ޝައިޚް ޢަލީ ޒައިދުގެ ގަލަމުން: މަތިން ތިރިއަށް!

ޝައިޚް ޢަލީ ޒައިދުގެ ގަލަމުން: މަތިން ތިރިއަށް!

ގުޅުންހުރި

މިއީ ހަމަ މީގެކުރީގެ ރަމަޟާންމަހެއްގެ ތެރޭގައި ހިނގިކަމެކެވެ. އެއްރެއެއްގެ ރޭގަނޑު އަޅުގަނޑު ހުރީ ޢާއިލާ ބަޔަކު ދިރިއުޅޭ، ބުރިބުރިއަށް ނަގާފައިވާ ގެއެއްގެ ކައިރީގައި، އެހެންބައެއްގެ އިންތިޒާރުގައެވެ. އަޅުގަނޑާއެކު އަޅުގަނޑުގެ ދައްތަގެ ދަރިފުޅުވެސް އެތަނުގައި ހުއްޓެވެ. ދެމީހުން ވާހަކައެއްގައި ތިއްބައި އަޅުގަނޑުގެ ގަމީހުގެ ޖީބާވީ ފަޅިއަށް ވަރުގަދަ ބޮޑު 'ފެންތިއްކެއް' ޖަހައިފިއެވެ. އަޅުގަނޑު ހިތުން މިޖެހި 'ފެންތިއްކަކީ' އޭސީގެ 'ފެންތިއްކެކެވެ.' ނުވެސް ބަލައި އެ 'ފެންތިކިމަތީ' އަތް އުނގުޅާލެވިއްޖެއެވެ. އޮލަކަމެއް ފާހަގަވެއްޖެއެވެ. ރަނގަޅަށް ބަަލައިލެވުނީ ދެނެވެ. ކަމަކުދާކަށް ނެތެވެ. ބޮޑު ސިންގާ ކުޅުގަނޑެކެވެ. ޗީޑިއެވެ. ސުބަހާނަﷲ!

މިހިރީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ޙާލަތު ހުރިގޮތެވެ. ތިމާއަށް މިކުރެވެނީ އަނެކާއަށް ކިހާބޮޑު އުނދަގުލެއް ލިބޭކަމެއްކަން ވިސްނާލުން ކިއެއް ހެއްޔެވެ؟ ގޭތެރޭގައި ހުރެފައި ބޭރުބަލާނުލައި ބޭރަށް ކުޅުޖަހަނީ އެވެ. ނުވަތަ ހަމަ ގަސްތުގައި މީހުން ތިއްބަސް ކުޅުޖަހާފައި ފިލަނީއެވެ. ގޮތެއް ނެތަސް ތަންފުކެއް ބޮޑުވަރެވެ. އަޚްލާޤް ކޮބައިހެއްޔެވެ؟

ތިމާގެ ފަރާތުން މީހުންނަށް އުނދަގޫލިބުމަކީ ވަރަށް ބޮޑު ނުބައިކަމެކެވެ. ޙަޤީޤީ މުސްލިމުން އަބަދު ވެސް އެބައިމީހުންގެ ފުށުން އަނެކުންނަށް އުނދަގުލެއް ލިބިދާނެތީ އެކަމަށް ފަރުވާތެރިވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ އިރުޝާދަށް ނިކަން ބައްލަވާށެވެ! އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "މުސްލިމަކީ އޭނާގެ ދުލާއި، އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެން ވާ މީހާއެވެ." متفق عليه

އިސްވެ ދެންނެވި މައްސަލަފަދަ އެހެން މައްސަލައެކެވެ. އޭސީ ޔުނިޓުން ފެންފޭބުމެވެ. ވަރަށް ގިނަބަޔަކު، ތިމާމެންގެ ކޮޓަރި ފިނިކުރަން އޭސީ ޔުނިޓް ބަހައްޓައިގެން އުޅޭއިރު، އެއިން ފައިބާ ފެން ބޭރަށް ހިިނގާބިގާވެ ހަދާމީހުންނަށް އުުނދަގޫވާގޮތަށް ބަހައްޓާފައި ހުރެއެވެ. ވިސްނަވާށެވެ! ވާރޭ ނުވެހޭ ދުވަހަކު އެކަކުވެސް އެކަހަލަ ފެންތިކި ތަކެއް އެމީހެއްގެ ގަޔަށް ޖެހޭކަށް ބޭނުމެއް ނުވާނެއެވެ. އެކަމާ ރުޅިއައިސްގެން ވަރަށް ގިނަ މީހުން ވާހަކަ ދައްކާތަން އަޅުގަނޑަށް ފެނިފައިވެސް އެބަހުއްޓެވެ. ފަސޭހައިން ޙައްލުކޮށްލައި، ބަޔަކަށް އުނދަގޫތަކެއް ނުދީ ސަލާމަތްވެވެން ހުންނަ ކަންކަންވެސް އަޅުގަނޑުމެންގެ ބައެއް މީހުންގެ ކަންފަސޭހަކަން ހުންނަގޮތުން މިހުންނަނީ ދޫކޮށްލައިފައެވެ. ހެޔޮވާނީ ކިހިނަކުން ތޯއެވެ؟

ހަމަ މިފަދަ އަނެއް މިސާލެެވެ. ހަދަމުން ދާ ޢިމާރާތެއް ވީމާ، ޝީޓު އަޅާފައި، ޝީޓަށް ވެހޭ ވާރޭފެންތައް ބާލުވަން މިހުންނަނީ މަގުމައްޗަށް ވެރޭ ގޮތަށެވެ. ވާރޭ ހުއްޓާތާ ކިތަންމެ އިރެއް ވާއިރުވެސް މިބުނާ ޢިމާރާތްތަކުން ފެން ހުސްނުވެއެވެ. މިފެންތަކާ ހެދި ސައިކަލު ދުއްވާ މީހުންނާއި ހިނގާމީހުން ތެމި ފޯވެ، އެކި އެކި ނުރުހުމުގެ ބަސްތައް އެޢިމާރާތުގެ ވެރިފަރާތަށާ އެމަސައްކަތް ކުރާ ބަޔަކަށް އަމާޒުވާތަންވެސް ވަރަށްގިނައިން ފެނެއެވެ.

އަޚުންނޭވެ! މިހެން ނަހައްދަވާށެވެ! ބޭކާރުގޮތުގައި ތިބާއަށް ބައެއްގެ ލަޢުނަތް އަމާޒުވާފަދަ މިފަދަ ކަންކަމުން ދުރުހެލިވަމާ ހިންގަވާށެވެ! އިޞްލާޙްކޮށްލައްވާށެވެ! ކަންފަސޭހަ ނުކުރައްވާށެވެ! އަނެކުންނާމެދުވެސް ކޮންމެވެސް ވަރަކަށް ވިސްނަވާށެވެ!

 

އެޑިޓަރުގެ ނޯޓް: މިއީ ރޯދަމަަހަށް ޚާއްޞަކޮށް، ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތަކަށް އަލިއަޅުވާލައި އައްޝައިޚް ޢަލީ ޒައިދު ތައްޔާރުކޮށްފައިވާ ކުރު ލިޔުންތަކެކެވެ! ތަފާތު އެކި މައުޟޫތަކަށް މި ލިޔުންތަކުގައި އަލިއަޅުވައި ލެވޭނެއެވެ. ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ އިތުރުން، ދީނީ އިޖްތިމާޢީ އަދި އަޚްލާޤީ އެކިއެކި ކަންކަމުގައި އަގުހުރި ދަރުސް ތަކެއް ދެއްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ