އެއްވެސް ސުވާލެއް ކުރުމެއް ނެތި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ޖަހާ އަންމު ކޮށްފައިވަނީ އިދިކޮޅު މުޒާހަރާތަކަށް ނިކުންނާތީ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބުދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެސަބް ކޮމިޓީން އިއްޔެ ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ދިރާސާކޮށް ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓުގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އަދި މިހާރުގެ 16 މެންބަރެއްގެ ނަންވެސް ހިމަނާފައި ވެއެވެ. އަދި މިނޫނަސް ދައުލަތުގެ އިސްމަގާމްތައް ފުރުއްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް ދައުލަތުގެ މަގާމްތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުންގެ ނަން މި ލިސްޓުގައި ހިމަނާފައި ވެއެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ، އެހެންނަމަވެސް، ސަރުކާރާ އިދިކޮޅަށް މިހާރު އިދިކޮޅު ޕާޓީއާއި އެކީ މަސައްކަތް ކުރަމުންދާ ލަތީފަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށް ލިސްޓުގައި ހިމަނާފައި ވެއެވެ.
އެހެންނަމަވެސް ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގަ ވިދާޅުވީ، އޭނާގެ ނަން ލިސްޓްގައި ހިމަނާފަ ވަނީ މީހަކު ބުނިއެއްޗަކަށް ތެދެއްތޯ އަހާލުމެއްވެސް ނެތިކަމަށެވެ. ތިން އަހަރުވީއިރު އެއްވެސް ތަހުގީގެއްވެސް އޭނާގެ މައްޗަށް ހިންގާފަ ނުވާކަމަށް ލަތީފް ވިދާޅުވިއެވެ.
Meehaku buni echcheh, 3 aharuvee iruves, thedheththo balan, suvaaleh, thahugeegeh kurumei nethi, adhi gayaavaa meehunge nanthah listun unikoh, idhikolhu muzaaharaagai ulheythee listgai nan jahai aammu kurumakee MDP ge heyoverikan baa?@Mihaarunews @AdhadhuMV @DhiyaresNews @avasmv
— Abdul Latheef (@funamalatheef) May 13, 2021
ދިއްދޫ ދައިރާގެ ކުރީގެ މެމްބަރު ލަތީފަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށް ކުރެވުނު މަސައްކަތުގައި، މަގުމަތީގައި ހިންގުނު ހަރަކާތްތަކުގައި ވަރަަށް އިސްކޮށް އޭރު ހަރަކާތްތެރިވި މެމްބަރެކެވެ. އަދި މިހަރާކާތްތަކުގެ ތެރެއިން އޭނާވަނީ އެތައް ފަހަރަކު ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދެވިފައެވެ.
އަދި ލަތީފް ފާހަގަ ކުރެވިގެން ދަނީ މިހާރު މި ސަރުކާރާ އެންމެ ޚިޔާލުތަފާތުވުން ބޮޑު އެއް ބޭފުޅެއްގެ ގޮތުގައެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު، އެއްވެސް ތަހުގީގެއް ކުރުމަކާ ނުލާ އާންމު ކުރުމުން އެސެޓް ރިކަވަރީ ކޮމިޝަނަށް ދަނީ ވަރަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒު ވަމުންނެވެ. އަދި ފަހުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ، ލިސްޓު އާންމު ކުރެވިގެން ދިޔަނަމަވެސް، ލިސްޓުގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ނޫން ކަމުގައެވެ.
ކޮމެންޓު ފޮނުވާ