ރިޔާސަތު ލިބުމުން ޝާހިދުމެންގެ ސަރުކާރުގެ ތަފާތު ފެންނަކަމަށް ވިދާޅުވެ، މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުޢާޒް މުޙައްމަދު ރަޝީދު، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ފާޑުވިދާޅުވެއްޖެއެވެ.
މުޢާޒް މިހެން ވިދާޅުވެފައި މިވަނީ، އދގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު ހުންނަވާއިރު އެ ރިޔާސަތުވާނީ އުންމީދީ ރިޔާސަތަކަށް ކަމުގައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދު ވިދާޅުވުމާއ ގުޅިގެންނެވެ. އދގެ 76 ވަނަ އާންމު މަޖިލިހުގެ ރިޔާސަތު ކާމިޔާބުކުރެއްވުމަށް ކުރައްވާ ކެމްޕޭނުގައި ތަޞައްވަރު ހާމަކުރައްވައި ހިއްސާކުރެއްވި "ވިޜަން ސްޓޭޓުމެންޓު"ގައި ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސަތުވާނީ މީހުންނާއި ދުނިޔެއާއި ތަނަވަސްކަމަށްޓަކައި ނަތީޖާ ނެރުމަށް މަސައްކަތްކުރާ ރިޔާސަތަކަށް ކަމަށާއި، އެއީ އުންމީދުގެ ރިޔާސަތެއްކަމަށެވެ.
ޝާހިދުގެ މި ވާހަކަފުޅަަށް ރައްދުދެއްވާ މަޑަވެލި ދާއިރާގ ކުރީގެ މެންބަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، ގައުމު ފުނޑިގެންދާއިރުވެސް ރިޔާސަތެެއް ނުލިބިގެން ރައްޔިތުންގެ ފައިސާ ތަޅާ ހުސް ކުރަނީކަމަށެވެ. ދިވެހި ރާއްޖޭގެ ރިޔާސަތު ލިބުނީމަ ޝާހިދުމެންގެ ސަރުކާރުގެ ތަފާތު މިއަދު އެބަ ފެނޭކަމަށްވެސް މުޢާޒް ވިދާޅުވިއެވެ.
ގައުމު ފުނޑިގެންދާއިރުވެސް ރިޔާސަތެެއް ނުލިބިގެން ރައްޔިތުންގެ ފައިސާ ތަޅާ ހުސް ކުރަނީ. ދިވެހި ރާއްޖޭގެ ރިޔާސަތު ލިބުނީމަ ޝާހިދުމެންގެ ސަރުކާރުގެ ތަފާތު މިއަދު އެބަ ފެނޭ
– މުޢާޒް މުޙައްމަދު ރަޝީދު
އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުކުރުމަށް ވަރަށް ގިނަ ޤައުމުތަކަކުން އެއްބާރުލުންދެމުން އަންނަކަމަށާއި، އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދުގެ އިތުރުން އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ ޑރ.ޒަލްމާއި ރަސޫލެވެ.
އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ މަތީ މަގާމެވެ. ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހުއެވެ. ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދެވެ. މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.
މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ. މިނިސްޓަރ ޝާހިދު ވާދަކުރައްވަނީ މިސަރަހައްދަށެވެ.
ކޮމެންޓު ފޮނުވާ