އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފުން މިދިޔަ ހަފްތާގައި ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓްލުކް 2020″ ގެ ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދަކީ އެމެރިކާ އާއި ޗައިނާއެވެ. އަދި އެ އަދަދުތަކުން މިހާރު ހާމަވާގޮތުގައި އެމެރިކާގެ އިޤްތިސާދު ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދަކީ ޗައިނާއެވެ. ރިޕޯޓުގައި ވާ އަދަދު ތަކަށް ބަލާއިރު ޗައިނާގެ އިޤްތިޞާދު ނުވަތަ އުފެއްދުންތެރިކަން ހުރި މިންވަރު ޖީޑީޕީ އަކީ 24.2 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. އަދި އެމެރިކާގެ އިޤްތިޞާދަކީ 20.8 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. އެމެރިކާގެ އިޤްތިސާދުގެ ގާތްގަނޑަކަށް 6 ބައިކޮށް އެއްބައި ޗައިނާއިން މިވަނީ ކުރިއަށް ޖެހިލާފައެވެ. ނަމަވެސް މިވާހަކަ މާ އަޑު ހަރުކޮށް ދައްކާކަށް ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. ދުނިޔޭގެ މީޑިއާ ތައްވެސް އޮތީ ހަމަ ހިމޭނުންނެވެ.
އިޤްތިޞާދީ މާހިރުންނާއި ނޫސްވެރިން މިކަން ޤަބޫލު ނުކުރާން އުޅެނީ ނުވަތަ އެމީހުނަށް ޤަބޫލު ނުކުރެވިގެން އުޅެނީ މި ރިޕޯޓުގައި، ގައުމުތަކުގެ އިޤްތިޞާދު މިނެކިރަން، ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ފަށައިގެން ގެންގުޅޭ މިންގަނޑުގެ ބަދަލުގައި، އައު މިންގަޑެއް ގެންގުޅިފައި ވާތީކަމަށްވެސް ވުން އެކަށީގެން ވެއެވެ. މި ރިޕޯޓުގައި އިޤްތިޞާދު މިނެކިރާފައި ވަނީ " ޕާޗޭސިންގ ޕަވަރ ޕެރިޓީ" (ޕީޕީޕީ)ގެ މިންގަނުންނެވެ. މުސްކުޅި މިންގަނޑު، މާކެޓް އެކްސްޗޭންޖް ރޭޓުސް (އެމްއީއާރު) މިންގަނޑުން ބަލާނަމަ މިއަހަރުވެސް ޗައިނާގެ އިޤްތިޞާދު ހުރީހީ 15.2 ޓްރިލިއަން ޑޮލަރުގައި ދުނިޔެއިން 2ވަނަ އިޤްތިޞާދުގެ ގޮތުގައެވެ.
އެމްއީއާރުގައި ބަލާނީ ގައުމެއްގެ އިޤްތިޞާދުގައި ޚިދުމަތާއި ތަކެތީގެ އަގު ހުރި މިންވަރު އެ ގައުމެއްގެ ފައިސާއިން ބެލުމަށްފަހު، އެ ގައުމެއްގައި އެމެރިކާ ޑޮލަރުގެ އަގުހުރި ރޭޓުން ހިސާބުޖެހުމުން އަންނަ އަދަދެވެ. މި ގޮތަށް އުފެއްދުންތެރިކަމުގެ މިންގަޑު ބަލާއިރު އެ ގައުމެއްގައި ޑޮލަރުގެ ރޭޓް އެވަގުތު ހުރި މިންވަރާއި އެ ގައުމެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ފަދަ ކަންކަމަށް ރިއާޔަތް ކުރާނެއެވެ. އަދި އެކި ގައުމުތަކުގައި ޚިދުމަތާއި ތަކެތީގެ އަގުގައި ފަރަގު ނުންނާނެއެވެ. ނަމަވެސް ޕީޕީޕީ މިންގަޑުން ބަލާއިރު ހިސާބު ޖަހާނީ އެގައުމެއްގެ ފައިސާއިންނެވެ. މިކަމުގެ ސަބަބުން ގައުމުތަކުގެ އުފެއްދުންތެރިކަން ހުރި މިންވަރުގެ ސައްހަ އަދަދުތަށް ޕީޕީޕީ މިންގަނޑުން ހޯދައިގަނެވެއެވެ. އަދި ހުރިހާ ގައުމެއް ގައިވެސް އެއް އަގެއްގައި ޚިދުމަތާއި ތަކެތީގެ އަގު ކުރެވޭނެއެވެ.
އައިއެމްއެފުން ބުނާގޮތުގައި ގައުމެއްގެ އުފެއްދުންތެރިކަން ހުރި މިންވަރު އެންމެ ރަނގަޅަށް ވަޒަންކޮށްލެވޭނީ ޕީޕީޕީ މިންގަނޑުން ބަލައިގެންނެވެ. މި މިންގަނޑުން ބަލަނީ ނަމަ 2018 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދަކީ ޗައިނާއެވެ. ދެވަނާގައި އެމެރިކާ އަދި ތިން ވަނާގައި އޮތީ އިންޑިއާއެވެ. ނަމަވެސް އާންމު ޖީޑީޕީ މިންގަނޑު އެމްއީއާރުން ބަލާނަމަ ދުނިޔޭގެ އިޤްތިޞާދުން ޗައިނާ ދެވަނައިގާ އޮތްއިރު އިންޑިއާ އޮތީ 6 ވަނައަށެވެ.
އައިއެމްއެފްގެ ރިޕޯޓަށް މަތިމަތިން ނަޒަރު ހިންގާލުމުން އަޅުގަނަޑަށް އެންމެ އަޅައިގަތް އެއް ކަމަކީ އިޤްތިސާދުތަށް ބަހާލާފައިވާއިރު އެންމެ ކުރިއަރާފައި ވާ އިޤްތިޞާދު ތަކުގެތެރޭ ޗައިނާ އަދިވެސް ހިމަނާފައި ނެތުމެވެ. ޗައިނާ އޮތީ އެންމެ ކުރިއަރަމުން އަންނަ އިޤްތިސާދު ތަކުގެ ތެރޭގައެވެ. ފަހަރުގައި އިޤްތިޞާދުތަށް މިނެކިރާ ވަކި މިންގަނޑުތަކުން ބަލައި އެކަންކަން އޮންނަ ގޮތް ކަމަށްވެސް ވުން އެކަށީގެންއެވެ.
އައިއެމްއެފްގެ ރިޕޯޓުގައި އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރާ މިންވަރަށް ބަލާއިރު މިއަހަރު އެމެރިކާގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ 4.3- އިންސައްތައެވެ. އިންޑިއާގެ އިޤްތިޞާދު ކުރިއަރާނެކަމަށް މިއަހަރު ލަފާކުރާ އިންސައްތަ އޮތީ 10.3- އިންސައްތާގައެވެ. އަދި ޗައިނާގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ 1.9 އިންސައްތައެވެ. މުޅި ދުނިޔެއިން ވެސް މިއަހަރު އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރާ އިންސައްތަ ޕްލަސް އަދަދެއްގައި އޮތީ ހަމައެކަނި ޗައިނާއެވެ. އެހެން ހުރިހާ ޤައުމެއްގައިވެސް މިއަހަރު މި އިންސައްތަ އޮތީ މައިނަސް އަދަދުތަކެއްގައެވެ. އެންކަމުން މިއަހަރު މުޅި ދުނިޔޭގައިވެސް ކުރިއަރާނެ ހަމައެކަނި އިޤްތިޞާދަކީ ޗައިނާއެވެ. އަދި އަންނަ 2021 ވަނަ އަހަރު ލަފާކުރާ އިންސައްތައަށް ބަލާއިރު އެމެރިކާ އޮތީ 3.1 އިންސައްތައިގައެވެ. އަދި ޗައިނާ އޮތީ 8.2 އިންސައްތައިގައެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ އަސަރު ހުރިހާ ފަންތިއެއްގެ ޤައުމުތަކަށް ކޮށްފައިވާއިރު، ބަލިމަޑުކަމުގެ ތެރެއިންވެސް އިޤްތިޞާދީ ހާލަތު އެންމެ ރަނަގަޅަށް ބެލެހެއްޓި އެއް ޤައުމަކީ ޗައިނާއެވެ. ޗައިނާގައި އިންޑަސްޓްރިއަލް ޕްރޮޑަކްޝަން ނުވަތަ މެނުފެކްޗަރިންގ ފެބްރުއަރީ މަހު ދައްވެ ޖެހިގެންއައި މާރޗް މަހު ހަމައަކަށް އެޅި، އިހު ހުރި މިންގަނޑަށް އައިސްފައިވެއެވެ. މިއީ ދެން ތިބި ބޮޑެތި ބިޔަ ޤައުމުތަކަށް ނުވާ ފެންވަރެވެ. ނަމަވެސް ޗައިނާގެ ރީޓެއިލް ވިޔަފާރި އަނބުރާ އިއާދަވުމުގެ ރޭޓް ދަށެވެ.
އާންމުގޮތެއްގައި ހުޅަނގުގެ ގައުމުތަކާއި މީޑިއާ ތަކުގައި އޭޝިއާގެ ގައުމުތަކާއިމެދު ދެކެނީ މާ ދަށު ދަރަޖައެއްގައެވެ. އަދި ހާއްސަކޮށް ޗައިނާއާމެދު ދެކޭގޮތް ތަފާތެވެ. އަޅުގަނޑުމެނަށްވެސް އާންމުކޮށް ޗައިނާ ސިފަކުރެވިފައި ވަނީ ހުޅަނގުން އަޑުފަތުރާ ގޮތްތަކަށެވެ. ކަންދިމާކުރި ގޮތުން އަޅުގަނޑަށް 2 ފަހަރެއްގެ މަތީން ޗައިނާއަށް ދިއުމުގެ ފުރުސަތު ލިބިފައިވެއެވެ. އަޅުގަނޑަށް އެ ގައުމުން ފެނުނީ ކުރިން ތަސައްވަރު ކުރެވިފައި ހުރި ކަންކަމެއް ނޫނެވެ. ތަސައްވަރު ކުރެވިގައިވާ ގޮތާ މުޅިން ހިލާފު ގައުމެކެވެ. މިހެން ބުނުމުން ހިތަށް އަރާނީ ޗައިނާގެ ސަރުކާރުން ދިން ދަޢުވަތެއްގައި ދިއުމުން އެމީހުން ދައްކަން ބޭނުން އެއްޗެއް ނޫނީ ނުފެންނާނޭ ނޫންތޯއެވެ؟ ނަމަވެސް އަޅުގަނޑުމެން ހަމައެކަނި ތަޖުރިބާ ކުރީ އެމީހުން ދައްކަން ބޭނުންވާ ކަންކަން އެކަންޏެއް ނޫނެވެ. އެމީހުން ދައްކަން ބޭނުން ނުވާނެ ކިތަންމެ ކަމެއް ތަޖުރިބާ ކުރީމެވެ. ނަމަވެސް ހުޅަނގުން އަޑުފަތުރާ ފަދަކަމެއް ފާހަގަ ކުރެވޭވަރެއް ނުވިއެވެ.
މިކަން ފާހަގަ މި ކޮށްލީ ޗައިނާ އާއިމެދު އަޅުގަނޑުމެންގެ ގިނަބަޔަކަށް ތަސައްވަރުވެފެއި ވާ ކުށް ހީތައް ކޮންމެވެސް ވަރަކަށް އަންދާޒާ ކޮށްލަދިނުމަށެވެ. އަދި ދުނިޔޭގެ އިރުމަތީ ބިތުން ހުޅަނގު ބިތަށް ރޭލުގައި މުދާ އުފުލާހަދާލެވޭވަށް ތަރައްޤީވެގައިވާ ޗައިނާ އާއިމެދު ހުޅަނގުގެ މީޑިއާތަކުން ފަސްޖެހޭ ސަބަބު ކޮންމެވެސް ވަރަކަށް ޚިޔާލަށް ގެންނަން ފަސޭހަ ކޮށްލަ ދިނުމަށެވެ.