ޓެރަރިޒަމްގެ ތުހުމަތުގައި ބ.ދަރަވަންދޫ އިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ދަރަވަންދުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ގިނަ ޢަދަދެއްގެ ފުލުހުން ދަރަވަންދޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ދަރަވަންދުއިން ހަރުކަށި ފިކުރުގެ މީހަކު ހައްޔަރުކޮށްފައިވާކަަމށް ފުލުހުން ބުނިނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ޓެރަރިޒަމާއި ދެކޮޅަށް ފުލުހުން އަންނަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން ރޭވެސް މާލެއިން ވަނީ ހަރުކަށި ފިކުރުގެ މީހަކު ހައްޔަރުކޮށްފައެވެ. އޭނާއަކީ އދ.ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރުމުގެ ތުހުމަތުގައި 2007 ގައި ފުލުހުން ހައްޔަރުކުރި މީހެކެވެ.
ޓެރަރިޒަމާއި ދެކޮޅަށް ޚައްޞަ އޮޕަރޭޝަނެއް ފަށައި ފުލުހުން ބަޔަކު ހައްޔަރުކޮށްފައި މިވަނީ މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނިކޮށެވެ. އެ ހަމަލާއާއި ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުންނަކީ ހަރުކަށި ފިކުރާ ގުޅުންހުރި ބައެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ