ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޯވިޑް19 ގެ ބަލިމަޑުމަކުން އަރައިގަތުމަށް ކަމަށް، ރިޔާސަތު ކާމިޔާބު ކުރެއްވުމަށްފަހު، ދެއްވި ފުރަތަމަ ތަގުރީރުގައި، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު ވިދާޅު ވެއްޖެއެވެ.
ޖެނެރަލް އެސެމްބްލީގެ ރިޔާސަތުގަައި ކުރެއްވި ފުރަތަމަ ތަގުރީރުގައި، ޝާހިދު ވިދާޅުވެފައިވަނީ، މިހާރުވެސް ރާވާފައި ހުރި ކަންތައްތަކަށް އިސްކަންދީ، ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކޮށް، އިގްތިޞާދުތައް ހަރުދަނާ ކުރުމަށް އެމެނިކްފާނުގެ ދައުރުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި އެންމެނަށް ވެކްސިން ހަމަހަމަކަމާ އެކު ލިބޭނޭ މަގު ގާއިމްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވަމުން، ޝާހިދު ވިދާޅުވެފައިވަނީ، މުޅި ދުނިޔެ ވެކްސިނޭޓް ކުރަން ޖެހޭ ކަމަށާއި، ހުރިހާ މީހުންނަށް ރައްކާތެރިކަން ލިބިގެން މެނުވީ އެއްވެސް އެއްވެސް މީހަކަށް ސަލާމަތްތެރިކަމެއް ނުލިބޭނެ ކަމަށެވެ.
އަޅުގަނޑުމެން އެބަ ޖެހޭ ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރަން. އަޅުގަނޑުމެންގެ "އެކްޝަން ގެ ޑެކޭޑް" މިހާރު އެބަ ވާން ޖެހޭ އިއާދަ ކުރުމުގެ އަހަރުތަކަކަށް. މިއަދު އަޅުގަނޑުމެން ސަމާލުކަން ދޭންވީ ކުރިއަށްވުރެ ރަނގަޅަށް، އަދި ކުރިއަށްވުރެ ވަރުގަދަކޮށް ކުރިއަށް ވުރެ ފެހި އަދި ނޫކޮށް ބިނާކުރުމުގެ މައްޗަށް. އަދި މިކަމުގައި އެއްވެސް މީހެއް، އެއްވެސް ގައުމެއް ބާކީ ނުކޮށް ކުރިއަށް ދިޔުމަށްޓަކާ މަސައްކަތް ކުރަންޖެހޭ!
ޔޫއެންޖީއޭގެ ރިޔާސަތުގައި ވާހަކަ ދައްކަވަމުން ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެފައި ވެއެވެ.
މި ތަގުރީގުގައި ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ އާންމުންގެ ބޭނުންތަކަށް އިޖާބަދީ މަޝްވަރާ ކުރުމަކީވެސް ހަމަ އެހާމެ މުހިންމު ކަމަށާއި، އެންމެގެ ހައްޤުތަކަށް އިޚްތިރާމްކޮށް، ގިނަ ބައެއްގެ ބޭނުންތަކާއި އިޙްސާސްތައް ހިމެނިގެން އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ މެދުކެނޑުމެއް ނެތި ކުރިއަށް ދާންޖެހޭ މަސައްކަތެއް ކަމުގައެވެ.
އދގެ ޢާއްމު މަޖިލީހަކީ އދގެ މައިގަނޑު 6 ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ. އދގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވާނެއެވެ.
ދިވެހިރާއްޖެއިން އދގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ