ރޯދަ އާއި ސުވާލު: ދުވާލު ކުރު ނުވަތަ ދުވާލު ދިގު ގައުމު ތަކުގައި ރޯދަ ހިފާނެ ގޮތް

ރޯދަ އާއި ސުވާލު: ދުވާލު ކުރު ނުވަތަ ދުވާލު ދިގު ގައުމު ތަކުގައި ރޯދަ ހިފާނެ ގޮތް

ދުނިޔޭގެ ބައެއް ހިސާބު ތަކުގައި ރޭގަނޑަށް ވުރެ ދުވާލު އެތައް ތަނެއް ދިގެވެ. ރޭގަނޑުވަނީ އެންމެ ތިންގަޑި އިރަށެވެ. އެހެންކަމުން ދުވާލުގެ ދިގު މިނަކީ 21 ގަޑި އިރެވެ. ފިނި މޫސުމާއި ދިމާވެއްޖެނަމަ މުސްލިމުން ރޯދަ ހިފަން ޖެހޭނީ އެންމެ ތިންގަޑި އިރަށެވެ. ހޫނު މޫސުމަކާ ދިމާވެއްޖެނަމަ 21 ގަޑި އިރު ރޯދަ ހިފަން ޖެހެއެވެ. މީގެ ސަބަބުން މީސްތަކުންނަށް ބޮޑެތި ދަތި ތަކާއި ކުރިމަތިލާން ޖެހެއެވެ. ވީމާ، މިކަމުގައި ކަންތައް ކުރަންވީ ގޮތް އަންގަވާލަ ދެއްވުން އެދެމެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

އިސްލާމީ ޝަރީޢަތަކީ ވަރަށް ފުރިހަމަ އެހާމެ ޝާމިލް ޝަރީޢަތެކެވެ. ސޫރަތުލް މާއިދާގެ 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَ‌ضِيتُ لَكُمُ الْإِسْلَامَ دِينًا) މާނައަކީ: " މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." ސޫރަތުލް އަންޢާމްގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ أَيُّ شَيْءٍ أَكْبَرُ‌ شَهَادَةً ۖ قُلِ اللَّـهُ ۖ شَهِيدٌ بَيْنِي وَبَيْنَكُمْ ۚ وَأُوحِيَ إِلَيَّ هَـٰذَا الْقُرْ‌آنُ لِأُنذِرَ‌كُم بِهِ وَمَن بَلَغَ) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! ހެކިބަހެއްގެގޮތުން އެންމެބޮޑީ، ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދު اللَّه ހެކިވެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމަޔަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު إنذار ކުރެއްވުމަށް ތިމަންކަލޭގެފާނަށް މި قرآن، وحى ކުރެއްވިއެވެ." ސޫރަތު ސަބައުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَمَا أَرْ‌سَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرً‌ا وَنَذِيرً‌ا) މާނައަކީ: " އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ." މުސްލިމުންގެ މައްޗަށް ރޯދަ ފަރްޟު ކުރެއްވިކަން އަންގަވާ ސޫރަތުލް ބަގަރާގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ  ) މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ."  ރޯދަ ފެށޭ ގަޑިޔާއި ނިމޭގަޑި ބަޔާން ކުރައްވާ ސޫރަތުލް ބަގަރާގެ 187 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَكُلُوا وَاشْرَ‌بُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ‌ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ) މާނައަކީ: " އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! فجر ގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!" މިއީ އެންމެހައި މުސްލިމުންގެ މައްޗަށް ޢާއްމު ޙުކުމެކެވެ. ވަކި ގައުމެއްގެ ވަކި ބަޔެއްގެ މައްޗަށް އޮތް ޙުކުމެއް ނޫނެވެ. ﷲ ތަޢާލާ އީ އެކަލާންގެ އަޅުތަކުންނަށް އެންމެ އޯގާވަންތަ އިލާހެވެ. އެކަލާންގެ އަޅުތަކުންގެ މައްޗަށް ޝަރްޢު ކުރައްވާފައިވަނީ އެންމެ ލުއި ފަސޭހަ ގޮތެވެ. އެބައިމީހުންގެ މައްޗަށް ވާޖިބު ކުރެއްވިކަންތައް އެއްވެސް އުނދަގުލަކާ ނުލާ ކުރެވޭނެ މަގު ފަހި ކޮށް ދެއްވިއެވެ. ބަލިމީހުންނާއި ދަތުރުވެރިން ރޯދަ ދޫކޮށްލުން ހުއްދަ ދެއްވިއެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (شَهْرُ‌ رَ‌مَضَانَ الَّذِي أُنزِلَ فِيهِ الْقُرْ‌آنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْ‌قَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ‌ فَلْيَصُمْهُ ۖ وَمَن كَانَ مَرِ‌يضًا أَوْ عَلَىٰ سَفَرٍ‌ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ‌ ۗ يُرِ‌يدُ اللَّـهُ بِكُمُ الْيُسْرَ‌ وَلَا يُرِ‌يدُ بِكُمُ الْعُسْرَ  ) މާނައަކީ: " رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ."

އެހެންކަމުން، ރަމަޟާން މަހާއި ބައްދަލުވެއްޖެ މީހާ ރޯދަ ހިފަން ޖެހެއެވެ. ދުވާލު ކިތަންމެ ދިގަސްވެސް އަދި ކުރަސްވެސް މެއެވެ. އޭނާ ރޯދަ އަށް ހުރުމުން ހަށިގަނޑަށް ގެއްލުމެއް ލިބިދާނެހެން ހީވުމުން ރޯދަ ދޫކޮށްލުމުގެ ހުއްދަވަނީ ދެއްވާފައެވެ. އަދި ގެއްލުނު ރޯދަތައް އެހެން ދުވަސްވަރެއްގައި ހިފުމުގެ އިޚްތިޔާރުވަނީ ދެއްވާފައެވެ. والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *