މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ރައީސުލްޖުމްހޫރިއްޔާ އުވާލެއްވީ، އެ މިނިސްޓަރުކަމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ނަމެއް ފޮނުވާފައިވަނިކޮށްކަން އެނގިއްޖެއެވެ.
ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމު ހުސްވީ މިއަހަރުގެ މަރިޗް މަހުގެ ފުރަތަމަ ދުވަހު، އޭރުގެ މިނިސްޓަރަކަށް ހުންނެވި މުޙައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ. އޭގެ ފަހުން މިނިސްޓަރަކު އައްޔަން ނުކުރައްވާ ދެ މަސް ދުވަސް ފާއިތުވިފަހުން ރައީސް މިއަދު ވަނީ ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައްވާ، އެ މިނިސްޓްރީގެ މެންޑޭޓް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައެވެ. އަދި މިނިސްޓަރަކަށް އައްޔަންކުރެއްވީ، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އައިމިނަތު ޝައުނާއެވެ.
ކުރިން ޖޭޕީއަށް އޮތް ސްލޮޓް އުވާލައްވާ، އެމްޑީޕީގެ މިނިސްޓަރެއް އައްޔަންކުރައްވާފައިވާއިރު "ޚަބަރު އޮންލައިން"އަށް އެނގިފައިވާގޮތުން ޓެކްނޮލޮޖީ މިނިސްޓަރަކަށް އައްޔަންކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އޮތީ ރައީސްއަށް ނަމެއްވެސް ފޮނުއްވާފައެވެ. އެއީ ވިލާކޮލެޖުގެ ޑިރެކްޓަރ، އޮފީސް އޮފް ރެކްޓަރ ޑރ.މުޙައްމަދު ކިނާނަތުގެ ނަމެވެ.
ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ، ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމުގެ ސްލޮޓް އޮތީ ޖޭޕީއަށްކަމަށް ރައީސް އޭރު ޔަޤީންކަން ދެއްވާފައިވާކަމަށެވެ. އަދި ޤާސިމް ކިނާނަތުގެ ނަން ފޮނުއްވީވެސް އެހެންވެއެވެ.
ޓެކްނޮލޮޖީ މިނިސްޓްރީ ސަރުކާރުން އުވާލުމާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއަށް ކެބިނެޓުން އިތުރު ސްލޮޓެއް މިވަނީ ގެއްލިފައެވެ. މީގެ ކުރިންވެސް ޖޭޕީގެ ސްލޮޓަށް ރައީސް ވަނީ އެމްޑީޕީގެ ބޭފުޅަކު އައްޔަންކުރައްވާފައެވެ. ޖޭޕީ ސްލޮޓްގައި ހުންނެވި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އިސްތިއުފާދެއްވުމުން އެ މަޤާމަށް ރައީސް އައްޔަންކުރެއްވީ އެމްޑީޕީގެ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް (ކެރަފާ ނަސީމް)އެވެ.
އެހެންކަމުން ކެބިނެޓްގައި ޖޭޕީއަށް އޮތް ސްލޮޓްތަކުން ދެ ސްލޮޓެއް މިވަނީ އެޕާޓީއަށް ގެއްލިފައެވެ. ހެލްތު މިނިސްޓަރަކަށް ކެރަފާ ނަސީމް އައްޔަންކުރެއްވީވެސް، އެ މަޤާމަށް އައްޔަންކުރެއްވުމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމް ދެ ނަމެއް ރައީސްއަށް ފޮނުއްވާފައިވަނިކޮށެވެ.
ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެބޮޑު ޕާޓީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަޤާމަށް އައްޔަން ކުރާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެއްކަމަށް މިސަރުކާރުގެ ގިނަ ބޭފުޅުންނާއި، އާންމު ގިނަ ރައްޔިތުންވެސް ތިބީ ޤަބޫލުކޮށްގެނެވެ. ހެލްތު މިނިސްޓަރުގެ މަޤާމަށް ނަސީމް އައްޔަން ކުރުމާއި ހަމައަށް މި މަޤާމަށް އައްޔަން ކުރާނީ ޖޭޕީގެ ބޭފުޅެއްކަމަށް ކޯލިޝަންގެ ގިނަ ޕާޓީތަކުންވެސް ތިބީ ޤަބޫލުކޮށްނެވެ.
ޖޭޕީއަށް އޮތް ދެ ސްލޮޓެއް ކެބިނެޓުން އެޕާޓީއަށް ގެއްލިފައިވާއިރު، ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއަށްވެސް ވަނީ ދެ ސްލޮޓެއް ގެއްލިފައެވެ. އެއީ ހައުސިން މިނިސްޓަރަކަށް ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީ އުވާލައްވާ، ޕްލޭނިން މިނިސްޓަރ އަސްލަމްގެ ދަށަށްމެންޑޭޓް ބަދަލުކުރުމުންނެވެ. އަދި ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަޙީދު މަޤާމުން ދުރުކުރައްވާ، އެ މަޤާމަށް ޖޭޕީގެ ޙުސައިން ރަޝީދު ޙަސަން އައްޔަންކުރެއްވުމެވެ.

ވެރިކަމަށް އައުމަށް މިސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ވާގޮތުން ވަކި އަދަދަކަށް ޖުމްހޫރީ ޕާޓީއަށާއި އެހެން ޕާޓީޓަކަށް ކެބިނެޓުން ޖާގަދޭން ޖެހެއެވެ.ނަމަވެސް އެހެން ޕާޓީތަކުގެ ސްލޮޓްތަކަށް އެމްޑީޕީގެ ބޭފުޅުން އައްޔަންކުރައްވާތީ، މިއީ ވެރިކަމަށް އައުމަށް އެއްބަސްވީ ކޯލިޝަން، ނިމިފައިވާކަމުގެ ފެށުންކަމުގައި ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިޔާގައި ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ