ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ މައްޗަށް ފުލުހުން ތަހުގީގު ކުރާ ގެވެށިއަނިޔާ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ތައްޔާރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކުމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.
އީސަގެ މައްޗަށް ތަހުގީގު ހިންގާފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް ވައްޓާލާނެ ކަމުގެ އިންޒާރު ދިން ކަމަށާއި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން ލިބޭ ކަމަށް އަސްރާ ތުހުމަތުކުރި މައްސަލަ އެވެ.
ނަމަވެސް އަސްރާ ފުލުހަށް ހުށަހެޅި މި މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާ ފުލުހުންގެ ކިބައި ފަހުން ވަނީ އެދިފަ އެވެ. ނަމަވެސް ފުލުހުން ބުނީ މިމައްސަލަ އަކީ ފުލުހުން ތަހުގީގް ކުރަމުންދާ ޖިނާއީ މައްސަލައަކަށް ވުމުން މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށާއި އެއްވެސް މީހަކު އެދިގެން ޖިނާއީ މައްސަލެއްގެ ތަހުގީގު ހުއްޓައި ނުލާނެ ކަމަށެވެ.
މިމައްސަލާގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށްވެސް ފުލުހުންގެ އެދުމުގެ މަތީން ޕީޖީން ކޯޓުގައި މީގެ ކުރިން އެދިފައިވެއެވެ. ނަމަވެސް ކޯޓު އަމުރުދީފައި ނުވެއެވެ.
މި މައްސަލަ ފެންމަތިވުމާއެކު އީސަ ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރަން ހުށަހެޅުމުން އަމިއްލަފުޅަށް އިސްތިއުފާ ދީފައެވެ. މީގެ އިތުރުން އެމްޑީޕީގެ އެކިއެކި މަގާމުތަކުންވެސް އީސަ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ