ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައި

ހާލަތާމެދު ރައްކާތެރި ނުވެވިއްޖެ ނަމަ އޮތީ ބަނަ ދުވަސްތަކެއް!

ހާލަތާމެދު ރައްކާތެރި ނުވެވިއްޖެ ނަމަ އޮތީ ބަނަ ދުވަސްތަކެއް!

ގުޅުންހުރި

ކޯވިޑް19ގެ ނުރައްކާތެރި ކަމަކީ، ހަމަ އެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތެއް ނޫނެވެ. ކޯވިޑްގެ ނުރައްކާތެރިކަން އޭގެ އިންތިހާއަށް ކުރިމަތި ވެފައި އޮތީ މުޅި ދުނިޔެއަށެވެ. ދުނިޔޭގެ ފަގީރު ގައުމެއް މުއްސަދި ގައުމެއް ތަފާތު ވުމެއް ނެތެވެ.

އަދި ހަމަ އެއާއިއެކު، ކޯވިޑް19އާއި މުޅި ދުނިޔެ ހަގުރާމަ ކުރަމުންތާ އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، މިހަގުރާމާގައި ދުނިޔެ ވަރުބަލިވާ ހިސާބަށްވެސް މިހާރު ހާލަތު ގޮސްފިކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ. ދުނިޔޭގެ އެންމެ ފޯރުންތެރި ގައުމުތައްވެސް، މިވަނީ ކޯވިޑް ބަލީގެ ބަލި މީހުންނަށް ފަރުވާ ކުރުމުގައި ވަސީލަތްތަކަށް ޖެހިފައެވެ.

ދުނިޔޭގަ މިވަގުތު އޮތް އެންމެ ބޮޑު ޑިމޮކްރަސީއަކީ އިންޑިއާއެވެ. އާބާދީ 1 ބިލިއަނަށްވުރެ މަތީގައި އޮތް މިގައުމުގައި ކޯވިޑް ކާރިސާ ކޮންޓްރޯލުން ނެއްޓި، ސަޕްލައި ކޮށްދެވޭވަރަށް ހޮސްޕިތަލްތަކުގައި އޮކްސިޖަލް ނެތި، ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، މީހުން މަގުތަމީގައި ދަނީ މަރުވަމުންނެވެ. ރައްޖޭގެ އަވައްޓެރި ގިނަ ގައުމުތަކުގެ ހާލަތު އޮތީ މިދަރަޖައިގައެވެ. ދެކުރު އޭޝިއާގެ ގައުމެއް ކަމުގައިވާ ނޭޕާލުގައިވެސް ކޯވިޑްގެ ހާލަތު އޮތީ އިންޑިއާއެކޭ އެއް ދަރަޖައެއްގައެވެ.

ސިއްޙީ ގިނަ ތަޖުރިބާކާރުން ވިދާޅުވަނީ، މިއަހަރު ފޭށުނުއިރު، އުފައްދާފައިވާ ވެކްސިންތަކާ އެކީވެސް، ކޯވިދް19ގެ ހާލަތު ކޮންޓްރޯލް ނުކުރެވިގެން އުޅޭނީ، ކޯވިޑް19ގެ އަސްލު ވައިރަސް މިއުޓޭޓް ވެގެން އުފަންވެފައިވާ ނުރައްކަތެރި އާ ސްޓްރެއިން ތަކުގެ ސަބަބުންނެވެ. މިގޮތުން، މިހާރު ހުރި ގިނަ ވެކްސިންތަކުން، ކޯވިޑް19ގެ އެންމެ ފުރަތަމަ ވައިރަހާ ދެކޮޅަށް %90އަށްވުރެ މަތިން ރައްކާތެރިކަން ފޯރު ކޮށްދިންނަމަވެސް، މިހާރު އިންޑިއާގައާއި އަދި އެނޫން ބައެއް ގައުމުތަކުގައި ފެތުރެމުންދާ ސްޓަރެއިންތަކުން ސަލާމަތްވުމަށް، ވެކްސިންތަކުން މި ވަރުގެ ރައްކާތެރިކަން ފޯރުކޮށް ނުދޭކަމަށް ސިއްޙީ ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެހެންނަމަވެސް، ވެކްސިންގެ އެއް ޑޯޒު ނުވަތަ ދެ ޑޯޒު ހަމަކޮށްފައި ތިބޭ ފަރާތްތައް ކޯވިޑް19އަށް ޕޮޒިޓިވް ވިނަމަވެސް، ވެކްސިން ޖަހައިގެން ތިބޭ ފަރާތްތަކުގެ ބަލި އަދަޔާ ޚިލަފަށް ގޯސް ވެގެން ނުދާ ކަމަށްވެސް ތަޖުރިބާތަކުން ވަނީ ދައްކާފައެވެ. މިގޮތުން ދުނިޔޭގެ އެންމެ ގިނައަދަކަށް ވެކްސިން ޖަހާފައިވާ އެއް ގައުމު ކަމުގައިވާ އެމެރިކާގައި، އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ކޯވިޑް19އަށް ޕޮޒިޓިވް ވަމުން ދިޔަ ނަމަވެސް، ވެކްސިންއާއެކު ބަލީގެ ހާލަތު ގޯސް މީހުންގެ ނިސްބަތް އަދަޔާ ޚިލާފަށް ދަށްކުރެވި، އަދި ބަލީގައި މަރުވާ މީހުންގެ ނިސްބަތްވެސް ވަނީ ވަރަށް ބޮޑަށް ދަށް ކުރެވިފައެވެ.

ރާއްޖޭގައިވަނީ މިހާތަނަސް ވަނީ 100،00 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައި

ރާއްޖެއަށް ކުރިވެފައިވާ ނުރައްކާ

މުޅި ދުނިޔެއެކޭ އެއްފަދައިން، ކޯވިޑްގެ ނުރައްކާތެރިކަން ރާއްޖޭގައިވެސް ދަނީ އާދަޔާ ޚިލާފަށް ބޮޑުވަމުންނެވެ. މިއަހަރުގެ ފެށުމާއެކު، ރާއްޖޭގައިވެސް ވެކްސިން ޖަހަންވަނީ ފަށާފައެވެ. އަދި ވެކްސިން ޖަހަން ފެށުމާއެކު، ކޯވިޑަށް ޕޮޒިޓިވް ވާމީހުންގެ އަދަދު އެއް މިންގަޑެއްގައި ހިފެހެއްޓިފައި އޮތް މަންޒަރު ފެނިގެން ދިޔައެވެ.

އެހެންނަމަވެސް، ފާއިތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ކޯވިޑާ ދެކޮޅަށް އެޗަޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް އެ މުވައްސަސާއިން ވަރަށް ބޮޑަށް ދޫކޮށްލިއެވެ. އަދި ސިޔާސީ ފަރާތްތަކުގެ ޑިމާންޑްތަކާ އެއްގޮތަށް، ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަަދި އެހާމެ ތޮށްޖެހިފައި އޮތް މާލޭގައި އަޅާފައިވާ ހުރިހާ ފިޔަވަޅެއް ކަހަލަ ގޮތަކަށް އެޗްޕީއޭއިން ދޫކޮލިއެވެ.

އަދި ހަމައެއާއެކު، ގިނަ ބަޔަކަށް ސިހުން ގެނުވި އެއްކަމަކަށް ވެގެން ދިޔައީ، އިންޑިއާގައި ކޯވިޑްގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުން ދަނިކޮށްވެސް، އިންޑިއާއިން ރާއްޖެއަށް ފަތުރުވެރިން އައުން މަނާނުކޮށް، އަދި އިންޑިއާގެ މަސައްކަތްތެރިންނާއި ފުޓު ބޯޅަ ޓީމުތައްވެސް ކަރަންޓީނު ކުރާ މަންޒިލަކަށް ރައްޖެ ވެގެން ދިޔަ މަންޒަރެވެ. މުޅި ދުނިޔޭގައިވެސް ކޯވިޑްގެ ހާލަތު އެންމެ ގޯސް ގައުމަކަށް އިންޑިއާ ވެފައި ވަނިކޮށް، އިންޑިއާގެ ރައްޔިތުން ރާއްޖޭގެ ގެސްޓު ހައުސްތަކުގައާއި އަދި ރިސޯޓުތަކުގައި ކަރަންޓީން ވުމުގެ ފުރުސަތު އެޗްޕީއޭއިން ދެމުން އައީ ކޮން ވިސްނުމެއްގެ ތެރެއިންތޯ މިއީ މިއަދުވެސް ގިނަބަޔަކު ކުރަމުންދާ ސުވާލެކެވެ.

އިންޑިއާގައި އާދަޔާ ޙިލާފް ނުރައްކާތެރި ވޭރިއެއްންޓެއް ފެތުރެމުންދާ ކަމަށް ގިނައަދެއްގެ މީޑިއާ ރިޕޯޓުތައްވެސް ބުނަމުންދަނިކޮށް، ދާދި ފަހުން ވަނީ، އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން، ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ރާއްޖެ އައި ބެންގަލޫރު ޓީމުން އޭއެފްސީ ކަޕުގެ ޕްރޮޓޮކޯލާ ހިލާފުވި މައްސަލަ ވަނި ފެންމަތިވެގެން ގޮސްފައެވެ. މި ޓީމު ރާއްޖެ އައިސް ހޮޓެލް ޖެންގައި ކޭމްޕްކުރިއިރު، އެ ޓީމުގެ ކުޅުންތެރިންނަށް ހޮޓަލުން ނުކުމެވެން އޮތީ ހަމައެކަނި ތަމްރީނުތަކަށާއި މެޗުތައް ކުޅެން އެކަންޏެވެ. އެހެން ނަމަވެސް ހޮނިހިރު ދުވަހުގެ ހަވީރު މާލޭ މަގުތަކުން އެ ޓީމުގެ ބައެއް ކުޅުންތެރިން ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މުބާރާތުގެ ޕްލޭއޮފުގައި އަންގާރަ ދުވަހު ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އައި ބެންގަލޫރުގެ ޓީމުގެ ކުޅުންތެރިންތަކާއި އޮފިޝަލުންތަކެއް ޕްރޮޓޮކޯލާ ހިލާފުވެ ހޮޓަލުން ނުކުތުމުން، ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު ވަނީ އެ ޓީމު ރާއްޖޭން ދިއުމަށް އަންގައިފަ އެވެ. އަދި ހޯމަދުވަހު މިޓީމު ރައްޖެއިން ފުރައިގެންދާން މިހަރު ވަނީ ނިންމާފައެވެ. އަދި ޕްރޮޓޮކޯލްއާއި ޚިލާފް ވެވިފައިވާތީ، ބެންގަރޫލު ޓީމުން ނެރުނު ބަޔާނެއްގައި ވަނީ ސިއްހަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާ ހިލާފުވެވުނީތީ މައާފަށް އެދިފަ އެވެ. އަދި ކްލަބުން މިކަމުގައި އެތެރޭގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައިވެ އެވެ.

އެހެންނަމަވެސް މިއަދު ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި، ބަލި އާދަޔާ ޚިލާފަށް ނުރައްކާތެރި ދަރަޖައަކަށް ފެތުރެމުން ދިޔަ ގައުމަކުން، މީހުން ޚާއްސަ ހުއްދައެއްގެ ދަށުން ނަމަވެސް، އެތެރެވުމުގެ ފުރުސަތު ދިނުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި، ހުއްދަތައް ދެމުންދާދިއުމަށް މިއަދުން މިއަދަށްވެސް މިމައްސަލައަށް ހައްލެއް ގެންނަން ޖެހޭކަމަށްވެސް ގިނަބަޔަކު ދެކެއެވެ. އެހެންނަމަވެސް، ވަރަށް ބޮޑުތަނުން ވަގުތު ފާއިތުވެގެން ގޮސްފައިވާ ކަން މިއަދު އިހުސާސް ކުރެވެނީ، ރާއްޖޭގެ އެންމެ ބައިބޯ ރަށް މާލެއިން ކޯވިޑް19އަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް މިއަދު 1،000 އިން މައްޗަށް އަރައިގެން ގޮސްފައި ވާތީއެވެ.

ފަރުދީ ޒިންމާ

ކޯވިޑް19ގެ ހާލަތު މިއަދު އޮތް ގޮތުން، އެކަކު އަނެކަކުގެ ބޮލަށް ކަޑާލުމާއި، ބަދުނަމު ކުރުމާއި، ޝަކުވާތަކުން ހައްލެއް ނެތެވެ. ފަރުދީ ޒިންމާ އަދާ ނުކޮށްފި ނަމަ، ކޮންމެވެސް ހިސާބަކުން މި ނުރައްކާތެރި ބައްޔާއި ފަރުދީ ގޮތުން ހަގުރާމަ ކުރަން ޖެހުމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ހާލަތެއްކަން މިއަދު މިއޮތީ ގަބޫލުކުރަން މަޖުބޫރު ވެފައެވެ. ހުރި އުދާސްތަކާއި، ގިލަންވެރި ކަމާއެކުވެސް، މިއަދު މިވަނީ ފަރުދީ ޒިންމާ އަދާ ކުރަން މަޖުބޫރު ވެފައެވެ. މާސް އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ކަރަންޓީނުގެ އުސޫލުތަކަށް ބޯލެބުމާއި، ކޮންމެހެން މުހިންމު ނޫން ހާލަތްތަކުގައި ގެއިން ބޭރަށް ނުނިކުތުންފަދަ ފިޔަވަޅުތައް ފަރުދީގޮތުން ނާޅާއިފިނަމަ، ނުހަނު ހިތާމަވެރި ހާލަތަކަށް ދިއުން އޮތީ ވަރަށް ކައިރީގައެވެ.

ރައްކާވެ ތިބިއްޔާ ދަތުރެވެ. ޙާލަތާމެދު ރައްކާތެރި ނުވެވިއްޖެނަމަ އޮތީ ބަނަ ދުވަސްތަކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *