ސައުދީ އަރަބިއްޔާގައި އޮންލައިން ކްލާހަށް ވަންނަން ވެގެން ނެޓް ނުލިބިގެން ފާރެއް ކައިރީގައި ތިއްބާ ފާރު ގައިމައްޗަށް ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެއެވެ.
މިކަން ހިނގާފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން އަލް އައިނާގެ ވިލޭޖެއްގައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަހުމަދު އާއި ޖަމިލް އަލް އަސްރީ ދިރިއުޅެމުންދާ ގެއަށް ނެޓް ނުލިބޭތީ ދެ މީހުން ތިބީ ވެއްޓެން ކައިރިވެފައި އޮތް ފާރެއްގެ ޖެހިލައިގެން އިށީންދެގެންނެވެ.
މީގެ ދުވަސްކޮޅެއް ކުރިން މިކަން ހިނގީ. ގެއަށް އިންޓަނޭޓް ނުލިބޭތީ އެ ކުދިން ތިބީ ބޭރުގައި އޮންލައިން ކްލާސްތަކަށް ވަންނަން ވެގެން، އެހެން ތިއްބާ އެ ކުދިންގެ ގައި މައްޗަށް އެ ފާރު ވެއްޓުނީ.– އެ ކުއްޖާގެ ބައްޕައާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުންޏެވެ.
މި ހާދިސާގައި މަރުވެފައި ވަނީ ގްރޭޑް ދޭއްގައި ކިޔަވަމުން އަންނަ އަހުމަދު އެވެ. އޭނާގެ ބޭބެ ޖަމީލްއަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެ ދެ ކުދިންގެ އުމުރެއް ހާމަކޮށްފައެއް ނުވެއެވެ. ސައުދީގައި އާ އަހަރުގެ ތައުލީމް ފެށީ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ. ކޯވިޑް-19 އާ ގުޅިގެން އެ ކްލާސްތައް ކުރިއަށް ގެންދަނީ ފިޔަވަޅު އަޅައިގެންނެވެ.