އެމްއެމްޕީއާރުސީގެ މައްސަލަ ބޮޑު ދެޕާޓީގެ ސިޔާސީ ތަޅާލުމަކަށް!

އެމްއެމްޕީއާރުސީގެ މައްސަލަ ބޮޑު ދެޕާޓީގެ ސިޔާސީ ތަޅާލުމަކަށް!

Author
ހުސެއިން
12 މެއި 2021 08:31
0

މިއަދު އެންމެ ބޮޑަށް ސިޔާސީ މަސްރަހުގައި ގުގުމާލާފައި އޮތް މައްސަލައަކީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެވެ. މިގޮތުން ރައީސް ޔާމިންގެ ދައުރުގައި، އެމްއެމްޕީއާރުސީގެ ޚިޔަނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ އެެތައް ބައެއްގެ ވާހަކަ ސޯޝަލް މީޑިއަގައި ދަނީ ދައުރު ވަމުންނެވެ. އަދި ލިބުނު މީހުންކަމަށް ތުހުމަތު ކުރެވޭ އެތައްބައެއްގެ ލިސްޓުތައްވެސް ދަނީ އާންމު ކުރެވެމުންނެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވިގެންދާ އެއްކަމަކީ، ރައްޔިތުންގެ މަޖިލިހުގެ އެދުމުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށް، ރޭގެ ވަގުތެއްގައި އެ ފައިސާ އެކި ގޮތްގޮތުން ލިބިފައިވާ ކަމަށް ބުނާ މީހުންގެ ލިސްޓެއް އާންމު ކޮށްފައިވާ ވުމެވެ. މިގޮތުން އާންމު ކޮށްފައިވާ މި ލިސްޓުގައި ސަރުކަރު ހިންގާ ޕާޓީއާއި އަދި އިދިކޮޅު ޕީޕީއެމްގެވެސް ގިނަ އިސްބޭފުޅުންގެ ނަންތަކެއް ހިމެނިގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި ލީކު ކޮށްލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓެވެ. ސަބަބަކީ، ރައްޔިތުންގެ މަޖިލީހަށް ފޮނުވަފައިވާ ލިސްޓަކީ ފޮޓޯ ޖެހި ލިސްޓެއް ކަމަށް ނުވެފައި، އާންމު ވެފައިވާ ލިސްޓުގައި މަޖިލިސް ނާއިބު ރައީސުގެ ފިރިކަލުންގެ ނަމުން ފެށިގެން ގޮސް، އެމްޑީޕީގެ ޕީޖީ ލީޑަރުގެ ނަންވެސް ލިސްޓުގައި ހިމެނިފައި ވާތީއެވެ.

އެމްޑިޕީގެ ޕީޖ ލީޑަރުގެ ނަން ލިސްޓުގައި ހިމެނިފައިވާއިރު، އޭނާގެ ނަން މިލިސްޓުގައި ހަގީގަތުގައިވެސް ވާކަން ޔަގީން ވެގެންދަނީ، ޕީޖީލީޑަރު އަލީ އާޒިމް އަމިއްލަ ފުޅަށް މި ލިސްޓުން ނަން އުނިކޮށްދިނުމަށް އެދި، އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީ މީޑިއާތަކަށް ލިބިގެން ގޮސްފައި ވާތީއެވެ.

ލިސްޓުން ނަން އުނިކޮށް ދިނުމަށް އަލީ އާޒިމްވަނީ ރިކަވަރީ ކޮމިޝަންގައި އެދިފައި

އެސެޓް ރިކަވަރީ ކޮމިޝަނުން ދިރާކޮށް އެކުލަވާލާފައިވާ ލިސްޓު ކަމަށް ބުނާ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަށް ލިބިފައިވާ ފައިސާތަކަށް ބަލާއިރު، ޕީޕީއެމްގެ 2014 ވަނަ އަހަރު މަޖިލިސް ކެމްޕޭނަށް އެކި ފަރާތްތަތަކަށް ފައިސާ ދޫކޮށްފައި ވާކަމަށް އަދީބުއާ ހަވާލާދީ ބުނެފައިވާ ފައިސާއައި، ރައީސް ޔާމިންގެ ދައުރުގައި އޭރު ރައްޔިތުންގެ މަޖިލިހުގައި ނެގުނު ގިނަ ވޯޓުތަކުގައި، އިދިކޮޅު މެމްބަރުންގެ ވޯޓު ހޯދުމަށް ހޭދަ ކުރެވުނު ފައިސާގެ ބައެއް ތަފްސީލްތައްވެސް ހިމަނާފައި ވެއެވެ.

އަދި މީގެ އިތުރުން، އޭރު އިދިކޮޅު ފަރާތްތަކުން، ސަރުކާރާ ދެކޮޅަށް ކޮށްފައިވާ ބޮޑެތި މުޒާހިރާތަކަށްވެސް، އަދީބު ފަންޑުކޮށްފައިވާކަން މިލިސްޓުގައި ހާމަވާން ހުރި މައުލުމާތުތަކަށް ބަލާއިރު އެގެން އޮވެއެވެ. މީގެތެރޭގައި، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފަށާއި، ނާއިބު ރައީސް ޝިފާޒު މެދުވެރިކޮށް ފައިސާ ފޯރު ކޮންދިންކަމަށް ލީކުވެފައިވާ ކަމަށް ބުނާ ލިސްޓުން ފެންނާން ހުރެއެވެ. މީގެއިތުރުންވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އޭރުގެ ބައެއް މެމްބަރުނަަށްވެސް ފައިސާ ފޯރުކޮށް ދެވިފައިވާކަންވެސް މިިލިސްޓުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެގެން ހުރެއެވެ.

މަޖިލީހުން ލިސްޓު ދިރާސާ ކުރަމުންދަނިކޮށް، ލީކުވެގެން އުޅޭ ލިސްޓަކީ އަސްލު ލިސްޓކަން އަދި ޔަގީން ވެފައި ނުވި ނަމަވެސް، ލިސްޓުގައި ހިމެނިފައިވާ ބައެއް ފަރާތްތަކަކީ، ޚުދު މިލިސްޓު ދިރާސާ ކުރަމުންދާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންގެ މަސްލަހަތު ހިމެނޭ ފަރާތްތަކަށް ވުމާއިގުޅިގެން، މިއަދު ގިނަ ބައެއްގެ ހިތުގައިވަނީ ގިނަ ގުނަ ސުވާލުތަކެއް އުފެދިފައެވެ. އާންމެ ވެގެން ގޮސްފައިވާ ލިސްޓަކީ އޭގައި އަސްލެއް އެކުލެވޭ ލިސްޓަކަށް ވެގެން ހިގައްޖެ ނަމަ، މަޖިލީހުގައި މި ކުރެވިގެން ދިޔަ މަސައްކަތަށް ދެން ވެގެންދާނީ ކިހިނެއްތޯއެވެ؟

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންގެ މަސްލަހަތު ހިމެނޭ ފަރާތްތަކަށްވެސް ފައިސަ ލިބިފައިވާ ކަމަށް އާންމުވި ލިސްޓުން އެގެން އެގެން އެބައިތް

އަދި އެމްޑީޕީއާއި ޕީޕީއެމްގެވެސް ލީޑަޝިޕްގައި ހިމެނޭ އެތައް ބައެއްގެ ނަންތައް ލިސްޓުގައި ހިމެނިގެން ގޮސްފައި ވާއިރު، އަދި އަމުދުން ލިސްޓުގައި ހިމެނޭ އަތައް ބަޔަކަށް ފައިސާ ލިބިގެން ގޮސްފައިވާކަމަށް، ހަަމަ އެކަނި އަގަބަހުން ބުނި ބުނުމެއްގެ މައްޗަށް އެގެން އޮންނައިރު، މި މައްސަލަތަކުގައި އިންސާފާ ހަމައަށް ވާސިލްވާނީ ކިހިނަކުންތޯ މިއި ގިނަބަޔަކު އުފައްދަމުންދާ ސުވާލެކެވެ.

ކޮންމެއަކަސް، އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރައީސް ޔާމިންގެ ވެރިކަމުގައި ހިގާފައިވާ ޚިޔާނާތަކަށް ވިނަަމަވެސް، އެ ޚިޔާނާތުގައި ބައިވެރި ވެފައިވަނީ، ހަމައެކަނި އެ ސަރުކާރުގައި އިސްކޮށް ތިބި މީހުން ކަމަށް މިއަދު ބެލެވޭކަށް ނެތެވެ. ހަމައެކަނި ޕީޕީއެމްގެ ބޮލަށް އެކަނި މައްސަލަ ޖަހާލާއިގެން ފަރު ޖައްސާލެވޭކަށްވެސް ނެތެވެ.

އަދި އަމުދުން އެސެޓް ރިަވަރީ ކޮމިޝަނުން، ޚިޔާނާތުގެ ފައިސާ ލިބިފައިވާކަށް ބުނާ މީހުންގެ ލިސްޓެއް އެކުލަވާލާފައިވާއިރު، މި ލިސްޓުގައި ނުހިމެނޭ އެތައްބައެއްގެ ނަންތަކެއް އެބަ ވާކަމަށްވެސް، ޚިޔާނާތާއި ގުޅުންހުރި މަޢުލޫމާތު އެގޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ހަމަ އެއާއެކު، ޚިޔާނާތުގެ ފައިސާ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ބޮޑެތި އަދަދުތަކުން ލިބިގެން ގޮސްފައިވާކަން މިހާރު ޔަގީން ކުރެވިފައި ވާއިރު، މި ފައިސާ ލިބުނު މެމްބަރުންގެ މެދިވެރި ވެގެން އެފައިސާ ފޯރުކޮށްދެވުނީ، އެމްޑިޕީގެ ޕީޖީ ގުރޫޕުގައި އޭރު މަސައްކަތް ކުރަމުން ދިޔަ ކޮން ކޮން މެމްބަރުންނަކަށް ކަންވެސް، ފައިސާ ލިބިފައިވާ ކަމަށް ބުނާ މެމްބަރުންގެ ކިބައިން އަދި ހާމަވެގެން ދާނެ ކަމަށް ވެސް ބެލެވއެވެ.

އެހެންކަމުން، އެމްއެމްޕީއަރުގެ ފައިސާއަކީ، އަދިބައެއް ފަރާތްތަކުން ހީކުރާ ވަރަށްވުރެ ބޮޑު ސިޔާސީ ވާދަވެރިކަމަށް ވެގެން ދިއުން އެކަށީގެންވެއެވެ.

ފައިސާ ދައުރު ވެގެން ދިއުމުގައި، ބޮޑު ދެޕާޓީގެވެސް ލީޑަރޝިޕްގައި ހިމެނޭ ގިނަ ބައެއްގެ ޝާމިލްވުން އޮތްކަމަށް ބެލެވެން ފަށާފައިވާއިރު، މިފައިސާ ހޯދުމަށް ވަކާލާތު ކުރަމުންދާ އެމްޑީޕީއަށްވެސް، އަދި ޕީޕީއެމްއަށްވެސް މި މައްސަލާއިގެ އިންސާފު ހޯދާ ނުދެވޭނެކަމަށް ކުރީގެ އޮޑިޓަރޖެނެރަލް ނިޒާޒު އިބުރާހިމް ވަނީ ވިދާޅުވެފައެވެ. ސަބަބަކީ، ކޮންމެ ގޮތެއްވި ކަމުގައިވި ނަމަވެސް، އިދިކޮޅު ޕާޓީއާއި ސަރުކާރު ހިންގާޕާޓީން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ޒިންމާ އަޅުވަމުންދާނެ ކަމަށް ގަބޫލު ކުރެވޭތީއެވެ.

އެހެންކަމުން، އެމްއެމްޕީއަރުސީގެ މައްސަލައަކީ، ބޮޑު ދެޕާޓީގެ ސިޔާސީ ތަޅާފޮލުމަކަށް ވެގެން ހިގައްޖެ ނަމަ، މިމައްސަލާއިގެ އަމާޒު މުޅިން ބަދަލު ވެގެން ދިޔައީއެވެ. މައްސަލަ އެންމެ ފަހުން ވެގެންދާނީ ބޮޑު ދެޕާޓީގެ ސިޔާސީ ތަޅާލުމަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.