ކޯވިޑް19 އާއި ދެކޮޅަށް މުޅި ދުނިޔެ ހަގުރާމަ ކުރާތާ ދޮޅު އަހަރާއި ގާތަށް ދަތުރު ކުރަމުން ދަނީއެވެ. ދުނިޔޭގައި ކޯވިޑް19 ފެތުރެމުންދާ ދިއުމަށް އަދިވެސް މަޑުޖެހުމެއް ނާދެއެވެ.
އެހެންނަމަވެސް، ފެންނާން އޮތް މަންޒަރަކީ، ކޯވިޑް19އާއި ދެކޮޅަށް ބޭސްވެރިކަމުގެ ގޮތުން ފާއިތުވެދިޔަ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ދުނިޔެ ކުރިއެރުންތަކެއް ހޯދާފައިވާ ތަނެވެ.
ދުނިޔޭގައި މިހާތަނަށް ވެކްސިނެއް އިޖާދު ކުރެވިފައި ނުވާހާ އަވަސް މިނުގައި މިވަނީ ކޯވިޑް19 ވެކްސިން އީޖާދު ކޮށްފައެވެ. އަދި ހަމަ އެއާއެކު، މި ބައްޔަށް ފަރުވާދޭނެ ވަކި ޚާއްސަ ބޭހެއް އަދި އިޖާދު ކުރެވިފައި ނުވިނަމަވެސް، ބަލީގެ ހާލަތު ގޯސްވެގެން ދިޔަ ނުދީ ހިފަހައްޓާދޭނެ ބައެއް ބޭސްތައްވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޭނުން ކުރެވެމުން އެބަދެއެވެ.
އެހެންނަމަވެސް އަދިވެސް، ކޯވިޑް19ގެ ކެކުޅުމާއި، ގެއްލުމާއި ވޭނުން ދުނިޔެ މިންޖުވާތަނެއް ނުފެނެއެވެ. ބަލި ފެތުރެމުންދާ އަދުދު ގިނަ ގައުމުތަކުގައި ދަނީ އިތުރުވަމުންނެވެ. ވެކްސިން ޖަހަމުންދާ ގައުމުތަކުގައިވެސް، ބަލި ކޮންޓްރޯލް ކުރެވިގެންދާތަނެއް އަދި ފެންނަމުންނެވެ ނުދެއެވެ.
މިއީ މިބަލި މުޅި ދުނިޔެއަށް ފެތުރެމުންއައިސް، އަހަރެއް ފާއިތުވެގެން ދާއިރު، ހާލަތު އޮވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ހާލަތެއް ނޫނެވެ.
ރާއްޖޭގެ ހާލަތު
2020 ވަނަ އަހަރުގެ ފެށުމާއިއެކު، މުޅި ދުނިޔެއަށް ކުރިމަތި ލާންޖެހުނު ކޯވިޑް19ގެ ނުރައްކާތެރިކަން، އެއަހަރުގެ އެޕްރިލް މަހާހަމައަށް ދިޔައިރު އޮތީ ދިވެހި ރާއްޖެއާއި ހަމައަށްވެސް ދަތުރު ކޮށްފައެވެ. 2020 ވަނަ އަހަރުގެ އެޕްރިލްމަހު، ރާއްޖެއިން ކޯވިޑް19އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވް ވުމަށްފަހު، ކޯވިޑްގެ ހާލަތު ރާއްޖޭގައި ރަގަޅު ވެފައެއް ނުވެއެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު މުޅި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިންވެސް ރާއްޖެއަށް ދަތުރުކުރުން ހުއްޓުވާ، ފުރަމާލޭގެ އެންމެން ގެތަކުގައި ބަންދުކޮށްގެންވެސް، ކޯވިޑް19 ނުރައްކަލުން ސަލާމަތެއް ނުވެވުނެވެ.
އެހެންނަމަވެސް ގަބޫލު ކުރަން ޖެހޭ އެއް ހަގީގަތެއް އެބައޮތެވެ. މުޅި މާލެ ލޮކްޑައުންކޮށް، ރާއްޖޭގެ ބޯޑަރު ބަންދު ކޮށްގެން، މިބަލި ކޮންޓްރޯލުން ނެއްޓިގެން ދިޔަނުދީ ވަނީ ހިފަހައްޓާލެވިފައެވެ. އަދި ޕޮސިޓިވް ވަމުންދިޔަ މީހުންގެ އަދަދު ޖުމްލަގޮތެއްގައި ފާހަގަ ވެގެންދިޔައީ އެއް މިންގަޑެއްގައި ހިފެހެއްޓިފައި ހުރި މަންޒަރެވެ.
މި ގޮތުގައި އަހަރެއް ފާއިތުވެގެން ދިޔައީއެވެ. 2020 އަހަރު ނިމި 2021 ވަނަ އަހަރާއި ކުރިމަތީލީއެވެ. ކޯވިޑް19 އޭރު އަދި ރާއްޖޭގެ ގިނަ ރަށްތަކަށް ފެތުރިގެން ގޮސްފައެއްވެސް ނުވެއެވެ. އެހާލަތުގައި ރާއްޖޭ އޮއްވާ ދުނިޔެއިން ވެކްސިންތައް އީޖާދުކޮށް، އިތުބާރުހުރި ވެކްސިންތައް ރާއްޖެއަށް ގެނެސް ވެކްސިން ޖަހަން ފެށުނެވެ. ޕޮޒިޓިވް ވަމުންދާ އަދަދު އެއް މިންގަޑެއްގައި ހިފެހެއްޓިގެން ގޮސްފައިވި ނަމަވެސް، މަޑުމަޑުން ދިޔައީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ބަލި ފެތުރެމުންނެވެ.
މިގޮތުގެ މަތީން ކަން އޮށްވާ ދެން އަޅުގަޑުމެންނާ ކުރިމަތިލީ ލޯކަލް ކައުންސިލްގެ އިންތިޚާބެވެ.
ޖެހި އަންދާޒާތައް މުޅިން ރަގަޅެއް ނޫން
އާދެ! ލޯކަލް ކައުންސިލް އިންތިކާބާ ދިމާކޮށް، އޭރު އެހާތަނަށް ކޯވިޑް19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް ކަހަލަ ގޮތަކަށް ސަރުކާރުން ވަނީ ލުއި ކޮށްލާފައެވެ. ކަރަންޓިން ނުވެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުވުންވެސް ހުއްދަ ކުރެވިގެން ދިޔައީއެވެ.
ނަތީޖާއަކަށް ވެގެންދިޔައީ، ބެރު ދުންމާރީގައި، ނަށާ ލަވަކިޔަމުން ވެރިކަން ކުރާ މައި ޕާޓީ ނައްޓާލީ ކެމްޕެއިން ނިންމާލެވުނުކަން އިއުލާން ކުރުމަށްޓަކާ ރަސްދޫއެށެވެ.
އެއަށްފަހު، ގައި ދުރުކަމެއް ނެތި، ދުނިޔޭގައި ގައިންގަޔަށް އަރާފާނޭ ބައްޔެއް ފެތުރެމުންދާކަމުގެ ހަދާނެއްވެސް ރައްޔިތުން ނެތް ކަހަލައެވެ. ގައިދުރު ކަމެއްނެތި، %60 އަށްވުރެ މަތީ އަޢުލަބިއްޔަތެއް ވޯޓު ލާން ނުކުތެވެ.
ބޮޑު ޕެންޑަމިކެއްގެ ތެރޭގައި ދިވެހިން ވޯޓުވެސް ލައި ނިންމާލީއެވެ. 2020 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އޭރު ވިދާޅުވެފައި ވަނީ، އެއަހަރު ނިމިގެންދާއިރު، އަހަރުގެ ފަހުކޮޅު އިގްތިސާދީ ބޫމެއް އަންނާނެ ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަލުން ފަތުރުވެރިން ރާއްޖެ އައުމުގެ ދޮރު ހުޅުވިގެން ދިއުމާއެކު، އޭރު ސަރުކާރުން ހިސާބު ޖަހާފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުވެސް ހުޅުވިގެން ދިޔަގޮތަށް، އެ ސިނާއަތުވެސް މިއަހަރާއި ހަމައަށް އަންނައިރު އޮންނާނީ ހަމަޔަކަށް އެޅުމުގެ މަގުމަތީގައި ކަމަށެވެ.
ކޮންމެއަކަސް، ކޯވިޑް19އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އާދަޔާ ޚިލާފަށް ބޮޑަށް ލުއި ލިބި ދީފައިވަނީ، އެއީ ފިހާރަތައް މުޅިން ބަންދުކޮށް، އާމްދަނީ ލިބޭނެ މަގުތައް ބަންދު ކޮށްގެން އޮތުކަމީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫންކަން ސާބިތު ކޮށްދެމުންނެވެ.
މިގޮތުން، މުޅި ރާއްޖެ، ފިޔަވަޅުތަކާ އެކީގައި ހުޅުވާލެވިގެން ދިޔަ ދިއުމުގެ ނަތީޖާ މަޑުމަޑުން ގޯސްވަމުންގޮސް މިއަދު މިއޮތީ ރާއްޖޭގެ ކޯވިޑްގެ ހާލަތު އަތް ނުފޯރާ ހާލަތަކަސް ބަދަލުވެސް، އެތައް ބައެއް އެ ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައެވެ.
ޕޮޒިޓިވް ވާ މީހުންގެ ނިސްބަތް ދުވާލަކު 2،000އިން މައްޗަށް މިވަނީ އަރާފައެވެ. 2020 ވަނަ އަހަރު، ރާއްޖެެއިން އޭރު ޕޮޒިޓިވް ވަމުންދިޔަ މީހުންގެ އަދަދު 200 އަށްވުރެ މައްޗަން އެރުމުންވެސް، ގައުމުގެ ހާލަތު ގޯހުން ގޯހަށް ހިގައްޖެކަމަށް އޭރު ގަބޫލު ކޮށްގެން ތިބި ބަޔަކަށް، ޕޮޒިޓިވްވާ މީހުންގެ އަދަދު 2،000އިން މައްޗަށް އަރައިގެންދާ މަންޒަރު މިއަދު މިވަނީ ދެކެން މަޖުބޫރު ވެފައެވެ. މީހުން މަރުވާ ނިސްބަތްވެސް މިވަނީ އެތައް ގުނައެއް މަތިވެފައެވެ. ދުވާލަކަށް ހަތަރު ފަސް މީހަކު މިދަނީ މަރުވަމުންނެވެ.
ގައުމުގެ ހާލަތު މިވަނީ ގޯހުން ގޯހަށް ދަތުރު ކޮށްފައެވެ.
ވިސްނާލަން ޖެހޭ މިންވަރަށް ވިސްނާލެވިފައި އެބައޮތްތަ؟
ކަމެއް ގޯސްވެގެން ދިއުމުން ކުރެވިދާނެ ލައްކަ ގިނަ ސުވާލުތައް ހުންނާނެއެވެ. ރަގަޅު ވާހަކައެކެވެ. އެހެންނަމަވެސް، މިގޮތުން އުފެދޭ ސުވާލުތަކަށް ދެވޭ ޖަވާބުތަކުން، ސާބިތުވާންހުރި ހުއްޖަތްތަކެއް ހުރެއްޖެނަމަ، އުފެދިފައިވާ ސުވާލުތަކުގައި ހަގީގީ ސަބަބުތަކެއް ހުރިކަމުގައި ގަބޫލު ކުރެވިދާނެއެވެ.
މިގޮތުން ގިނަ ބަޔަކު މިއަދު ގަބޫލު ކުރާ އެއް ހަގީގަތަކީ، އިންޑިއާގެ ހާލަތު އިންތިހާއަށް ގޯސްވެގެން ދިޔައިރު، އިންޑިއާގެ ފަތުރުވެރިންނާއި ދަތުރުވެރިން ރާއްޖެއަަށް އެތެރެވުން ނުހުއްޓުވި ކުރިޔަށް ގޮސްފައި އޮތް އޮތުމަކީ، އެންމެ ރަގަޅު ގޮތުގައި ތަންފީޒުކުރެވިގެން ގޮސްފައިވާ ސިޔާސަތެއް ނޫން ކަމުގައެވެ. އަދި އިންޑިއާގެ އާ ވޭރިއެންޓް އެގައުމުގައި ބާރު ސްޕީޑުގައި ފެތުރެމުން ދިޔައިރު، އެގައުމުން ކަރަންޓީނުވާން ބޭނުންވެފަ ތިބި މީހުން ދިޔައީ، އެމީހުންގެ އަސްލު މަންޒިލަށް ދަތުރު ކުރުމަށްޓަކާ، ކަރަންޓީނު ވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރަމުންނެވެ.
ރަށްރަށް ދަތުރު ކުރުން، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލިމަކީ، ގައިންގަޔަށް އަރާ ބައްޔެއް ފެތުރެމުންދާއިރު، ރައްކާތެރިކަމާއެކު އެޅިފައިވާ ފިޔަވަޅެއްގެ ގޮތުގައި މިއަދި ބެލެވޭނެ އެއްވެސް ހަމައެއް ފެންނާކަށް ނެތެވެ. ސިޔާސީ މީހުންގެ ޕްރެޝަރަށް ދީލާ ނުލާ ކުރިޔަށް ދިޔަ ނަމަ، ރާއްޖެތެރޭގެ ރަށްތަކުގެ ހާލަތު މިއަށްވުރެ ރަގަޅުވީސްކަމުގައި މިއަދުވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
އެހެންކަމުން، ކޯވިޑް ޕެންޑަމިކްގެ މިސްރާބު ބަދަލު ކުރުމަކީ ރައްޔިޔތުންގެ އަތްމަތީގައި އޮތް ކަމެއްގެ ގޮތުގައި ސިފަކުރަމުންދާ ދިއުމަކީ އެންމެ ރަގަޅު ސިފަކުރުމެއްކަމުގައި ނުބެލެވޭނެއެވެ. މިއީ ކަމުގެ ހަގީގަތެވެ. ރައްޔިތުންގެ ބޮލަށް ކަޑާލާ، މުވައްސަސާތަކުގެ އިސްވެރިންނަށް ހާލަތުން ބޯ ދަމައެއް ނުގަނެވޭނެއެވެ.
އެންމެ ނުރަގަޅު ހާލަތުގައި، ކުރިޔަށް ނިކުންނަވަންވާނީ ދައުލަތުގެ ހެލްތު މިނިސްޓަރެވެ. ހާލަތު ބަޔާން ކުރައްވަންވާނީ ސީދާ އެމަނިކްފާނެވެ. އެހެންނަމަވެސް، ހިތާމައާއި އެކު ފާހަގަ ކުރަންޖެހެނީ، މިއަދު ފެންނަމުންދާ މައްޒަރަކީ، ހިތްދަތި، އަދި މިދުވަސް މިއުސޫލުން އަތުވެދާނެކަމަށް ނުބަލާ، ކުރިޔަށް ދެވުމުގެ ނަތީޖާކަމުގައި މިއަދު ގަބޫލު ކުރަން ޖެހެއެވެ.
މިއީ އަތުވެދާނެކަމަށް ގަބޫލުކުރެވުނު ހާލަތެއް ނޫނެވެ.
One Response
ކުރީގަ އޮތް ގޮތަށް އެޗްޕީއޭ ސިއްހީމާހިރުންނަށް ދޫކޮއްލާ ތަނެދޮރެއް ނުދަންނަ މަޖިލިސް މެންބަރު ސިއްހީ ހިދުމަތާ ބެހެންވީމަ ވާގޮތް ފުރަތަމަ މީ އާދައިގެ ރޯގާއެކޭ ކީމީހުން އެއީ، ރާއްޖޭއްގައެއް ރައްޔިތުން މަޖިލިސް އޮންނަނީ ނަމަކު ހަގީގަތުގަ އެއީ ސިޔާސީ ޕާޓީތަކުގެ މަޖިލިސް ހަމައެކަނި ކެންޕެއިނަން ރައްޔިތުން އެމީހުންނަށް ފެންނާނީ