ދޯންޏެއްގައި މަރާލި ބިދޭސީ މީހާގެ މައްސަލާގައި ދައުވާކޮށްފި

ދޯންޏެއްގައި މަރާލި ބިދޭސީ މީހާގެ މައްސަލާގައި ދައުވާކޮށްފި

Author
މުޙައްމަދު ޖިމީ
19 މެއި 2021 12:46
0

ދ. މީދޫ "ޖިހާދު" ދޯނީގައި މަސައްކަތްކުރަމުންދިޔަ ބަނގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު މަސްއޫދުގެ މައްޗަށް، ދަށުން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، 07 މާރިޗު 2021 ދުވަހު ދ. މީދޫ "ޖިހާދު" ދޯނީގައި މަސައްކަތްކުރަމުންދިޔަ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ޝާހީންއަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު މަސްއޫދުގެ މައްޗަށް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާކޮށްފައިވާކަމަށެވެ. މި މައްސަލާގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 05 މޭ 2021 ގައިކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެންދަމަން އޮތް ދޯންޏެއްގެ ތެރޭގައި ހިންގި މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހާއަށް ފަރުވާދެމުންދިޔައީ ތ.އަތޮޅު ވޭމަންޑޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގައެވެ. އޭނާއަށް ލިބުނު ޒޚާމްތަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

ދެ ބިދޭސީއެއްގެ މެދުގައި ހިނގި އެމާރާމާރީގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ 7 މާރިޗް ވަނަ ދުވަހުގެ ރޭ 03:50 ހާއިރުކަމަށާއި، މި މައްސަލައާ ގުޅިގެން އުމުރުން 42 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން އޭރު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.