އެއާރ ޓްރެފިކްގެ ކޮންޓްރޯލް ބޭރު ބަޔަކަށް ނުދޭނެކަމަށް ނުބުނެވޭނެ: ސަޢީދު

އެއާރ ޓްރެފިކްގެ ކޮންޓްރޯލް ބޭރު ބަޔަކަށް ނުދޭނެކަމަށް ނުބުނެވޭނެ: ސަޢީދު

Author
މުޙައްމަދު ޖިމީ
14 ޖޫން 2021 02:01
0

އެއާރ ޓްރެފިކްގެ ކޮންޓްރޯލް ބޭރު ބަޔަކަށް ނުދޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވިނަމަވެސް، އެތަން ބޭރުގެ ބަޔަކަށް ދެވޭނެކަން ސަރުކާރުން ގެނައި އިޞްލާހުން ހާމަވެއްޖެއެވެ. އެކަން ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުވެސް ވަނީ ހާމަކޮށްދެއްވާފައެވެ.

މިގޮތުން ރާއްޖޭގެ އެއަރޕޯޓްތަކުގެ އެއަރ ޓްރެފިކް ކޮންޓްރޯލާއެކު އެއަރޕޯޓްތަކުގެ 100 އިންސައްތަ ހިއްސާ ބޭރު ފަރާތްތަކަށް ދެވޭގޮތަށް ސަރުކާރުން ގެނައި އިޞްލާހަށް ވަނީ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައެވެ. ސަރުކާރުން ގެޒެޓުކުރި އިސްލާހުގައި ބުނެފައިވަނީ، ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ %100 ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެކަމަށެވެ. އަދި އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް%100 ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.

 

ސަރުކާރުން ގެނައި އިޞްލާހުގައި އެއާރ ޓްރެފިކްގެ ކޮންޓްރޯލްވެސް ބޭރުބަޔަކަށް ދެވޭނެކަން އެނގެން އެބައޮތްކަން ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވަނީ ހާމަކޮށްދީފައެވެ.

ސަޢީދު ވިދާޅުވީ، ޤައުމުގެ ވައިގެ ބަނދަރުތަކުގެ އިތުރަށް ވައިގެ ސަރަހައްދުވެސް ވިއްކާލަނީކަމަށެވެ. މިއީ ޤައުމީ ސަލާމަތަށް ނުރައްކަށް ނުވާނެތޯ ސަޢީދު ސުވާލުކުރެއްވިއެވެ. ނޫނީ ރައީސްގެ މަޖުބޫރު ހާލަތެއް ކުރިމަތިވެ ރައްޔިތުންނަށް އެނގޭނެ ހާލަތެއްވެސް ނެތީތޯ ސަޢީދު ސުވާލުކުރެއްވިއެވެ.

ނަމަވެސް މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން އެއަރޕޯޓެއްގެ އެއާރ ޓްރެފިކްގެ ކޮންޓްރޯލް ބޭރު ބަޔަކަށް ނުދޭނެކަމަށެވެ.

ރާއްޖޭގެ ވައިގެ ބަނދަރުތައް %100ބޭރުގެ ކުންފުނިތަކުން ހިނގޭ ގޮތައް ސަރުކާރުން ނިންމާފައިވާއިރު، ހަނިމާދޫ އެއަރޕޯޓް އިންޑިއާއަށް ހިންގުމަށް ދިނުމަށް ނިންމާފައިވާކަމަށް އަޑުފެތުރިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.