ކުރީގެ ސަރުކާރުގައި ހިންގަމުން އައި، މޯލްޑިްވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)، މި ސަރުކާރުން އުވާލުމަށްފަހު، އެކުންފުނީގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފުން 2019 ވަނަ އަހަރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރގެ ދަށަށް ބަދަލު ކޮށްފައި ވަނިކޮށް، އެމްއާރުޑީސީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކު ޕްލޭނިންގ މިނިސްޓްރީން ވަޒީފާއިން ވަކިކޮށްފައިވަނީ، ގަވާއިދާ ގާނޫނާ ޚިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމުމާއި ގުޅިގެން، ޕްލޭނިން މިނިސްޓްރީން އަލުން އެ މުވައްޒަފަށް ވަޒީފާ ހަމަޖައްސައި ދީފިއެވެ.
މި މައްސަލައަކީ، އެމްއާރުޑީސީ އުވާލާ، އެ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ މުވައްޒިފުން، ޕްލޭނިންގެ މިނިސްޓްރީގެ ޕަބްލިކްވާކްސް ޑިވިޒަންގެ ދަށަށް ބަދަލު ކޮށްފައިވަނިކޮށް، ގދ. ތިނަދޫގައި ހިގަމުންދާ އެމިނިސްޓްރީގެ ޕަބްލިކް ވާކްސް ސެކްޝަންގައި މަސައްކަތް ކުރަމުންދިޔަ އެރަށު ފެއަރލީ މުހައްމަދު ހިލްމީގެ ކޮންޓްރެކްޓް ހަމަވިކަމަށް ބުނެ، 28 ނޮވެމްބަރު 2019ގައި ވަޒީފާއިން ކޮށްފައިވަނީ އޮޅުވާލުންތަކެއްގެ ތެރެއިން އެއްވެސް ހަމައެއްނެތި، އިންސާފުން ނޫންކަމަށް ބުނެ، އެފަރާތުގެ ވަޒީފާ އަބުރާ އިއާދަ ކޮށްދިނުމަށާއި، ވަޒީފާ އަބުރާ އިއާދަވުމާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދި، ސިވިލްސާވިސް ކޮމިޝަނަށް ރައްދުވާ ގޮތަށް 27 ފެބްރުއަރީ 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ގދ. ތިނަދޫ ފެއަރލީ މުހައްމަދު ހިލްމީގެ ވަޒީފާ އަބުރާ އިއާދަ ކުރުމަށް ނިންމާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި ޤާއިމް ކުރަންޖެހޭ މައުޟޫޢީ އަދުލުވެރިކަމާއި، ޢިޖުރާއީ އަދުލުވެރިކަން މައްސަލަ ރައްދުވި ފަރާތުން ޤާއިމް ކޮށްފައިވާ ކަމުގައި ބުރަވެވެން ނެތަތީ، މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާއިން އެފަރާތް ވަކިކުރުމަކީ، އަންފެއަރ ޑިސްމިސަލްއެއްގެ ގޮތުގައި ކަނޑައަޅާ، އެވަޒީފާއަށް އޭނާ ރުޖޫއަ ކުރުމަށާއި އަދި އޭނާއަކީ އެއްވެސް ހާލަތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްގެ ގޮތުގައި ނުބެލުމަށެވެ.
އަދި ޓްރައިބިއުނަލްގެ މި ނިންމުމުގައި ވަނީ، މުހައްމަދު ހިލްމީގެ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަބުރާ އިއާދަކުރުމާއި ހަމައަށް ހައްގުވާ އުޖޫރަވެސް އަބުރާ ދިނުމަށް އަންގާފައެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު ހިލްމީގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށްބުނެ، އޭނާ މަގާމުން ވަކިކޮށް އަދި އެ ވަޒީފާ އަލުން އިއުލާންކޮށް، އޭނާއަށް އެވަޒީފާ ލިބުނަ ނުދީފައިވަނީ، އެމްޑިޕީއަށް ނިސްބަތްވާ ފަރާތަކަށް އެވަޒީފާ ހަމަޖައްސައި ދިނުމުގެ މަގުސަދުގައެވެ. އެހެންނަމަވެސް، ތިނަދޫ ޕަބްލިކް ވާކްސް ސެކްޝަކުގައި މުހައްމަދު ހިލްމީ އަދާ ކުރަމުންދިޔަ އެސިސްޓަންޓް ސައިޓް މެނޭޖަރެއްގެ ވަޒީފާ އަބުރާ ދޭން ޓްރައިބިއުނަލްއިން އެންގުމާއި ގުޅިގެން، އެ އެންގުމާ ހަމައަށް އެގަމާގުގައިހުރި މުވައްޒަފަށް މިހާރު ސިޔާސީ އެހެން މަގާމެއް ހަމަޖައްސާދީފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ސަރުކާރުގެ ގިނަ ކުންފުނިތަކެއްގައި ވަޒީފާ އަދާކުރަމުންދިޔަ ގިނަ އަދަދެއްގެ މުވައްޒިފުން ނުހައްގުން ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް ބުނެ މިހާރުވެސް، ގިނަ މައްސަލަތަކެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހުރިކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ފެނަކަ ކުންފުނީގެ މިފަދަ ގިނަ މައްސަލަތަކެއް މިހާރުވެސް ޓްރައިބިއުނަލްއިން ދަނީ ކުރިޔަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ