193 މެމްބަރުންގެ މައްޗަށް އެކުލެވޭ ޔޫއެން ޖެނެރަލް އެސެމްބްލީން، 5 އަހަރުގެ ދެވަނަ ދައުރަކަށް، ޔޫއެން ސެކެޓްރީ ޖެނެރަލްގެ މަގާމަށް އެންޓޯނިއޯ ގުޓަރޭސް އިންތިޚާބު ކޮށްފިއެވެ. އޭނާގެ ދެވަނަ ދައުރު ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
އެނާ މި އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ، ޔޫއެންގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ޔޫއެން ސެކިއުރިޓީ ކައުންސިލްގެ އަގުލަބިއްޔަތުން އޭނާގެ ނަން ފާސްކުރުމަށްފަހު، ޖެނެރަލް އެސެމްބްލީއަށް އޭނާގެ ނަން ހުށަހެޅާފައި ވަނިކޮށެވެ.
"ވަރަަށް ތަނަވަސް އަޢުލަބިއްޔަތަކުން، ޔުނައިޓެޑް ނޭޝަންގެ ސެކެޓްރީ ޖެނެރަލްގެ، 1 ޖެނުއަރީ 2022 އިން 31 ޑިސެމްބަރ 2026އަށް މުއްދަތު ހަމަވާ ދެވަނަ ދައުރަށް ގުޓަރޭސް އިންތިޚާބު ވެއްޖެ،" ގުޓަރޭސް ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމާ ކާމިޔާބު ކުރެއްވިކަން އިއުލާން ކުރައްވަމުން، ޔޫއެންގެ 75 ވަނަ ދައުރުގެ އާންމު މަޖިލީހުގެ ރައީސް ވޮލްކަން ބޮޒްކިރު ވިދާޅުވެފައި ވެއެވެ.
އަދި އެއަށްފަހު، ބޮޒިކިރު ވަނީ، ޔޫއެން ޖެނެރަލް އެސެމްބްލީގެ ހޯލުގައި، އުމުރުން 72 އަހަރުގެ ގުޓަރޭސްއަށް ސެކެޓްރީ ޖެނެރަލްކަމުގެ ހުވާ ލާ ދެއްވާފައެވެ.
ޖޫންމަހުގެ 8 ވަނަ ދުވަހު، ޔޫއެންގެ 15 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ ސެކިއުރިޓީ ކައުންސިލުން ވަނީ، އެކައުންސިލުން ބޭއްވި ސިއްރު ބައްދަލުވުމުގައި، ކައުންސިލްގެ ވަރަށް ތަނަވަސް އަޢުލަބިއްޔަތަކުން، ގުޓަރޭސްގެ ނަން، 5 އަަހަރުގެ 2 ވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ރުހުންދީ، ޖެނެރަލް އެސެމްބްލީއަށް ހުށަހެޅުމަށް ގަރާރަކުން ފާސްކޮށްފައެވެ.
ގުޓަރޭސް ދެވަނަ ދައުރަކަށް އިންތިޚާބުވިކަން ބޮޒްކިރު އިއުލާން ކުރެއްވުމާއެކު، ޖެނެރަލް އެސެމްބްލީގެ ހޯލުގައި ތިބި ގައުމުތަކުގެ ސަފީރުންވަނީ، ބާރަށް އަތްޖަހާ އުފާފާޅު ކޮށްފައެވެ.
ޔޫއެންގެ ޗާޓަރުގައި ވާގޮތުން، އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އިންތިޚާބު ކުރަން ޖެހެނީ، ސެކިއުރިޓީ ކައުންސިލްގެ ލަފަޔާއެއްގޮތަށް، ޖެނެރަލް އެސެމްބްލީގައި ވޯޓު ނަގައިގެންނެވެ.
އެންޓޯނިއޯ ގުޓަރޭސްއަކީ ޕޯޗުގީޒްގެ ކުރީގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ، 1995 ވަނަ އަހަރުން 2002 ވަނަ އަަހަރުގެ ނިޔަލަށެވެ. އަދި އެއަށްފަހު އޭނާވަނީ، 2005 އިން 2015 ވަނަ އަހަރާ ހަމައަށް ޔޫއެންގެ ރެފިއުޖީ އޭޖެންސީގެ ވެރިޔާގެ މަގާމްވެސް ފުރުއްވާފައެވެ.
އޭނާ ޔޫއެންގެ ސެކެޓްރީ ޖެނެރަލްކަން ކުރައްވަމުން ގެންދަވަނީ 2017 ވަނަ އަހަރު ފެށިގެންނެވެ. ދެވަނަ ދައުރަކަށް ކުރިމަތި ލެއްވިއިރު، އޭނާއި އިތުރު އެއްވެސް މީހަކު މިމަގާމަށް ވާދަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ