ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ހުށަހެޅިފައިވާ އިސްލާހާ ގުޅިގެން އުފެދިިގެންދަނީ އިތުރު ބައިބައިވުމާއި ނަފްރަތަށްވާއިރު، މިބިލް ވީހާވެސް އަވަހަށް ގެންދިއުމަށް ދިވެހި ޤައުމީ ހަރަކާތް (ޑީ.އެން.އޭ) އިން ސަރުކާރަށް ގޮވާލައިފިއެވެ.
ނަފްރަތު ބިލާއި ގުޅިގެން އާންމުގެ ތެރޭގައި ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް ޑީއެންއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އިސްލާހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް ކަމުގައެވެ.
އެއްވެސް ޤާނޫނަކަށް އެއްވެސް އިސްލާހެއް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފުނުވާނޭ ގޮތަށް ކަމުގައި ޑީ.އެން.އޭ އިން ދެކޭކަމަށާއި، އެހެންކަމުން ޤާނޫނުލްޢުޤޫބާތަށް ހުށަހަޅާފައި މިވާ އިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމުގައި ދެކި ޑީ.އެން.އޭ އިން ވަނީ މިކަން ހަރު އަޑުން ކުށްވެރި ކޮށްފައެވެ.
ހައްސާސީ ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލިސްގައި ހިމެނޭ އެމް.ޑީ.ޕީ އަށް ނިސްބަތްވާ ހަތަރު މެންބަރަކު ވަނީ މި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅު ހައްދަވާފައިކަން ފާހަގަކުރަމުން، މި ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޑީ.އެން.އޭ ގެ ފަރާތުން މަރުޙަބާ ދަންނަވަން. އަދި މި ފަދަ ކޮންމެ ދަނޑިވަޅެއްގައި ޕާޓީ އަށްވުރެ އިސްލާމް ދީނާއި ދިވެހި ޤައުމު އިސްކުރައްވައި، އަމިއްލަ އެދުމުން ބަރީއަވެ މަސައްކަތް ކުރެއްވުމުގައި ހުރިހާ ޕާޓީ ތަކެއްގެ ހުރިހާ މެންބަރުންވެސް ދެމިތިއްބަވާނޭ ކަމުގެ އުއްމީދު ޑީ.އެން.އޭ އިން ކުރަން.
– ޑީއެންއޭގެ ބަޔާނުގައި ވެއެވެ.
މިގޮތަށް ހުށަހެޅޭ އިސްލާހުތަކަކީ އެ އިސްލާހު ތަކެއް ފާސްވެއްޖެނަމަ ކުރިމަގުގައި ޤައުމަށް ބޮޑެތި ގެއްލުންތަކެއް ވާނޭ ކަންކަން ކަމުގައި ވާތީ މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވިއަސް މިއީ ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނޭ ކަންކަން ކަމުގައި ޑީ.އެން.އޭ އިން ވަނީ ބުނެފައެވެ.
ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މި އިސްލާހާ ނުރުހުންވެފައި ތިބިކަން ސަރުކާރަށް އެނގޭ ހިނދުވެސް، އިތުރަށް ޤައުމުގެ އަމަން ނަގާލަން މިފަދަ އިސްލާހެއް ހުށަހެޅުމަށްޓަކައި ހިތްވަރު ދީފައިވާތީ މިއީ އަދުލު އިންސާފަށް ބަލާއިރު ވަކިބައެއްގެ ހިމާޔަތުގައި ތެދުވެވޭ ތެދުވެވުމެއްކަން ފާހަގަ ކުރެވޭކަމަށް މިބަޔާނުގައި ބުނެފައެވެ. އަދި ޙައްޤު ލިބެންވާނީ ހުރިހާ އެންމެނަށް ހަމަހަމަކޮށް ކަމުގައި ޤަބޫލުކުރާ ކަމަށާއި، ނަމަވެސް މި ހުށަހެޅިފައިވާ އިސްލާހުގައި ވަކިބައެއްގެ ޙައްޤު ކަށަވަރުކޮށް، އެހެން މީހުން ވަނީ އެ ހައްޤުތަކުން މަޙުރޫމު ކޮށްފައިވާކަމަށެވެ. އެހެންކަމުން މި ބިލު އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ޑީ.އެން.އޭ ގެ ފަރާތުން ވަނީ ގޮވާލާފައެވެ. އަދި ޤާނޫނަށް ގެނެވޭ މިފަދަ ބަދަލުތައް ގެނެވެންވާ ވެންވާނީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީންނާ މަޝްވަރާ ކުރެވި އެބޭފުޅުންގެ ލަފަޔާއި ރަޢުޔާ ޚިލާފުނުވާނޭ ގޮތަށް ކަމުގައި ވެސް ޑީއެންއޭއިން ބުނެފައެވެ.
ކޮމެންޓު ފޮނުވާ