއްސި އެންޑޮސްކޮޕީ ވެސް ޑޮކްޓަރު ކެންސަލް ކުރައްވާފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.
ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޖަރުމަނުވިލާތުގަ އެވެ. ޖަރުމަނުގެ ހޮސްޕިޓަލްގައި ސާޖަރީއެއް ވެސް ހައްދަވާއިފައިވާ އިރު މީގެ ކުރިން އޭޑީކޭގައި ވެސް އެތައް ސާޖަރީއެއް އެމަނިކުފާނު ހައްދަވައިފައި ވެއެވެ.
ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުން މީގެ ކުރިން ވިދާޅުވީ އެމަނިކުފާނުގެ ހަށިގަނޑުގެ އެކި ހިސާބަށް ދަގަނޑު އެތިކޮޅުތަކެއް ވަތން ކަމަށެވެ. އަދި ދަގަނޑުކޮޅުތަކުގެ ތެރެއިން މޭކަށިގަނޑަަށް ވެދެފައިވާ އެތިކޮޅުތައް ހުރީ ފުރާނައަށް ނުރައްކާވާފަދަ ގޮތަކަށް ކަމަށާއި އެ އެތިކޮޅު އެއް ސެންޓިމީޓަރަށް ވުރެ ތިރިވި ނަމަ ވެސް އެމަނިކުފާނުގެ ހިތަށް ހެރޭނެ ކަމަށެވެ.
މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީކޮޅަށް ހިނގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެންވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށާއި، އެ އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަން ވިލާތަށް ވަޑައިގެންނެވީ މިމަހުގެ 13ވަނަ ދުވަހުގައެވެ. ޖަރުމަންވިލާތުގެ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވަނީ ޖަރުމަންވިލާތުގެ ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރައްވައިފިއެވެ.
ރައީސް ނަޝީދަށްދިން ބޮމުގެ ޙަމަލާއާއި ގުޅިގެން މިހާތަނަށްވަނީ އެހަމަލާގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި، ބޮންގޮއްވާލި ސައިކަލުގެ ވެރިފަރާތް ހިމެނޭހެން ޖުމްލަ 4 މީހަކު ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ