މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯސަލް ސަަރވިސަސްއިން ބުނީ، މެދު ރާއްޖެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް އެ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސް ސެންޓަރއަކަށް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އަނިޔާ ލިބިފައިވާ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެކުއްޖާގެ އާއިލާއާއެކު މަސައްކަތްކުރަމުންދާކަން އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ކަމާއި ގުޅުންހުރި ހުރިހާ އިދާރާތަކަކާއެކު މަސައްކަތްކުރަމުންދާކަމަށާއި، ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ފަދަ ގޮތަކަށް ސައްޙަ ނޫން މަޢުލޫމާތު ޙިއްސާނުކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަގޮތަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ ޤާނޫނާއި ޚިލާފުވާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރެއްވުމަށްވެސް ޖެންޑަރ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ