ޝައިނީ އެދައްކަވަނީ ހަޑިހުތުރު ވާހަކަތަކެއް: މަލީހު

ޝައިނީ އެދައްކަވަނީ ހަޑިހުތުރު ވާހަކަތަކެއް: މަލީހު

Author
މުޙައްމަދު ޖިމީ
31 މެއި 2021 07:40
0

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި ކެބިނެޓް ވަޒީރަކަށްވީތީ ވީ އެއްވެސް ފައިދާއެއް ނެތްކަމަށް އެ ސަރުކާރުގެ ފިޝަރިޒް މިނިސްތަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެފައިވާއިރު، އެއީ ހުތުރު ވާހަކަތަކެއް ކަމަށް ވިދާޅުވެ މިސަރުކާރުގެ ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކެބިނެޓް މިނިސްޓަރަކަށް ހުންނެވިއިރުވެސް، އުންމީދުކުރެއްވި ވަރުގެ ތަނަވަސްކަމެއް ލިބިވަޑައިނުގަތުމުން ކުރީގެ ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ އޮޑިއޯއެއް ވަނީ ޢާންމުވެފައެވެ.

އެ އޯޑިއޯޢަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، ޝައިނީ އެދައްކަނީ ހަޑިހުތުރު ވާހަކަތަކެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މިނިސްޓަރުން ފައިސާ ހޯއްދަވަން ނުޖެހޭނެކަމަށް ވިދާޅުވެ މަލީހު ވަނީ ގޯތި ނުލިބިގެން ޝަކުވާކުރަނީ ކޮން ހަމަޔަކުންތޯ ސުވާލުކުަރއްވާފައެވެ. ފައިސާވެސް އަދި ގޯތިވެސް ނުދިނުމުން ރައީސް ޔާމީންގެ ލީޑަރޝިޕް ފެނިގެންދާކަމަށާއި، ޝައިނީ އުމުރަށް ރައީސް ޔާމިނަށް ޝުކުރުއަދާ ކުރުން ހައްޤުކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު މިހެން ވިދާޅުވެފައިވާއިރު، ދައުރުވަމުންދާ ޑރ.ޝައިނީ ދައްކަވާފައިވާ ވާހަކަތަތެއް ހިމެނޭ އޯޑިއޯގައި ޝައިނީ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކެބިނެޓް މިނިސްޓަރަކަށް ހުންނަވައިގެންވެސް އެއްވެސް ތަނަވަސްކަމެއް ނުލިބުނުކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސް ވަރުގައި ކެބިނެޓް ވަޒީރަކަށްވީތީ ވީ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. ވެރިކަން ނިމުނުއިރުވެސް ހުރީ ހުސްއަތާކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ.

ކިހާ ވަރަކަށް ކީ ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ކީއްހޭ ވާނީ ފްލެޓެއް ދިނިއްޔާ. އަހަރެމެން ނުކުމެގެން އައީ ހުސްއަތާ. އިންޝުއަރެންސް ގަނޑެއްވެސް އޮތީކީ ނޫން.

– ޝައިނީ ވިދާޅުވިއެވެ.

ޝައިނީ އޯޑިއޯގައި ވިދާޅުވަނީ އޭނާ ކެބިނެޓްގައި ބަހައްޓަން މަޖުބޫރުވީ ބޭރު ގައުމުތަކާއި ސިޔާސީ ފަރާތްތަކާ އެކު ސަރުކާރުން ކުރި ހުރިހާ މަޝްވަރާއެއްގައި އިސްކޮށް އޭނާ ހުންނެވުމުން ކަމަށެވެ. ކެބިނެޓްގައި ހުންނަވައިގެން އެއްވެސް ފައިދާއެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ލިބިފައިނުވުމުން ވެރިކަން ވައްޓާލަންވެސް މަސައްކަތް ކުރެއްވިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަހަރެމެން ބައިތިއްބަން މަޖުބޫރުވެގެން ބައިތިއްބާފައި ތިބީކަން. މަޖުބޫރުވާނެ ދޯ ޔޫއެސް އާއި އީޔޫއާ ހުރިހާ ކަނެކްޝަނެއް، މޯދީއާ ހުރިހާ ވާހަކައެއް ދައްކަމުން ދިޔައީ މަ. މިހުރިހާ އެއްޗެއް ހިފަހައްޓައިގެން އީޔޫގައި ހުރިހާ ކަމެއްކުރީ މަ. ބޭރުކޮށްލައިފިއްޔާ އެ ހުރިހާއެއްޗެއް ދާނެ.

– ޝައިނީ ވިދާޅުވިއެވެ.

އޯޑިއޯގައި ޝައިނީ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ކެބިނެޓަށް އެންމެ އިހާނެތިކޮށް ކަންތައް ކުރެއްވި ބޭފުޅަކަށް ޔާމީން ވާނެ ކަމަށެވެ. ކެބިނެޓުގައި އޭރު ތިއްބެވި ބޭފުޅުންނަށް ލިބިވަޑައިގަތީ އަދި ދެއްވީ ކޯއްޗެއްތޯ ޝައިނީ އެ އޯޑިގައި ސުވާލުކުރައްވައެވެ.

މިއޯޑިއޯގައި ޝަނީވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ޚިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ޝައިނީވެސް ހިމެނޭއިރު މިއޯޑިއޯގައި އޭނާ ވިދާޅުވެފައިވަނީ މިމައްސަލަ ބަލަންކެރޭނެ އެއްވެސް ސަރުކާރެއް ނާންނާނެކަމަށެވެ. އެފައިސާގައި އެންމެ ގިނައިން ޖެހިފައިވަނީ މިސަރުކާރުގެ އިސްބޭފުޅުންކަމަށް ޝައިނީ ވަނީ ވިދާޅުވެފައެވެ.

ޝައިނީގެ ގިނަ އުދާސްތަކެއް މިއޯޑިއޯގައި ބޭރު ކުރައްވާފައިވާއިރު، މިއޯޑިއޯއިން ސާފުވެގެން ގޮސްފައިވަނީ ވަޒީރަކަށް ހުންނަވައި ނާޖައިޒް ގޮތުގައި ގިނަ މަންފާތަކެއް ޝައިނީ ބޭނުންފުޅުވިކަމެވެ. ނަަމަވެސް އޭގައިން އެއްވެސް ކަމަކަށް ރައީސް ޔާމީން އެއްބާރުލުން ނުދެއްވުމުން ޝައިނީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.