6 މެއިގެ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ތިން މީހުން އެކަމަށް ކޯޓުގައި މިއަދު އެ ތުހުމަތަށް އިންކާރުކޮށްފި އެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރައި ވަޑައިގަންނަވަނިކޮށް، އެމަނިކްފާނަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ނަޝީދު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ.
ނަޝީދަށް އަމާޒުކޮށް ޓަރަރިސްޓް ހަމަލާ ދިންކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ، ބޮން ގޮއްވާލުމުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި، މއ. ފޭރުގޭ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނެފައިވަނީ، ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުންކުރި ސައިކަލުގެ ވެރިފަރާތް ކަމަށް ބުނާ މީހާ އެވެ.
މި އެންމެންގެ ބަންދަށްވެސް ކޯޓުން މިއަދު ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ.
ބަންދުގެ މުއްދަތު ޖެހުމަށް ކޯޓުން ނެރުނު އަމުރުގައި މިއަދު ބުނެފައިވަނީ، ކުރެވޭ ތުހަމަތުތަކަަށް އަދުހަމްވެސް އަދި މުޖާޒްވެސް އިންކާރު ކޮށްފައިވާ ކަމަށާއި އަދި ދައްކާނެ އިތުރު ވާހަކައެއްވެސް ނެތްކަމަށް ބުނެފައިވާ ކަމަށެވެ.
އަދި، ކޯޓު އަމުރުގައި ވާގޮތުން، އޭނާގެ ނަމުގައި ސައިކަލް ރައްޖިސްޓްރީ ކޮށްފައިވާކަމަށް ތަހުމީން އިންކާރު ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އެހެންނަމަވެސް، ފުލުހުން ކޯޓަށް ހުށަހެޅި ލިޔުންތަކުން، ބޮން ގޮއްވުމުގައި ބޭނުންކުރި ލިޔުންތަކުން ސައިކަލް ރަޖިސްޓްރީ ކޮށްފައިވަނީ ތަހުމީނުގެ ނަމުގައިކަން އިގޭކަމަށް ބުނެފައި ވެއެވެ.
މި ތިން މީހުންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒްމް ގެ ތުހުމަތެވެ.
ކޮމެންޓު ފޮނުވާ