ގައްދޫއިން ޕޮޒިޓިވް ކޭސްއެއް ފެނި ރަށް މޮނިޓަރިންއަށް

ގައްދޫއިން ޕޮޒިޓިވް ކޭސްއެއް ފެނި ރަށް މޮނިޓަރިންއަށް

Author
ހުސެއިން
09 މެއި 2021 09:04
0

ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫއިން މިއަދު ކޯވިޑް19އަަށް ޕޮޒިޓިވްވެފައިވާ ކޭސްއެއް ފެނި، އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

އެރަށުން މައުލޫމާތު ދިން މީހަކު ޚަބަރު އޮންލައިންއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ގައްދޫންއިން ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ، އެރަށުގެ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރި ޕީޕީއެމްގެ ކައުންސިލަރުން މާލެ ދަތުރު ކުރުމަށްފަހު ރަށަށް އެބުރި އައި ފަހުން ކަމުގައެވެ.

އަދި ކަރަންޓީނުގައި ތިބެން ޖެހޭ މުއްދަތުގައި، މީގެތެރެއިން ބައެއް ފަރާތްތަކުން ކަރަންޓީނުގެ އުސޫލުތަކާ ޚިލާފަށް ރަށުތެރޭގައި އުޅެފައިވާ ކަމަށާއި، އިތުރު ކޭސްތަކެއް ރަށުތެރެއިން ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި އިތުރު ސާމްޕަލްތަކެއް ޓެސްޓުކުރުމަށް މިހާރު ފޮނުވިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. މިސާމްޕަލްތަކުގެ ނަތީޖާ ލިބިގެންދާއިރު، އިތުރު ފަރާތްތަކެއް ޕޮޒިޓިވް ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށްވެސް ޚަބަރު އޮންލައިންއާ ވާހަކަ ދެކެވި ފަރާތުން ވިދާޅުވެފައި ވެއެވެ.

ގައްދޫއިން ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން މިރޭގެ 19:43އިން ފެށިގެން އެކްޕީއޭއިން ވަނީ، އެ އޭޖެންސީގެ ހުއްދައެއް ނެތި، އެއްވެސް މީހަކު އެރަށުން ފޭބުމާއި އެރަށް އެރުންވެސް މަނާ ކޮށްފައެވެ.

ރާއްޖޭގައި ފާއިތުވެދިޔަ 3 ހަފްތާތެރޭގައި އާދަޔާ ޚިލާފަށް ކޯވިޑް19 ފެތުރެންފެށުމާއި ގުޅިގެން އެޗްޕީއޭއިންވަނީ، ކޯވިޑް19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، ރޭގަޑުގެ 9 އިން ފެށިގެން މާލޭ ސިޓީގައި ކާފިއުން ހިންގަންވެސް ފަށާފައެވެ.

ކޯވިޑްގެ ހާލަތު ގޯސްވެ، ރާއްޖެއިން މިބަލީގައި މަރުވާ މީހުންގެ އަދަދު މަތިވެފައިވާއިރު، މިއަދުވެސް ވަނީ މިބަލީގައި ދިވެއްސަކު ނިޔާވެފައެވެ. މިއީ މިބަލީގައި ޜާއްޖޭގައި ނިޔާވި 84 ވަނަ މީހާއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނަބަޔަކު މަރުވެފައިވަނީ މިމަހުގެ 6ވަނަ ދުވަހުކަމަށެވެ. އެދުވަހު އެކަނިވެސް 6 މީހަކު ނިޔާވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ނިމިދިޔަ ހަފްތާގައިކަމަށެވެ. ރާއްޖޭގައި ކޯވިޑް ޖެހިގެން ރެކޯޑް ޢަދަދަކަށް މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން 8،640 މީހަކަށް މިވަގުތުވެސް ފަރުވާފެމުން އެބައާދެއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 230 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.