ގާނޫނުތައް ހަރުކަށިކުރުމުން ހައްލު ލިބޭނޭކަމަށް ދެކުމަކީ ކުންހީއެއްކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒް މިހެން ވިދާޅުވެފައި މިވަނީ ޓެރަރިޒަމްގެ ތުހުމަތުގައި ބަންދުކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓުމާ އެކު އަނެއްކާވެސް އިތުރު ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރުުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމާއި ގުޅިގެންނެވެ.
އެކަމަށް އިޝަރާތްކުރައްވާ ކުރީގެ ޕީޖީ މުހުތާޒް ވިދާޅުވީ، ބަންދުގައި ބަހައްޓައިގެން ހެކިހޯދުމަށް ފުރުސަތު ދިނުމަށް މަގުފަހި ކުރުވުމަކީ ހައްގުތަކަށް އަރައިގަތުމަށް ހުޅުވާލެވޭ ދޮރަކަށްވެދާނެކަމަށެވެ. އޭގެ ބަދަލުގައި ހެއްކާއިބެހޭ ގާނޫނު ފާސްކޮށްދެއްވުން މުހިއްމުކަމަށާއި، ޚާއްސަ ހާލަތް ތަކުގައި ހެކި ވަޒަންކުރާނޭ ގޮތުގެ އިޖުރާތުވެސް މުހިންމުކަމަށް މުހުތާޒް ވިދާޅުވިއެވެ.
މުހުތާޒް ވިދާޅުވީ، ގާނޫނުތައް ހަރުކަށިކުރުމުން ހައްލު ލިބޭނޭކަމަށް ދެކުމަކީ ކުންހީއެއްކަމަށާއި، ތަޖުރިބާއަށް ބަލާނަމަ ކުޑަކުދިންނަށް ޖިންސީގޯނާކުރުން ފުދޭކަމަށެވެ. ހައްލުކުރަންވީ އިޖުތިމާއީ މައްސަލަތައްކަމަށާއި، އިޖުތިމާއީ އޮނިގަނޑު އިސްލާހުނުކޮށް ކުށްކުރުން ހުއްޓުވިދާނޭކަމަށް ހީކުރުމަކީ ފޫނެތްފަޔަކަށް ފެންފުރުންކަމަށް މުހުތާޒް ވިދާޅުވިއެވެ.
ގާނޫނުތައް ހަރުކަށިކުރުމުން ހައްލު ލިބޭނޭކަމަށް ދެކުމަކީ ކުންހީއެއް. ތަޖުރިބާއަށް ބަލާނަމަ ކުޑަކުދިންނަށް ޖިންސީގޯނާކުރުން ފުދޭ. ހައްލުކުރަންވީ އިޖުތިމާއީ މައްސަލަތައް. އިޖުތިމާއީ އޮނިގަނޑު އިސްލާހުނުކޮށް ކުށްކުރުން ހުއްޓުވިދާނޭކަމަށް ހީކުރުމަކީ ފޫނެތްފަޔަކަށް ފެންފުރުން.
— Muhuthaz Muhusin???? (@Muhuthaz) May 31, 2021
ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރަކާއި ނުލައި ބަލާފާސްކުރެވޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން އިސްލާހު ހުށައަޅާފައިވާއިރު، އެބިލްގައިވަނީ، ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއެކު، އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ސާފުކޮށްދިނުމާއި، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ޙާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ބަޔާންކޮށްފައެވެ.
ހަނގުރާމައަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ޢަމަލުކުރާ އިޖުރާއަތުތަކަށް ގެނައުމަށް ހުށަހަޅާ މައިގަނޑު ބަދަލަކީ، އެފަދަ ފަރާތްތަކުގެ ތެރެއިން، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ތަޙްޤީޤު ވަގުތުން ވަގުތަށްވެސް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމާއި، އެނޫން ފަރާތްތަކަކީ އެފަދަ ޢަމަލުތަކުގައި ސީދާ ބައިވެރިވި ފަރާތްތަކެއް ކަމަށް ނުވިނަމަވެސް، އެއީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ބައެއް ކަމުގައި ބަލައި، އެފަދަ ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައިވެސް އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް އެ ޤާނޫނު އިޞްލާޙު ކުރުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ޢަމުރެއް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަޙްޤީޤު މަރުޙަލާގައި ބަންދުގައިވާ ފަރާތްތަކަށާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެފަރާތްތަކުގެ ޢާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ޤާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމަޢުއަށް އަނބުރާ ރުޖޫޢަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށްޓަކައި އެ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކެއްކަމަށް އޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ