ޕްރޮޑިއުސަރ ކަރަން ޖޯހަރްގެ ޓޯކް ޝޯވ "ކޮފީ ވިތު ކަރަން"ގައި ދެކެވުނު ވާހަކައެއްގެ ސަބަބުން ސޯނަމް ކަޕޫރާއި ރަންބީރް ކަޕޫރުގެ ގުޅުމަށް އަސަރު ކުރި ކަމަށް ސޯނަމް ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.
ސޯނަމް ކަޕޫރާއި ރަންބީރު ކަޕޫރުގެ ފުރަތަމަ ފިލްމް "ސާވަރިޔާ" ކުޅުނު ދުވަސްވަރު މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ސޯނަމް ވަނީ އެއްބަސް ވެފައިއެވެ. ނަމަވެސް މި ގުޅުން މާގިނަ ދުވަހަކު ދެމިއެއް ނޯތެވެ.
2011 ވަނަ އަހަރު ދިން އިންޓަވިއެއްގައި ވާހަކަ ދައްކަމުން ސޯނަމް ބުނެފައިވަނީ ޝޯގައި ދެކެވުނު ވާހަކައިގެ ސަބަބުން އޭނާ އާއި ރަންބީރްގެ ރައްޓެހިކަމަށް ހީނަރުކަން އައިސްފައި ވާކަމަށެވެ.
2010 ވަނަ އަހަރު ކަރަން ޖޯހަރުގެ ޝޯގައި ސޯނަމް އާއި ދީޕިކާއާ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ސޯނަމް ބުނީ އޭނާ ދެކޭގޮތުގައި ރަންބީރް އަކީ އެހާ ރަނގަޅު "ބޯއީ ފްރެންޑެއް" ނޫން ކަމަށެވެ. އެ ޝޯވގައި ސޯނަމް އެހެން ބުނެފައިވާއިރު ދީޕިކާ ވެސް ވަނީ ރަންބީރާއި އެކުގައި ލޯބީގެ ގުޅުމެއް ބާއްވާފަ އެވެ. އަދި ރަންބީރުގެ ބޭވަފާތެރި ކަމުގެ ސަބަބުން އެގުޅުން ވެސް އޭރު ވަނީ ނިމިފައެވެ.
މި އިންޓަވިއު ދިންތާ އަހަރެއް ފަހުން ފިލްމް ފެއާއަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނެފައިވަނީ ކޮފީވިތު ކަރަން ގައި އެހެން ބުނެވުނީތީ މޮޔަ ހީވާ ކަމަށެވެ. އަދި އެކަމާއި ބެހޭގޮތު އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި އެކަމުގެ ސަބަބުން އޭނާ އަދި ރަންބީރް ގެ ގުުޅުމަށް ހީނަރުކަން އައިސްފައިވާ ކަމަށެވެ.