ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި، އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއް މިއަދު އައްޔަންކުރައްވައިފިއެވެ. ރައީސް ނަޝީދުގެ މައްސަލަ ގާތުން ބެލުމަށް އައްޔަންކުރައްވާފައިވަނީ، އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައްބާސް ފާއިޒްއެވެ. މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައެވެ.
2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައީސް ނަޝީދު ގެންދަވަނީ ޖަރުމަންވިލާތުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވެފައިވެއެވެ.
ޚާއްޞަ މަންދޫބެއްގެ ގޮތުން އައްޔަންކުރެއްވި އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އަދި، ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފުޅެކެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ޤާނޫނީ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް ތައްޔާރުކުރައްވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދުވަސްތަކުގައި އައްބާސް ފާއިޒް މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިކަމަށާއި، މިހާރުން ފެށިގެން މި ޙަމަލާޔާ ގުޅޭ އެންމެހާ ތަޙުޤީޤެއް ނިމި ތުޙުމަތު ކުރެވޭ މީހުނާ މެދު ޝަރީޢަތް ކުރެވި، ޙުކުމް ތަންފީޛު ކުރެވެންދެން އައްބާސް ފާއިޒް މި މަސައްކަތުގައި ދެމިހުންނަވާނެކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަން ގާތުން ބެލުމަށް ބޭރުގެ ޚާއްޞަ މަންދޫބެއް އައްޔަންކުރައްވާފައިވާއިރު، ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށްވެސް އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާގެ ފުލުހުންގެ އެހީ ދަނީ ހޯދަމުންނެވެ.
ކޮމެންޓު ފޮނުވާ