ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު އަވަހާރަކޮށްލުމަށް ދިން ހަމަލާއައި ގުޅިގެން، ހިންގަމުންދާ ތަހުގީގުގެ ފޯކަސް ބަދަލުކުރަމުންދަނީ ސަރުކާރުންކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މައްސަލައިގެ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސް ނަޝީދަށް ފޯރުކޮށްދެމުން އަންނަ ސެކިއުރިޓީއާއި ގުޅޭ މައުލޫމާތުތަކެއް ލީކްވެފައިވަނީ، އަސްކަރިއްޔާއިން އެފަދަ މައުލޫމާތުތައް ރިޕޯޓްކުރި ފަރާތަކުން ހާމަކޮށްފައިވާ މައުލޫމާތުކަމަށް ބެލެވޭކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝިދަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަން ތިއްބެވިި ސިފައިން ހަރަކާތްތެރިވިގޮތުން އެމީހުންގެ ގާބިލްކަމާއި ހުށިޔާރުކަން ސާބިތުކޮށްދިންކަމަށެވެ. އެ ހުށިޔާރުކަން ސާބިތުވާއިރު، ރައީސް ނަޝީދަށް ދެމުންއަންނަ ސެކިއުރިޓީގެ މައުލޫމާތު ހާމަވުމުން މުޅި އަސްކަރިއްޔާ ބަދުނާމަކުރުމަކީ ރަނގަޅުގޮތެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަން ކޮށްފައިވާކަމަށް ބެލެވެނީ، އެކަމުގެ ފުރިހަމަ މައުލޫމާތު ލިބޭ ސިޔާސީ ބޭފުޅެއްކަމަށާއި. މި މައްސަލަ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ތަހުގީގްކޮށް ފިޔަވަޅު އަޅަންޖެހެނެކަމަށެވެ.
ހަތަރު ފަސް އަހަރުވަންދެން ޔުނީފޯމް ބާލައިގެން ބޭރުގައި ހުންނެވި ބޭފުޅަކު، ދުނިޔޭގަ ކޮން ގައުމެއްގަތޯ ޗީފް އޮފް ޑިފެންސްފޯސްއަކަށް ނުވަތަ އަސްކަރިއްޔާގެ ކޮމާންޑަރަަކށް ހެއްދެވީ؟ ކޮންތަނެއްގަ ހިނގިކަމެއްތޯ ވިސްނާލަން އެބަޖެހޭ. ސިޔާސީގޮތުން އެކުލަވާލެވިފައިހުންނަ އެގްރިމަންޓެއް ދިފާއުކުރުމަށްޓަކައި އެތަނުގައި ތިއްބަވާ އެންމެ ބޮޑެތި ޑެކަރޭޓެޑް ޔުނީފޯމް އެޅުއްވި ޖެނެރަލުން އަރުއްވައިގެން އެކަންކުރެއްވީ ކޮންބައެއްތޯ އަޅުގަނޑުމެން ވިސްނަލަން ޖެހޭ.
– އާދަމް ޝަރީފް ޢުމަރު
އާދަމް ޗަރީފް ވިދާޅުވީ އެ ހިސާބށް އަސްކަރިއްޔާގެ ކަންކަން ދިއުމަކީ ލީޑާޝިޕްގައި ތިބިބަޔަކަށް ސަރުކާރުން ސިޔާސީ ނުފޫޒް ފޯރުވުމުން ވެގެންދާނެ ކަންކަންކަމަށާއި، އަސްކަރިއްޔާއަށް ސިޔާސީ ނުފުޒް ފޯރައިފިނަމަ އެކަންކަން ނުވާނެކަމަށް ބަލައިގެން ނުވާނެކަމަށެވެ. މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން ކުރީ ކޮންކަމެއްތޯ އަދި އެޅީ ކޮންކަމެއްތޯވެސް އާދަމް ޝަރީފް ސުވާލުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދިވެހި އަސްކަރިއްޔާ ދިފައުކުރުމަކީވެސް އެ ސަރުކާރެއްގައި ކުރަންޖެހޭނެކަމެއްކަމަށާއި، އަސްކަރިއްޔާ ބަދުނާމު ކުރުމުގެ ބަދަލުގައި ޑިފެންސް މިނިސްޓަރ އެ މައްސަލަ ތަހުގީގްކޮށް ފިޔަވަޅު އަޅުއްވަންޖެހޭނެކަމަށެވެ. އެހެންނޫނީ ރަނގަޅު ނަތިޖާއެއް ނުނިކުންނާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން އިންކުއަރީއެއް ހަދަމުންދަނިކޮށް، އެކަމުގެ މައުލުމާތު ލީކުވުމަކީ ސިޔާސީ ގޮތުން އެ އިންކުއަރީއަށް ނުފުޒްފޯރުވުންކަމަށާއި، އަދި އޭގެ ފޯކަސް ބަދަލުވެގެންދާކަމެއްކަމަށެވެ. މިކަން ހިނގަމުންދަނީ ސަރުކާރުގެ ތެރެއިންކަމަށް ތުހުމަތުކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، މުޅި ހާދިސާގެ ފޯކަސް ބަދަލުކުރަމުންދަނީ ސަރުކާރުންކަމަށެވެ. އެކަންކަން ސަރުކާރުން ހުއްޓާލުމަށްވެސް އާދަމް ޝަރީފް ގޮވާލައްވައިފިއެވެ. އަދި އެއަށްވުރެ ބޮޑަށް މިހަމަލާއަކީ ސީރިއަސް މައްސަލައެއްގޮތުގައި ދެކި އެމްއެންޑީއެފް ހަލާކުނުކޮށް ހަރުދަނާ ބަޔަލު އިސްކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ނޫންނަމަ އެހެން މުއައްސަސާތައްވެސް ހަލާކުވާގޮތަށް އަސްކަރިއްޔާވެސް ހަލާކުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ދިވެހި އަސްކަރިއްޔާއަކީ އެހެން މުއައްސަސާތައް ފޫއެޅުމުން ގައުމު ނަގަހައްޓަން އޮންނަ މުއައްސަސާކަމަށާއި، އެ މުއައްސަސާ ހަލާކުވެއްޖެނަމަ މުޅި ގައުމު ހަލާކުވެގެންދާނެކަމަށްވެސް އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
އޮންލައިން ނޫހެއްކަމަށްވާ މިހާރު ނޫހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންގެންދާ ސެކިއުރިޓީ އާއި ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހިމަނައިގެން ލިޔެފައިވާ އާޓިކަލް އާއި ގުޅިގެން މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މަޢުލޫމާތާއި، ޚާއްޞަކޮށް އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްޞީލީ މަޢުލޫމާތު ބަޔާންކޮށްފައިވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ. އަދި މިފަދަ މަޢުލޫމާތަކީ އާންމުކޮށް ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި އަމަން ޢާންމު ރައްކާތެރިކުރުމުގެ ގޮތުން މަޢުލޫމާތު އެއްކުރުމުގެ ބާރާއި އިޚްތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ޚާއްޞަކޮށްފައިވާ ބަޔަކު އެއްކުރާ މަޢުލޫމާތުތަކެއް ކަމަށް ކޮމިޓީން ދެކޭކަމަށެވެ.
ނަމަވެސް މި މަޢުލޫމާތު އެގޮތަށް ޢާންމު ވުމަކީ، ރައީސް ނަޝީދުގެ ޙިމާޔަތާއި ރައްކާތެރިކަމާއި، ގ.ކެނެރީގޭގައި ދިރިއުޅުއްވާ އެމަނިކުފާނުގެ މުޅި ޢާއިލާގެ ރައްކާތެރިކަން ގެއްލިގެން ދާކަމެއް ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް، ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން އެއްވެސް ފަރާތަކަށް ޙިއްސާކުރުމަކީ މަނާކަމެއްކަމަށާއި އަދި އެއީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއްކަމަށް މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
މިމައްސަލައަކީ ޤަޢުމީ ސަލާމަތާ ގުޅުންހުރި މައްސަލައަކަށްވެފައި، ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކޮމިޓީގެ ދުސްތޫރީ ޒިންމާއަކަށް ވީހިނދު، މިމައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ