މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިންޓެލިޖެންސް އޮޑިޓް ކޮމިޓީއިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާއި ބައްދްލުކޮށް މަޝްވަރާކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިންޓެލިޖެންސް އޮޑިޓް ކޮމިޓީއިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައި، އޮޑިޓް ކޮމިޓީގެ މެންޑޭޓާއި، މަސައްކަތްތަކާއި، އަދި ޙާސިލްކުރަން ބޭނުންވާ ނަތީޖާއާގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވިކަމަށެެވެ.
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިންޓެލިޖެންސް އޮޑިޓް ކޮމިޓީއިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައި، އޮޑިޓް ކޮމިޓީގެ މެންޑޭޓާއި، މަސައްކަތްތަކާއި، އަދި ޙާސިލްކުރަން ބޭނުންވާ ނަތީޖާއާގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވި.
— Mabrook Azeez (@MvSpokesperson) May 19, 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ އިންޓަލިޖެންސް އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މި ރިޕޯޓުގެ އަލީގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލާ، ބަދަލުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލު ކައިރީގައި ހުންނަވާ މީޑިއާތަކާއި ވާހަކަދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާނެކަމަށެވެ.
އިންޓެލިޖެންސް މައުލޫމާތު ނުލިބުނު މައްސަލަ ބަލަމުން ދާއިރު، ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެމްއެންޑީއެފްއަށް އަންގަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު ލިބުނީ އާންމު މީހެއްގެ ފަރާތުންނެވެ. އަދި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަންގާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގަންނަވާފައެވެ. އަދި 16 ގަޑިއިރަށްވުރެ ދިގު އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ މިޙަމަލާގައި އެމަނިކުފާނުގެ ފުރާނައަށް ގެއްލުންވާފަދަ ޒަޚަމްތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ކާމިޔާބު އޮޕަރޭޝަންތަކެއް ކުރެއްވުމަށްފަހު އެމަނިކުފަނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގަންނަވާފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިޙަމަލާ ދިނުމުގައި ޙަރަކާތްތެރިވި 3 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ