ކޯވިޑް19އަށް ފަރުވާދޭ އާ ބޭހެއް އިންޑިއާއިން އީޖާދުކޮށް، މިއަދު ބާޒާރަށް ނެރެފި

ކޯވިޑް19އަށް ފަރުވާދޭ އާ ބޭހެއް އިންޑިއާއިން އީޖާދުކޮށް، މިއަދު ބާޒާރަށް ނެރެފި

Author
ހުސެއިން
15 މެއި 2021 07:30
0

އިންޑިއާގެ ޑިފެންސް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އޯގަނިޒޭޝަން އިން، ކޯވިޑް19 އާއި ދެކޮޅަށް ބޭނުންކުރުމަށް އުފައްދާފައިވާ 2-DG ބޭސް އެމަޖެންސީކޮށް އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދަ އިންޑިއާގެ ޑްރަގް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާ (DCGI) އިން ދިނުމާއި ގުޅިގެން މި ބޭހުގެ 10،000 ޑޯޒް، ހޮނިހިރު ދުވަޖު ބާޒާރަށް ނެރުމަށް ހަމަޖެހިއްޖެއެވެ.

ހޮނިހިރު ދުވަހު، 2-ޑިއޮކްސީ-ޑީ-ގުލުކޯޒް (2-DG) ބާޒާރަށް ނެރެވުމާއެކު، އިންޑިއާގެ ހައިދަރުއާބާދުގައާއި އަދި އެނޫން ސްޓޭޓްތަކުގައިވެސް، މި ބޭސް ގިނަ އަދަދަކަށް އުފެއްދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މި ބޭހަކީ، އިންޑިއާގެ ޑިފެންސް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އޯގަނިޒޭޝަން (DRDO)ގެ އިންސްޓިޓިއުޓް އޮފް ނިއުކުލިއަރ މެޑިސިން އެންޑް އެލައިޑް ސައިންސަސް (INMAS)އާއި ހައިދަރުއާބާދުގައި ގާއިމްވެފައި ހުންނަ ޑރ. ރެޑީސް ލެބޯޓްރީތަކާ ގުޅިގެން އުފައްދާފައިވާ ބޭހެކެވެ.

އިންޑިއާގެ އޮފިޝަލުން ބުނާ ގޮތުގައި މި ބޭސް ހަށިގަޑުގައި މަސައްކަތްކުރާ އުސޫލަކީ، ވައިރަހަށް "އޮޅުވާލައިގެން" ނުރަކަލުން ހަށިގަޑު ދިފާާޢު ކުރުމުގެ އުސޫލެވެ.

"ކޮންމެ ވައިރަހެއްވެސް ހަށިގަޑުގެ އެތެރެއަށް ވަނުމަށްފަހު، އޭގެ އަމިއްލަ ކޮޕީތައް އުފައްދަމުން ދާނީ، ހަށިގަޑުގެ ސެލްތަކަށް އޭގެ އަސްލު އޮޅުވާލައިގެން. މިގޮތުން ވައިރަސް އަމިއްލައަށް އެތައް ގުނައަކަށް ގިނަ ވެގަންނަނީ، ހަށިގަޑުގެ ސެލްތަކުގައި ހުންނަ ޕްރޮޓީންތައް ވަގަށް ނަގައިގެން. އިންޑިއާގެ ސައިންސްވެރިން މި ބޭސް އުފެއްދުމަށް ބޭނުން ކޮށްފައިވާ މައިގަޑު ވިސްނުމަކީ މިއީ،" މި ބޭސް ހަށިގަޑުގައި މަސައްކަތް ކުރާ ގޮތާ ގުޅޭގޮތުން އޮފިޝަލަކު ބުނެފައި ވެއެވެ.

"ކޮންމެ ވައިރަހެއްވެސް އޭގެ އަސްލު އިތުރު ކުރުމަށް ހަކަތަ (ގުލުކޯޒް) ބޭނުންވޭ. މިގޮތުން، މި ބޭސް ހަށިގަޑުގެ އެތެރެއަށް ދިއުމަށްފަހު، ވައިރަސް އޭގެ ކޮޕީތައް އުފެއްދުމަށް ބޭނުންވާ މި ގުލްކޯޒުގެ ގޮތުގައި ދެނެގަންނާނީ މި ބޭސް. އަދި ވައިރަސް މި ގުލުކޯޒް (ބޭސް) ނެގުމަށްފަހު، މި ގުލުކޯޒްގެ ސަބަބުން، ހަށިގަޑުގައި އިތުރުވެގަތުމުގެ ގާބިލްކަން ވައިރަހުގެ ކިބައިން ނައްތާލާ. ނަތީޖާއެއްގެ ގޮތުން، އަވަސް މިނުގައި، ހަށިގަޑުގެ ތެރެއަށް ގިނަވެގަތުމުގެ ފުރުސަތު ވައިރަހަށް ލިބިގެނެއް ނުދާނެ، އަދި މީގެ ސަބަބުން، ހަށިގަޑުގެ އެންޓި ބޮޑީތަކަށް، ވައިރަހާ ހަގުރާމަކޮށް، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވައިރަހުގެ މައްޗަށް ގަދަވެގަތުމުގެ ފުރުސަތު ލިބިގެންދާނެ،" އޮފިޝަލް ވިދާޅު ވެފައި ވެއެވެ.

އިންޑިއާގެ ޑްރަގް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާ (DCGI)އިން ވަނީ، މިއަހަރު އެޕްރީލް މަހުވެސް، ބޭސް އުފައްދާ ބިޔަ ކުންފުންޏެއް ކަމުގައިވާ ޒައިޑަސް ކެޑިލާއިން އުފައްދާފައިވާ މިބާވަތުގެ ބޭހެއް އެމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ އެގައުމުގައި ދީފައެވެ.

ވިރަފިން ނަމަކަށް ކިޔާ މިބޭސް ބޭނުން ކުރުމުން، ކޯވިޑް19ގެ އާދާއިގެ ހާލަތުގައި ތިބޭ މީހުންނަށް ހަށިގަޑަށް އޮކްސިޖަން ބޭނުންވާވަރު ދަށް ކޮށްދެއެވެ. އަދި ނަތީޖާއެއްގެ ގޮތުން، އަވަހަށް ބަލިން ފަސޭހަވުމަށް އެހީތެރި ވެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.