މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުން އެކުލަވާލާފައިވާ "މެއި 6″ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ބައްދަލު ކުރުމަށް ނިންމައިފިއެވެ.
މެއި 6 ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމެޓީގެ މުޤައްރިރު ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ރައީސް އުފެއްދެވި އިންޓެލް ކޮމެޓީ އާއި ރައީސް އައްޔަން ކުރެއްވި މަންދޫބާއި ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެކަމަށް އެދި ވަރަށް އަވަހަށް އެޕޮއިންޓްމަންޓަކަށް އެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ބެލެވުނު ނަމަވެސް ތަހުގީގު މުޅިން އެގޮތަށް ވިސްނައިގެން ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލާގައި އެންމެ ފުންމިނަށް ދިއުމަކީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށާ ހަމަލާ ދިން މީހުންނާއި އެކަމަށް ފަންޑު ކުރި މީހުން އަދި އެކަމަށް ހިތްވަރުދިން ބަޔަކު ތިބި ނަމަ އެ ބަޔަކުވެސް ދެނެގަންނަން ޖެހޭ ކަމަށެވެ.
މެއި 6 ކޮމިޓީ އަކީ ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމައްޓަކައި އެމްޑީޕީގެ ޤައުމީ މަޖިލީހުން އުފައްދާފައިވާ ކޮމިޓީއެކެވެ. މެއި 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން އެމް.ޑީ.ޕީގެ މި ކޮމިޓީން ކުރާ މަސައްކަތުގެ މައިގަނޑު މަޤަޞަދަކީ އެ މައްސަލައިގެ ތަހުގީގު މަސައްކަތްތައް ތަހުގީގަށް ބުރޫނާރާ ފަދައިން ގާތުން ބަލައި އެކަމުގެ މަޢުލޫމާތުތައް އެމް.ޑީ.ޕީގެ ޢާންމު މެމްބަރުންނާ މީޑީއާއަށް ހާމަކުރުންކަމަށް އެ ކޮމިޓީން ބުނެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޓީން ވިދާޅުވީ މި ޙަމަލާއާ ގުޅިގެން ވަރަށް ގިނަ އަދަދަކަށް ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އަދި އެ ކޮމިޓީން އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި އެ ކަމުގެ އަޑި ހޯދާނެކަންވެސް 6 މެއި ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ