މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް، ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވައިފިއެވެ. ޝިފްލާ އިބްރާހީމް މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޝިފްލާ އިބްރާހީމް މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައިވަނީ ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަން ދާއިރާއިން ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީންނެވެ. މީގެ އިތުރުން ޝިފްލާވަނީ ޤައުމީ ޔުނިވަރސިޓީން ޖާރނަލިޒަމް ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ.
ޝިފްލާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު ޓެލެވިޒަން މޯލްޑީވްސްގެ އެނައުންސަރ ޓްރެއިނީއެއްގެ ގޮތުގައެވެ. ބްރޯޑްކޮމްއަށް ޝިފްލާ އައްޔަންކުރަން މަޖިލީހުން ރުހުންދެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ޝިފްލާއަކީ ޓީވީއެމްގައި ގިނަ އަހަރުތަކެއްވަންދެން ޕްރެޒެންޓަރެއްގެ އިތުރުން، ނޫސްވެރިއެއްގެ ގޮތުންނާއި، ނިއުސް އެންކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސަން މީޑިއާގައިވެސް މަސައްކަތްކުރައްވާފައިވާ ޝިފްލާ މިހާރު ހުންނެވީ ސަންގު ޓީވީގެ ޕްރެޒެންޓަރެއްގެ ގޮތުގައެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކޮށްފައިވަނީ ފަޒީންއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު ޢަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާއެވެ.
ކޮމެންޓު ފޮނުވާ