ރޭގެ 12ގެ ފަހުން، މިއަދު، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 5 މީހަކު ނިޔާވެފައިވާ ކަން އެޗްޕިއޭއިން ހާމަ ކޮށްފިއެވެ.
އެޗްޕިއޭއިން ހާމަ ކޮށްފައިވާ މިއަދު އެންމެ ފުރަތަމަ ނިޔާވެފައިވަނީ ލާމު އަތޮޅުގެ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ، އުމުރުން 87 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ރޭގެ ދަވންވަރު 1:54ގައެވެ. ދެވަނަ މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 3:01 ގައެވެ. އޭނާއަކީވެސް ލާމު ކޯވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންއައި، އަންހެނެކެވެ.
ކޯވިޑް19އަށް ޕޮޒިޓިވް ވެގެން މިއަދު ނިޔާވި 3 ވަނަ މީހާ އަކީ ހާލު ބޮޑުވެގެން އައިޖީއެމްއެހްގެ އީއާރަށް ފަރުވާދޭން ގެނައި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 7:25ގައެވެ. އެޗް ޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި 4 ވަނަ މީހާއަކީ، ހުޅުމާލޭ ފެސިލީޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންއައި، އުމުރުން 51 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 8:44 ގައެވެ.
ކޯވިޑް19ގައި މިއަދު ނިޔާވި 5ވަނަ މީހާއަކީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި އަންހެން މީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 8:30ގައި ކަމަށްވެސް އެޗްޕިއޭއިން ޓުވީޓު ކޮށްފައި ވެއެވެ.
މިއަދަކީ ރާއްޖޭގައި ކޯވިޑް19 ފެތުރެން ފެށިފަހުން މިބަލީގައި އެންމެ ގިނަ އަދަދަކަށް އެއްދުވަހެއްގައި މީހުން މަރުވި ދުވަހެވެ. އަދި މިއަދާ ހަމައަށް މިބަލީގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު ވަނީ 110އަށް އަރާފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިގޮތުން، އިއްޔެއަކީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. މިގޮތުން އިއްޔެ ރައްޖެއިންވަނީ 1،465 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައެވެ.
ކޯވިޑްގެ ނުރައްކަތެރިކަން އިތުރުވަމުން ދާއިރު، މި ބައްޔާއި ދެކޮޅަށް ވެކްސިން ދިނުންވެސް އެޗްޕީއޭއިން ދަނީ ކުރިޔަށް ގެންދަމުންނެވެ. މިގޮތުން މިހާތަނަށް އައިއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 303،919 އަރާފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު އުޅެނީ 147،682ގައެވެ.
ކޮމެންޓު ފޮނުވާ