ރައީސް މުޙައްމަދު ނަޝދު ދިރިއުޅުއްވާ ގ.ކެނެރީގޭ ހުންނަ ނޯލޯފަރު ހިނގުމުގައި ސައިކަލު ޕާކްކޮށްފައި ހުންނާތީ އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިވާތީ އެމަގު ހުސްކޮށްދެއްވުމަށް އެމްއެންޑީއެފް އިން އެދިފައިވާކަން ހާމަވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ހަމަލާދިން ގޯޅިއަކީ ވަރަށް ހަނި އަދި ގިނަ ޢަދަދެއްގެ ސައިކަލު ޕާކްކޮށްފައިވާ ގޯޅިއެކެވެ. އެ ގޮޅީގައި ގިނަ ޢަދަދެއްގެ ސައިކަލް ޕާކް ކޮށްފައި ހުންނާތީ ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިވާކަމަށް ބުނެ އެމްއެންޑީއެފް އިން ސިޓީކައުންސިލްގައި އެދުމުން، ސިޓީ ކައުންސިލުން ވަނީ މިދިޔަ މަހުގެ23 ގައި ޕްލޭނިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. އެސިޓީގައި ވަނީ ނޯލޯފަރު ހިނގުމުގައި ގިނަ ޢަދަދެއްގެ ސައިކަލް ޕާކްކޮށްފައި ހުރުމުގެ ސަބަބުން ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިތަކާއި ކުރިމަތިވާތީ، މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް ފޯސް އިން އެ މަގުގައި ޕާކް ނުކުރެވޭނެގޮތް ހަދައިދިނުމަށް އެދިފައިވާކަމަށް ބުނެފައިވެއެވެ. އެެންކަމުން އެމަގު ހުސްކޮށްދޭން ފެންނަކަމަށް ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.އަދި އެސަރަހައްދުގައި ޕާކިން ޒޯނެއް ބިއްލޫރިޖެހި ގޭގައި ހެދުމަށް ހުދަ ދެއްވުމަށްވެސް ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި އެދިފައިވެއެވެ.

ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމާއި މަޖީދީ މަގު ގުޅޭ ކަންމަތިން އެމަނިކުފާނު ކާރަށް އަރައިވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ލިބިވަޑައިގަތް ޒަޚަމްތަކަށް އޭޑީކޭ ގައި ދަނީ ފަރުވާ އަރުވަމުންނެވެ. އޭޑީކޭއިން ވަނީ އެމަނިކުފާނުގެ ހާލު ސީރިއަސްކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ