އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ތަހުގީގަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވުމަކީ ޒިންމާދާރު ވާހަކައެއް ނޫންކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަންފާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ، އަދި ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ލިސްޓަކާއި، މުޅި ހިޔާނާތުގެ ތެރޭގައި ހިމެނޭ 281 މީހުންގެ ލިސްޓެއް އާންމުކޮށްފަ އެވެ. މި މައްސަލަ ބެލި ކޮމިޓީން ވަނީ ސަރުކާރުގެ މަޤާމުތަކުގައި ތިބި މީހުން ވްަޒީފާއިން ވަކިކުރުމަށް ފާސްކޮށްފައެވެ.
ނަމަވެސް އެ މީހުން ވަޒީފާއިން ވަކިކުރާނީ ތަހުގީގަށް ފަހުކަމަށް ސަރުކާރުން ހާމަކުރުމާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަޙްމަދު ނަސީމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނެ ލިސްޓްގައި ނަން ހިމެނިފައިވާ ކޮންމެ މީހަކީވެސް ކޮންމެވެސް އަސާސެއްގެ މައްޗަށް ރިޔާއަތްކޮށް ހިމެނިފައިވާ ނަމެއްކަމަށެވެ.
މީކާއީލް ވިދާޅުވީ، ދައުލަތުގެ މަޤާމުތަކުގައ ތިބި މީހުން މަޤާމުން ވަކިކުރުމަށް ކޮމިޓީގެ ރިޕޯޓްގައި ރިކަމަންޑޭޝަނެއްގެ ގޮތުގައި ހިމަނާފައިވަނީ، އެމީހެއްގެ ސިޔާސީ މަޤާމު ހައިސިއްޔަތު ބޭނުންކޮށްގެން މިހާރު ހިނގަމުންދާ ތަހުގީގަށް ނުފޫޒް ފޯރުވާނެކަމަށް ބެލެވޭތީކަމަށެވެ. ނަމަވެސް އެމީހުން ވަޒީފާއިން ވަކިކުރާނީ ތަހުގީގަށްފަހުކަމަށް ސަރުކާރުން ބުނުމަކީ އެންމެ ޒިންމާދާރު ކަމެއް ނޫންކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
މިލިސްޓް ފެނުމުން އެއްކަމަށް ލަދުގަތް. ލިސްޓްގައި ހިމެނޭ %61 މީހުންގެ މައްސަލަ އޮތީ މައުލޫމާތުއެއްކުރުމުގެ މަރުހަލާގައި. 2 އަހަރާއި ބައި ވާއިރު ދައުލަތުން ޚަރަދު ކޮށްފައިވާއިރު، މައުލޫމާތު އެއްކުރާ ސްޓެޖުގައި އޮތް މީހުންނޭ ބުނުމުން އަޅުގަނޑުވެސް ލަދުގަނޭ.
– މީކާއިލް އަހުމަދު ނަސީމް
މީކާއީލް ވަނީ ކޮރަޕްޝަންގެ ލިސްޓްގައި ހިމެނޭ ސަރުކާރުގެ ވަޒީފާގައި ތިއްބެވި މީހުން ވަގުތުން ސަސްޕެންޑްކުރުމަށްވެސް ގޮވާލައްވާފައެވެ. ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ، އެ ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދާ ދުވެލީގައި ދާނަމަ މިދައުރު ނިމޭއިރުވެސް މި މަސައްކަތްތައް ކޮޅެއްގައި ނުޖެހޭނެކަމަށެވެ. އެހެންކަމުން ކޮމިޝަންގެ މެންބަރުން ހަލާލު ފައިސާ ބޭނުންނަމަ ނަތީޖާ ނެރެންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ ރައްޔިތުންގެ އިތުބާރު ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ހޯދުމަށް، ކޮރަޕްޝަންގެ މައްސަލަ ބެލުން އަވަސްކޮށް ދައުވާކުރަންޖެހޭކަމަށެވެ.
ކޮމެންޓު ފޮނުވާ