އެންމެ މަތީ ދަރަޖައިގެ އަހައްމިއްޔަތު ދީގެން ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުޤީޤު ފަށައިފިއެވެ.
ގިނަ ރައްޔިތުންގެ ކަންބޮޑުވުން މިމައްސަލާގައި ބައިނަލް އަޤުވާމީ ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މިމައްސަލަ އެންމެ ދަރަޖަައިގައި އަހައްމިޔަތުކަން ދީގެން ތަހުގީގުގެ ކަންކަން ދިވެހި ފުލުހުން ކުރާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދެވުނު ހަމަލާ ހަރުކަށި އިބާރާތުން ކުށެވެރިކުރަން. މިމައްސަލަ އެންމެ މަތި ދަރަޖައިގެ އަހައްމިޔަތު ކަންދީގެން ދިވެހި ފުލުހުން ތަޚްޤީގު ކުރާކަން ކަށަވަރު ކުރާނަން. ރައީސް ނަޝީއާއި ގެއްލުންވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން.
– ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް މިރޭ ހަމަލާދީފައވަނީ ދުރާލައި އެމަނިކުފާނަށް ފާރަލައިގެން ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ. އެމަނިކުފާނުގެ ކާރުކޮޅު ރޯދަމަހު ކޮންމެ ރެއަކުވެސް އަށަކާއި ނުވަޔަކައި ދޭތެރޭ ގޭކައިރިއަސް އައިސް އެމަނިކުފާނު އަރުވައިގެން ދާކަން މިކަން ކުރިބަޔަކު ފާރަލާފައިވާކަން މިހަމަލާ ދީފައިވާ ގޮތަށް ބަލާއިރު އެގޭކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ތަހުގީގު ކުރިއަށްދާ ގޮތާއި، އެމަނިކުފާނަށް ލިބިފައިވާ ގެއްލުމުގެ ސާފު މައުލޫމާތު ލިބެންދެން މަޖިލީހުގެ ޖަލްސާވެސް ހުއްޓާނުލައި ދަންމާލުމަށް ވަނީ ނިންމާފައެވެ. މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމާލާއެއްކަމަށް ބެލެވޭއިރު، ކުރީގެ ރައީސުން ހިމެނޭގޮތަށް ސިޔާސީ ފަރާތްތަކުން މިހަމަލާ ކުށްވެރިކުރަމުންނެވެ. އަދި ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ސަރުކާރުގެ އިސްވެރިން ވަނީ އޭޑީކޭއަށް ޒިޔާރަތްކޮށްފަައެވެ.
މިހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. މިގޮތުން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކޮށްފައިވާއިރު، ފުލުހުންގެ އެލާޓް ލެވަލް ވަނީ ލެވަލް 3 އަށް މަތިކޮށްފައެވެ.