ނޫސްވެރިންގެ ކަންބޮޑުވުމާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ރަތަށް!

ނޫސްވެރިންގެ ކަންބޮޑުވުމާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ރަތަށް!

Author
މުޙައްމަދު ޖިމީ
30 މެއި 2021 04:55
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީއާއި ގުޅިގެން "މިހާރު"ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރުގެ މައްސަލައަކީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުންކަމަށް އެޑިޓާސް ގިލްޑްއިން ބުނުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރައްވައިފިއެވެ.

މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން "މިހާރު" ނޫހުގައި މިދިޔަ ހުކުރު ދުވަހު ޝާއިއުކުރި ރިޕޯޓަކީ ފޮރުވިގެން ތިބެ ޕްރޮޕެގެންޑާ ފެތުރުން ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބުނުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅިގެންދާ ކަމެއްކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެޑިޓާސް ގިލްޑްއިން ވަނީ ފާޅުކޮށްފައެވެ. އަދި ނޫސްވެރިޔަކު ބޭނުންކުރި މަސްދަރެއްގެ މައްސަލަ ބެލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނުދެކޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ބަލާ މައްސަލައަކީ ކޮބައިކަން ވެސް “އެޑިޓާރސް ގިލްޑް"އަށް ނޭނެގޭކަމަށެވެ. ކޮމިޓިން ބަލަނީ ސެކިއުރިޓީ ދޭފަރާތުގެ ސެކިއުރިޓީ ބްރީޗްކުރި މައްސަލަކަމަށާއި، މިހާރުނޫސް ކުށްވެރިކުރީ އެތިކްސްއާ ޚިލާފަށް ވިޔަސް ލިޔުުމުގެ ޙައްޤު އޮންނަކަމަށް ދެކިގެން ލިޔާގޮތަށް، ކުށްވެރިކުރުމުގެ ޙައްޤަކީ ވެސް އޮންނަ އެއްޗަކަށްވާތީކަމަށް އިންތި ވިދާޅުވިއެވެ.

އެޑިޓާސް ގިލްޑްއިން ފާޅުކުރި ކަންބޮޑުވުމަށް ރައްދު ދެއްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވީ، ކަމުގެ އަސްލާއި ޤާނޫނީ ޒިންމާއަށް ނުބަލައި، ސެކިއުރިޓީ ބްރީޗްވި މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި އެކަމަށް ރިޢާޔަތްނުކޮށް، ވިކްޓިމް އިތުރަށް ވިކްޓިމައިޒް ކުރަންއުޅުމަކީ ނޫސްވެރިކަމުގެ އެތިކްސްއާ ޚިލާފުކަމެއްކަމަށެވެ. އަދި ލިޔާ އާޓިކަލްއަކަށް ރައްދުދިނުމަކީ ހުރަސް އެޅުމެއްވެސް ނޫންކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ޤައުމީ ސަލާމަތާއިގުޅޭ ކަންކަމުގައި ކޮންމެ މީހަކު އެމީހަކު ހިތުހުރި ވާހަކައެއް ބޭނުންހާ ގޮތަކަށް ދެއްކުމަކީ އެއްވެސް ޤައުމެއްގައި ކުރެވޭކަމެއް ނޫންކަމަށެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން މި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ މެންބަރުންނަކީ މިނިވަން ނޫސްވެރިކަމަށް އެންމެ ބޯޑަށް ވަކާލާތުކުރި ބޭފުޅުންނެވެ. އެގޮތުން މިސަރުކާރުގައި ނޫހެއްގައި ލިޔާ ޚަބަރަކާއި ގުޅިގެން ސުވާލުކޮށް، ނޫސްވެރިންނަށް ފިޔަވަޅު ނާޅާނެކަމަށް ސަރުކާރުން ވަޢުދުވެފައިވެއެވެ.

"މިހާރު" ނޫހުގައި "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފް އިން އެންގި!" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓުގައި މައުލޫމާތު ހިމަނާފައި ވަނީ ނަން ހާމަކުރަން ނޭދޭ މަސްދަރަކާ ހަވާލާދީއެވެ. މިއާއެކު އެ މައްސަލަ މޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީން ބަލަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެޑިޓާސް ގިލްޑްއިން ބުނީ، "މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓަކީ ދައުލަތުން މަތީ ފެންވަރުގެ ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި ކަމެއް އޮތް ގޮތް، އިންވެސްޓިގޭޓިވް ގޮތަކަށް ގެނެސްދީފައިވާ ރިޕޯޓެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެއީ މައްސަލައިގެ އެންމެ ބޮޅެއް ކަމަށާއި، މުޅި މައްސަލަ ނޫންކަމަށް ވެސް ބުނެފައިވެއެވެ.

ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތު ދޭ މަސްދަރު ހާމަ ނުކުރުމުގެ އިހްތިޔާރު ގާނޫނުއަސާސީން ނޫސްވެރިންނަށް އޮންނައިރު އެ ރިޕޯޓް ލިޔުނު ނޫސްވެރިއާ އަދި އެ ނޫހުގެ މަސްދަރާ ސުވާލު ނުކޮށް އެ މައްސަލަ ބެލޭނެ ގޮތަކީ ކޮބައިތޯ އެޑިޓަރުން ސުވާލު އުފައްދަ އެވެ. އަދި މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އެ މައްސަލަ ބަލާނެ ގޮތް ސާފު ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެޑިޓާސް ގިލްޑަކީ، ރާއްޖޭގެ މީޑިއާތަކުގެ އެންމެ އިސް ބޭފުޅުން، ނުވަތަ އެޑިޓަރުން ހިމެނޭ ޖަމިއްޔާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.